އެންމެ ދިގު ޑްރެގަން ބޯޓުގެ ރެކޯޑު ކެމްބޯޑިއާ ހޯދައިިފި

ކެމްބޯޑިއާ އިން ވަނީ އެންމެ ދިގު ޑްރެގަން ބޯޓުގެ ރެކޯޑު ހޯދާފައި -- ފޮޓޯ: އޭއެފްޕީ

ކެމްބޯޑިއާއިން 87.3 މީޓަރު ދިގު ޑްރެގަން ބޯޓެއް ހަދައި، ގިނެސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ޖާގަ ހޯދައިފި އެވެ.

ކެމްބޯޑިއާގެ ޕްރޭ ވެންގް ޕްރޮވިންސުގެ ޔޫނިއަން އޮފް ޔޫތު ފެޑެރޭޝަން (ޔޫވައިއެފްސީ)އިން ހެދި އެބޯޓުގެ ފުޅާމިނުގައި 1.94 މީޓަރު ހުރެ އެވެ. އެބޯޓު ހެދުމަށް ހަ މަސް ދުވަސް ނެގި އިރު އެ މަސައްކަތަށް 60،000 ޑޮލަރު ހޭދަވި އެވެ. އަދި އެބޯޓުގައި 179 މީހުންނަށް އެއް ފަހަރާ ތިބެވެ އެވެ.

މީގެ ކުރިން އެންމެ ދިގު ޑްރެގަން ބޯޓު ހެދުމުގެ ރެކޯޑު އޮތީ ޗައިނާގަ އެވެ. ދެ ހާސްސޯޅަ ވަނަ އަހަރު އެގައުމަށް އެރެކޯޑު ލިބުނީ 77.8 މީޓަރު ދިގު ޑްރެގަން ބޯޓެއް ހަދައިގެންނެވެ.

"ދުނިޔޭގެ އެންމެ ދިގު ޑްރެގަން ބޯޓު ހެދުމުގެ މަގުސަދަކީ ކެމްބޯޑިއާގެ ރައްޔިތުން ކުރީ ޒަމާނުގައި އެފަދަ ބޯޓުތައް ހަދައި ބޭނުން ކުރުމުގެ ތާރީހު ހަނދާން ކުރުން. ހާއްސަކޮށް ކެމްބޯޑިއާގެ ކުރީގެ ރަސްކަލުން ދިފާއީ ބޭނުމަށް ޑްރެގަން ބޯޓު ބޭނުން ކުރި ހަނދާން އާ ކުރުން،" ޔޫވައިއެފްސީގެ ނައިބު ރައީސް ސަރު ސޯކާ ވިދާޅުވި އެވެ.

އެރެކޯޑާ އެކު ކެމްބޯޑިއާ އިން ވަނީ މިހާރު ދުނިޔޭގެ ހަތަރު ރެކޯޑެއް ހަދައިފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ ދިގު ސްކާފް ހިމެނެ އެވެ. އެއީ 1،149.8 މީޓަރު ދިގު އަދި 88 ސެންޓިމީޓަރު ފުޅާ ސްކާފެކެވެ. އަދި އެއް ފަހަރާ އެންމެ ގިނަ އަދަދެެއްގެ މީހުން 'މެޑިސަން ޑާންސެއް'ގައި ބައިވެރިވުމުގެ ރެކޯޑާއި އެންމެ ބޮޑު ސްޓިކީ ރައިސް ކޭކް ހެދުމުގެ ރެކޯޑު ހިމެނެ އެވެ. އެޑާންސުގައި 2،015 މީހުން ބައިވެރިވި އިރު ސްޓިކީ ރައިސް ކޭކުގެ ބަރުދަން 4.04 ޓަނަށް އެރި އެވެ.

comment ކޮމެންޓް