ޖޭއެސްސީގެ މެންބަރުކަމުން ރިޒާ ވަކިކުރުމުގެ ބަހުސް ފަށައިފި

ރިޒާ މަޖިލީހުގެ ޖަލްސާއެއްގައި -- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމުން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައި ބަހުސު ފައްޓައިފި އެވެ.

ރައްޔިތުން މަޖިލީހުން ކަނޑައަޅާފައި ހުންނަވާ މެންބަރު ރިޒާ ވަކިކުރަން ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމްއެވެ.

ރިޒާ މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލާގައި ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

"މިގޮތުން އަދުލު އިންސާފު ގާއިމް ކުރުމުގެ ކަންތައް ހިންގުމުގައްޔާއި ކޯޓާ ގުޅޭ އެހެނިހެން ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހަށް ލަފާދެއްވަން ޖެހޭ ކަމަށް ގާނޫނު އަސާސީ އިން ލާޒިމު ކޮށްފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ރައްޔިތުންނަށް އިންސާފު ގާއިމު ނުވާ ކަމުގައި ރައްޔިތުންނާއި އދ. އާއި މުޅި ދުނިޔެއިން ފާހަގަކޮށް ކަންބޮޑުވަމުންދާ ކަންކަމުގައި މަޖިލީހަށް ލަފާދެއްވަމުން ނުދާ،" ކަމަށް ނާޒިމް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި އިންނެވި ނަމަވެސް އަމިއްލަ ފަރާތްތަކަށް ވަކާލާތު ކޮށްދިނުމަށް ރިޒާ ކޯޓަށް ވަޑައިގަންނަވާ ކަމަށާއި އެއީ ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ކަމެއްކަމަށް އެ މައްސަލާގައި ފާހަގަކޮށްފައި ވެ އެވެ.

މީގެ އިތުރުން ފަނޑިޔާރުންނާ ބެހޭ ގޮތުން އުފުލާ ޝަކުވާތައް ބެލުމާއި ފިޔަވަޅު އެޅުމުގައި ހަމައާއި އިންސާފުން އެއްކިބާވެވަޑައިގެން އެކަން ކުރައްވާ ކަމަށް ރިޒާ މަގާމުން ދުރުކުރުމަށް ހުށަހެޅި މައްސަލާގައި ބުނެފައިވެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައްޔާއި ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި މެންބަރު ރިޒާ ހުންނެވުމުގެ ސަބަބުން ލިބޭ ފުރުސަތުތަކެއް ކަމަށް ގަބޫލު ކުރެވޭ ގޮތަށް ސަރުކާރު ކުންފުނިތަކުގެ ވަކީލުކަން ކޯޓުތަކުގައި ކުރެއްވުމަށް ބޮޑެތި ފީ ނަންގަވާ ކަމަށާއި އެގޮތުން ޕޯޓްސް ލިމިޓެޑްގެ މައްސަލައެއްގައި ފީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ނެންގެވި ކަމަށް ބުނެ މިއީ ކޮރަޕްޝަން އެކުލެވޭ ކަމެއްކަމަށް އެ މައްސަލާގައި ބުނެފައިވެއެވެ. ބުނެފައިވެ އެވެ.

މި މައްސަލާގައި ޖަވާބުދާރީވަމުން ރިޒާ ވިދާޅުވީ އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ ބަޔެއްގެ އަމިއްލަ އެޖެންޑާ އެއް އޭގެ އަޑީގައި އޮވެގެން ކަމަށެވެ. ރިޒާ ވިދާޅުވީ އޭނާގެ މައްޗަށް ކޮސްފައިވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ރިޒާ ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރީ 2014 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މުއްދަތުގައި އޭނާގެ މައްޗަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާ ކަމަށާއި އެއްވެސް މައްސަލައެއްގައި ސުވާލު ކޮށްފައި ނުވާކަމަށްވެސް ރިޒާ ވިދާޅުވިއެވެ.

މެންބަރު ރިޒާ ވިދާޅުވީ އޭނާ އަކީ އިސްތިއުފާދީފައި ގެއަށްދާނެ ފިނޑިއެއް ނޫންކަމަށެވެ.

ރިޒާ ޖޭއެސްސީގެ މެންބަރުކަމުން ވަަކިކުރުމަށް ހުށަހެޅި މައްސަލާގައި ބަހުސް ކުރައްވަމުން ޕީޕީއެމްގެ މެންބަރުން ވިދާޅުވީ މިއީ ޒާތީގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.

comment ކޮމެންޓް