ރިޒާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހޯމަ ދުވަހަށް ތާވަލްކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ: އެނާ ޖޭއެސްސީގެ މެމްބަރު ކަމުން ވަކިރުމަށް ހުށައަޅާފައިވާ މައްސަލަ ހޯމަ ދުވަހަށް ވަނީ ތާވަލް ކޮށްފަ -- ފޮޓޯ ރައްޔިޔުންގެ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައްޔިތުން މަޖިލީހުން ކަނޑައަޅާފައި ހުންނަވާ މެންބަރު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވަކިކުރުމަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު އާންމު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ރިޒާ ވަކިކުރަމަށް ހުށައެޅި މައްސަލާގައި ޖަވާބުދާރީ ވުމަށް 15 މިނިޓް ދިނުމަށް ވަނީ ފާސްކޮށްފައެވެ.

މީގެ ދެހަފްތާ ކުރީން ޖޭއެސްސީގެ މެންބަރު ކަމުން ރިޒާ ވަކިކުރުމަށް ހުށަހަޅާފައި ވަނީ ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.

ރިޒާ މަގާމުން ވަކި ކުރުމަށް ހުށަހެޅި މައްސަލާގައި ނާޒިމް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ މަސްއޫލިއްޔަތުތައް ރިޒާ އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

އަދި އަބުރުގެ ގާނޫނު އުވާލުމަށް ހެންވޭރު ދެކުނު ދައިރާ މެމްބަރު އަބްދުﷲ ޝާހިދު ހުށަހަޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ވެސް ހޯމަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.

މީގެ އިތުރުން އިތުރު ދެ ބިލެއްގެ އިބްތިދާއީ ބަހުސްތައް ފެށުމަށް ވަނީ ތާވަލް ކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލްގެ މައްސަލަ އާއި ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

comment ކޮމެންޓް