މަންތާގެ ފްލައިޓުތަކުގައި ދެ ކެޓަގަރީއެއްގެ ސީޓު ހުންނާނެ

މަންތާ އެއާގެ ފުރަތަމަ ބޯޓު ވީއައިއޭގައި ޕާކުކޮށްފައި އޮތްއިރު އެކުންފުނީގެ މުވައްޒަފުން ފޮޓޯ އަކަށް އެތުރިގެން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާ މަންތާ އެއާ އިން އެ އެއާލައިނުގެ ފުރަތަމަ ފްލައިޓު މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.

އޭޓީއާރު 600-70 މަރުކާގެ މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ.

މަންތާގެ ދަތުރުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެ އެއާލައިންގެ ސީއީއޯ މުހައްމަދު ހަލީލް މިއަދު ވިދާޅުވީ މަންތާގެ އެންމެ ބޮޑު އެއް މަގުސަދަކީ މިހާރު ޑޮމެސްޓިިކް ދަތުރުތަކުގައި ދެމުންދާ ހިދުމަތްތަކަށްވުރެ ރަނގަޅު ހިދުމަތެއް ދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ އެއާކްރާފްޓުގައި ވާނީ ދެ ކްލާހެއްގެ ސީޓުވެސް އުފައްދާފައި، އެއީ ސެފިއާ އަކާއި ކޮމްފޯޓް ކުލާހެއް. މީގެ ބޭނުމަކަށް ވަނީ ކަސްޓަމަރުންނަށް މިހަރު އެއާލައިން ތަކުންދޭ ހިދުމަތަށްވުރެ ތަފާތު ހިދުމަތްތަކެއް ދިނުން،"

މަންތާގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނީ "ބަސް ސާވިސް" އެއްގެ ގޮތުގައި ނޫންކަމަށާއި އެ އެއާލައިން އޮޕަރޭޓްކުރާނީ "ޕްރޮޕާ އެއާލައިންއެއް" ގޮތަށް ކަމަށް ހަލީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވިސްނާފައި މިއޮތީ ޕްރީ ޝެޑިއުލް އަށް ބޭސްކޮށްގެން އޮޕަރޭޝަންތައް ކުރިއަށް ގެންދަން. ކޮންމެ ބޭފުޅަކުވެސް ދަތުރު ކުރައްވަން ބޭނުންފުޅުވާ ދުވަހެއް ކަނޑައަޅާފައި ރިޒަވޭޝަންހަދައިގެން ސީޓް ކޮންފާމް ކުރެވޭނެ. ސީޓް ކޮންފާމުވިތޯ ބަލަން ފަހުވަގުތަށް މަޑުކުރަން ނުޖެހޭނެ. ހަމަސް ކުރިން ސީޓް ރިޒާވް ކުރަން ބޭނުންވިޔަސް އެ [ދަތުރުކުރަން ބޭނުންވާ] ދުވަހަކަށް ސީޓްއެވެއިލެބްލް ވަންޏާ، ސީޓް ނަންބަރާ ފްލައިޓު ވަގުތާ އެކީ އެނގިގެންދާނެ ހަމަސްދުވަސް ކުރިންވެސް،" ހަލީލް ވިދާޅުވީ މަންތާ އެއާގެ ދަތުރުތައް ރާވަނީ ކޮންމެ ހަ މަހަކުން ޝެޑިއުލް އާންމުކުރާ ގޮތަށް ކަމަށެވެ.

"މިހާރު އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ ސީޑް ނުލިބުން .ހާއްސަކޮށް ލޯކަލްސް އަށް. އެމީހުންނަށް ސީޓު މިލިބެނީ ފުރަން ވަރަށް ކައިރިކޮށްފައި. އަޅުގަނޑުމެންގެ ސީޓު އެވެއިލެބަލްތޯ ބެލޭނެ ފަސިންޖަރު އަމިއްލައަށް .އެވެއިލެބްލް ވަންޏާ، އެ ސީޓު ކޮންފާމް ކުރެވޭނެ އަމިއްލައަށް،" ހަލީލް ވިދާޅުވިއެވެ.

މަންތާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

"ރިސޯޓުތަކަށްވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ގެސްޓު މީހާއަކަށް ނޭނގޭ އޭނާ [ރާއްޖެ އަންނައިރު] ކަނެކްޝަން ފްލައިޓު އިންނަ ވަގުތެއް. އޭނާ މިތަނަށް އައީމަ ކަނެކްޝަން ފްލައިޓުގެ ވަގުތުވެސް މި އެނގެނީ މަންތާގައި އެކަން ތަފާތުވާނެ. ގެސްޓު މީހާ ތިން ހަތަރު މަސްކުރިން ބުކް ކުރިނަމަވެސް އިންޓަނޭޝަނަލް ފްލައިޓުގެ ގަޑިއަށް ބަލާފަ އޭނާ އަށް ފުރުސަތު އޮންނާނެ،" ހަލީލް ވިދާޅުވީ ޓޫރިޒަމް ފުޅާވަމުން އަންނައިރު ފަތުރުވެރިންނަށް ހިދުމަތްދެވޭ ވަރަށް އެތެރޭގެ އުދުހުންތައް ފުޅާކުރަންޖެހޭ ކަމަށެވެ.

އޭނަ ވިދާޅުވީ މަންތާގެ ދަތުރުތަކާއެކު އެތެރޭގެ އުދުހުންތަކުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށެވެ. މަންތާ އުފެއްދުމުގެ އެއް ބޭނުމަކީވެސް އެތެރޭގެ އުދުހުންތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުން ކަމަށް ހަލީލް ވިދާޅުވިއެވެ.

"ދިވެހިންނަށް ވަރަށް ހާއްސަ ފެއާތަކެއް އިންޓްރޮޑިއުސްކޮށްފައި ހުންނާނެ. އޭގެ ތެރޭގައި ވަކި ވަރަކަށް ސީޓުތައް ބްލޮކް ކޮށްފައި ހުންނާނެ ލޯކަލްސް އަށް. ރިޒަވޭޝަން ހެދުމަށް އަޅުގަނޑުމެންގެ އޮފީހަށް ދާކަށް ނުޖެހޭނެ ކޮންމެހެންނެއް. އަޅުގަނޑުމެންގެ ރިޒަވޭޝަން ސިސްޓަމް މެދުވެރިކޮށް އޮންލައިންކޮށް ބުކް ކުރެވޭނެ،"

ހަލީލް ވިދާޅުވީ މަންތާގެ އިންފްލައިޓް ހިދުމަތްތައްވެސް އެހެން ފްލައިޓުތަކަށްވުރެ ތަފާތުވާނެ ކަމަށެވެ. "ރަނަގޅު ކޮމްފޮޓަބްލް ޑީސެންޓް ކޭޓަރިންއެއްވެސް ދޭނަން،"

ސިވިލް އޭވިއޭޝަނުން ހުއްދަ ލިބުނުހާ އަވަހަކަށް ދަތުރުތައް ފަށާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް