ޖުމްހޫރީ ފަންސާހުގެ މެޑަލް އިފްތިތާޙު ކޮށްފި

"ޖުމްހޫޜީ 50 މެޑަލް"، ޕޮލިސް ކޮމިޝަނާ ހަމްދޫން ރަޝީދު އިފްތިތާހު ކޮށްދެއްވަނީ -- ފޮޓޯ ފުލުހުން

ޖުމްހޫރީ ފަންސާހުގެ މުނާސަބަތުގައި ފުލުހުންނަށް ދިނުމަށް ހަމަޖެހިފައިވާ މެޑަލް، "ޖުމްހޫރީ 50 މެޑަލް" އިފްތިތާޙްކޮށްފި އެވެ.

މި މެޑަލް އިފްތިތާހު ކުރެއްވީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގް ކޮންފަރެންސް ރޫމުގައި ބޭއްވި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.

ފުލުހުން ބުނީ ޖުމްހޫރީ ފަންސާސް މެޑައްޔަކީ އެ އިދާރާގައި މަސައްކަތްކުރަމުންދާ ފުލުހުންނަށް ގައުމީ ފެންވަރުގައި ދެވޭ ޝަރަފުގެ ނިޝާނެއްގެ ގޮތުން މުޅިން އަލަށް ތަޢާރަފުކޮށްފައިވާ މެޑަލް އެއް ކަމަށެވެ.

"ޖުމްހޫރީ 50 މެޑަލް"ގެ ގޮތުގައި މެޑައްޔެއް ފުލުހުންނަށް ދޭން ނިންމާފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެގްޒެކެޓިވް ލެވެލްގައި މަޝްވަރާކުރުމަށް ފަހު ކޮމިޝަނަރު އޮފް ޕޮލިސްގެ ލަފާފުޅުގެ މަތިންނާއި ޖުމްހޫރިއްޔަތަށް 50 އަހަރު ފުރޭ މުނާސަބާއާއި ގުޅިގެން ކުލަގަދަ ގޮތެއްގައި އެކަން ފާހަގަކުރުމުގެ ގޮތުން ކަމަށް ފުލުހުން މައުލޫމަތު ދެ އެވެ.

މި އަަހަރު ނޮވެމްބަރު މަހު 11 ވަނަަ ދުވަހާ ހަމައަށް ފުލުހުންގެ ވަޒީފާގައި ދެމިތިބި ހުރިހާ ފުލުހުކަށް މި މެޑަލް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ބޭއްވި މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް ޙަމްދޫން ރަޝީދުގެ އިތުރުން މެނޭޖްމަންޓް ބޯޑުގެ މެމްބަރުންނާއި ފުލުހުންގެ ކޮމިޝަންޑް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

comment ކޮމެންޓް