ނަޝީދަށާއި އިމްރާނަށް ޕާޓީގެ ރައީސްކަން ކުރެވޭނެތޯ ބަލަނީ

ޝައިހް އިމްރާން އަދި ރައީސް ނަޝީދު -- ފޮޓޯ: ޓްވީޓާ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި ޝައިހް އިމްރާން އަބްދުﷲ އަށް އެދެބޭފުޅުން ނިސްބަތްވާ ޕާޓީގެ ރައީސްކަން ކުރެވޭނެތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް "ސަން" އަށް ވިދާޅުވީ ރައީސް ނަޝީދާއި ޝައިހް އިމްރާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމާއެކު ސިޔާސީ ޕާޓީތަކުގައި އެދެބޭފުޅުން ތިއްބެވި މަގާމު ގެއްލިފައިވާ ކަމަށާއި ނަމަވެސް އެ ދެބޭފުޅުންގެ ހުކުމް ތަންފީޒު ކުރުން ސުޕްރީމު ކޯޓުން ލަސްކޮށްފައިވާތީ އެ މަގާމުތައް އަދާކުރެވިދާނެ ކަމާމެދު ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށެވެ.

"އާދީއްތަ ދުވަހު ބާއްވާ ކޮމިޝަނުގެ ބައްދަލުވުމުގައި ގޮތެއް ނިންމާ ޕާޓީތަކަށް އަންގާނެ" އަކްރަމް ވިދާޅުވިއެވެ.

ޖަލުތަކާއި ޕެރޯލް ގާނޫނުނަށް ގެނައި އިސްލާހާއެކު ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާއްމު މެމްބަރެއްގެ ހައިސިއްޔަތުން ނިސްބަތްވުން ފިޔަވައި އެއިން ތަނެއްގެ މަސްއޫލު ފަރާތެއްގެ ގޮތުގައި ހުރުމާއި އެ ތަންތަނުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ހުކުމެއް ތަންފީޒުކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެނެއް ނުވެއެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރިއެވެ. އަދި ޝައިހް އިމްރާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

comment ކޮމެންޓް