ޕާކިސްތާނާއި ޗައިނާއާ ދެމެދު ލަގްޒަރީ ބަހުގެ ހިދުމަތް ފަށައިފި

ޗައިނާ- ޕާކިސްތާން ލަގްޒަރީ ބަސް --

އިސްލާމްއާބާދު (ނޮވެމްބަރު 11): ޕާކިސްތާނުގެ ލާހޯރުން ޗައިނާގެ ޝިންޖަންގް ޕްރޮވިންސުގެ ކަޝްގަރާ ދެމެދު ލަގްޒަރީ ބަހުގެ ހިދުމަތް ފަށައިފިއެވެ.

ޕާކިސްތާނުގެ ޑޯން ނޫހުގައިވާ ގޮތުން އެބަސް ލާހޯރުން ކަޝްގަރަށް ދަތުރު ކުރާނީ ހޮނިހިރު، އާދީއްތަ، ހޯމަ އަދި އަންގާރައިގައެވެ. އަދި ކަޝްގަރުން ލާހޯރަށް ބަސް ދަތުރު ކުރާނީ އަންގާރަ، ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހުގަ އެވެ.

ގާތްގަނޑަކަށް 36 ގަޑި އިރު ނަގާ އެދަތުރު ކުރާ މީހުންގެ އަތުގައި ވިސާއާއި އައިޑީ ކާޑު އޮންނަން ޖެހޭނެއެވެ. އަދި އެއްކޮޅަށް ކުރާ ދަތުރަށް 13،000 ރުޕީސް (97 ޑޮލަރު) ނަގާނެކަމަށް ޑޯން ނޫހުގައިވެއެވެ.

އެއީ ޕާކިސްތާނާއި ޗައިނާ ދަތުރުފަތުރުން ގުޅުވާލުމަށް 2015 ވަނަ އަހަރު ހެދި، 60 ބިލިއަން ޑޮލަރުގެ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕީއީސީ)ގެ ދަށުން ފަށާފައިވާ ހިދުމަތެކެވެ.

comment ކޮމެންޓް