ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުން އޭސީސީން ހުއްޓުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިމާރާތްތަކެއް ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރަން އެޗްޑީސީން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރަން ފުރަތަމަ އިއުލާނު ކުރީ ހައުސިންގް މިނިސްޓްރީންއިންނެވެ. ހައުސިންގް މިނިސްޓަރު މުއިއްޒު އޭރު ވިދާޅުވީ ގޯތި ވިއްކަން އެޗްޑީސީގެ ބޯޑުން ނިންމައި އެކަން ކުރުމަށް އެޗްޑީސީން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.

'ސަން' އަށް އެނގިފައިވާ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އެޗްޑީސީގެ ބޯޑުން އެއްއިރަކުވެސް ނުނިންމަ އެވެ.

ހައުސިންގް މިނިސްޓްރީން ގޯތި ވިއްކަން އިއުލާނު ކުރި ނަމަވެސް އެކަން ފަހުން ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. އަދި ފަހުން އޭސީސީން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުން ހުއްޓާލަން އަންގާފައިކަން އެނގިފައިވެ އެވެ.

ގޯތި ވިއްކުމުގައި މީގެ ކުރިން އެޗްޑީސީއިން އަމަލު ކުރާ ގޮތާ ހިލާފަށް ގޯތި ވިއްކަމުންދާ ކަން އޭސީސީން ވަނީ އެޗްޑީސީއަށް އަންގާފަ އެވެ. ހައިސިންގް މިނިސްޓްރީން ގޯތި ވިއްކަން އިއުލާނު ކުރުމުން ކަމާ ގުޅޭ ލިޔެކިޔުންތައް ފޮނުވަން އޭސީސިން އެ މިނިސްޓްރީއަށް އެންގި ނަމަވެސް އެއްވެސް ލިޔެކިޔުމެއް ފޮނުވާފައި ނުވާކަންވެސް ވަނީ އެނގިފަ އެވެ.

ނަމަވެސް އޭރު ހައުސިންގް މިނިސްޓަރު މުއިއްޒު ވިދާޅުވެއްފައިވަނީ ލިޔެކިޔުންތައް އޭސީސީއާ ހިއްސާ ކުރި ކަމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އިއުލާނު ކުރީ 1000 އަކަފޫޓު ހަތަރު ލައްކަ ރުފިޔާ އަށެވެ.

ހައުސިންގް މިނިސްޓްރީއިން ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކަން އިއުލާނު ކުރި ދުވަހު އެތައް ހާސް ބަޔަކު ކިޔުގައި ޖެހިގެން ވަނީ ފޯމު ހުށަހަޅާފަ އެވެ.

comment ކޮމެންޓް