ރެއާލްގެ ދާއިމީ ކޯޗަކަށް ސޮލާރީ ހަމަޖައްސައިފި

ރެއާލް މެޑްރިޑްގެ ކޯޗް ސެންޓިއާގޯ ސޮލާރީ--

ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޖޫލިއަން ލޮޕެޓެގުއީ މަގާމުން ވަކި ކުރުމުން، އެ ޓީމުގެ ވަގުތީ ކޯޗު ކަމާ ހަވާލުވި ސަންޓިއާގޯ ސޮލާރީ، އެ ޓީމުގެ ދާއިމީ ކޯޗު ކަމަށް ހަމަޖައްސައިފި އެވެ.

މީގެ ކުރިން ރެއާލްގެ ބީޓީމުގެ ކޯޗު ކަމުގައި ހުރި ސޮލާރީ ދާއިމީ ކުރުމާ މެދު ކްލަބުން ދެ ހަފްތާގެ ތެރޭގައި ނިންމުމެއް ނިންމަން ޖެހުނެވެ. އެއީ ސްޕެއިންގެ ފުޓުބޯޅަ ފެޑަރޭޝަނުގެ ގަވާއިދު އޮންނަ ގޮތުންނެވެ.

ސޮލާރީ ދާއިމީ ކުރަން ނިންމާފައި މިވަނި އޭނާ ހަވާލުވި ފަހުން ހަތަރު މެޗުން ރެއާލް ޖެހިޖެހިގެން މޮޅުވެފައި ވަނިކޮށެވެ. ސޮލާރީގެ ކޯޗު ކަމުގެ ދަށުގައި ރެއާލް އިން ވަނީ، މެލީލާ، ރެއާލް ވެލަޑޮލިޑް، ވިކްޓޮރިއާ ޕްލަޒެން އަދި ސެލްޓަ ވީގޯ ބަލިކޮށްފަ އެވެ. އެ ހަތަރު މެޗުގައި ސޮލާރީގެ ރެއާލް ކޮޅަށް ވަނީ އެންމެ ދެ ގޯލެވެ. ރެއާލުން ވަނީ ހަތަރު މެޗުގައި ފަނަރަ ގޯލު ޖަހައިފަ އެވެ.

އާދީއްތަ ދުވަހު ސެލްޓަވީގޯ އަތުން މޮޅުވި މެޗަށް ފަހު ސޮލާރީގެ އާ ކޮންޓްރެކްޓު ފުޓުބޯޅަ ފެޑަރޭޭޝަނަށް ފޮނުވައި އޭނާ ދާއިމީ ކޮށްފައިވާ ކަމަށް "އީއެސްޕީއެން" އިން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެކަން ސްޕެއިންގެ "މާކާ" ނޫހުން ވަނީ ކަށަވަރުކޮށްފަ އެވެ. އެހެން ނަމަވެސް، އަދި އެކަން ރެއާލުން ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

ރެއާލްގެ ކޯޗުކަމާއި ސޮލާރީ ހަވާލުވިއިރު އެޓީމު އޮތީ ސްޕެނިޝް ލީގުގެ ނުވަ ވަނައިގަ އެވެ. ނަމަވެސް އެޓީމު މިހާރު ވަނީ ލީގުގެ ހަވަނަ އަށް ޖެހިލާފަ އެވެ.

comment ކޮމެންޓް