ނަހޫގެ "ބީ" އަންނަ އަހަރު ސިނަމާތަކަށް!

ފިލްމު "ބީގެ" ގެ ޕޯސްޓަރެއްގައި އައްޒަ އާއި ޖުމައްޔިލް....

މަޝްހޫރު ވާހަލަ ލިޔުންތެރި ޕްރޮޑިއުސަރު އަދި ކުޅަދާނަ ޑައިރެކްޓަރު ފާތިމަތު ނަހުލާ (ނަހޫ) މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވުޖޫދު ކުރަން ނިންމި "ބީ" އަންނަ އަހަރު ސިނަމާ ތަކަށް ގެންނަން ތާވަލްކޮށްފިއެވެ.

މި ފިލްމު އަންނަ އަހަރު ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން ނިންމި ނަމަވެސް "ބީ" ގެ ޝޫޓިން ފަށާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. ހަބަރުތައް ލިބޭ ގޮތުގައި އެ ފިލްމުގެ ސްކްރީން ޕްލޭ މިހާރު ވަނީ ނިމިފައެވެ.

"އެކަމަކު ސްކްރީން ޕްލޭ އެބަ ޖެހޭ އަދި ޕޮލިޝްކޮށްލަން،" ނަހޫ ބުންޏެވެ.

އެ ފިލްމުގެ ޕޯސްޓަރެއް މީގެ ކުރިން ވަނީ އާންމުކޮށްފައެވެ. އެ ޕޯސްޓަރުން މިހާރު ފިލްމީ ދާއިރާގައި ތިބި އެންމެ ޑިމާންޑު ބޮޑު ތަރީންގެ ތެރޭގައި ހިމެނޭ ބަތަލާ މަރިޔަމް އައްޒަ އާއި ބަތަލް ޖުމައްޔިލް ނިމާލް ފެންނަ އިރު "ބީ" ގެ ޝޫޓިން ފަށާނީ ހަމަ އެ ދެތަރިން ލީޑު ރޯލަށް ލައިގެން ކަމަށް ނަހޫ ވަނީ ކަށަވަރުކޮށްދީފައެވެ.

"ބީ" ގެ މަސައްކަތް ފަށަން ނިންމާފައި ވިޔަސް އެ ފިލްމު ޑައިރެކްޓްކުރާނީ ކާކު ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އައްޒަ އާއި ޖުމައްޔިލް ފިޔަވައި ދެން އެ ފިލްމުގެ ކާސްޓުން ފެންނާނެ ތަރިން ވެސް އަދި އިއުލާނެއް ނުކުރެއެވެ.

ފިލްމު ސިނަމާ ތަކަށް އަންނާނެ ސީދާ ތާރީހެއް ރަސްމީކޮށް ބުނެފައި ނުވި ނަމަވެސް އަންނަ އަހަރު "ބީ" ބަލާލަން ލިބޭނެ ކަމުގެ ޔަގީންކަން ނަހޫ ދެއެވެ.

"އިރާދަކުރެއްވިއްޔާ އަންނަ އަހަރު ސްކްރީނުން ބީ ބަލާލެވޭނެ، މޮޅު ފިލްމަކަށް ވާނެ،" ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ނަހޫ ބުންޏެވެ.

އޭނާ އެންމެ ފަހުން ފިލްމެއް ގެނެސްދީފައިވާނީ މިދިޔަ އަހަރު އެވެ. އެއީ ކުޅަދާނަ ފިލްމީ ތަރި އައިޝަތު ރިޝްމީ ޑައިރެކްޓްކުރި "ބޮސް" އެވެ.

ނަހޫ މިހާރު އަންނަނީ ރާއްޖޭގައި އަލަށް ވުޖޫދު ކުރާ ވެބް ސީރީޒް "ހުވާ" ގެ މަސައްކަތް ކުރަމުންނެވެ. މި މަހުގެ ފަހު ކޮޅު އެ ސީރީޒް ފެންނާނެ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ނަހޫ އަމިއްލަ ޑައިރެކްޓްކުރާ ފިލްމެއްގެ ވާހަކަ ވެސް މީގެ ކުރިން ދެކެވުނެވެ. ނަމަވެސް މިކަމާ ގުޅޭ ނަހޫ އިތުރު ތަފްސީލަކަށް ނުދިޔައެވެ.

comment ކޮމެންޓް