އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާނެ: އިންޑިއާ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ: އެނާ އިބޫ ހުވާކުރުމުގެ ރަސްމިއްޔާތައް ވަޑައިގެނެންނެވުމަށް ވަނީ ހަމަޖެހިފައި -- ފޮޓޯ: އެންޑީޓީވީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ހުވާ ކުރުމުގެ ރަސްމިއްޔާތަށް، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަޑައިގަންނަވާނެކަމަށް އެ ގައުމުން މިއަދު ބުނެފިއެވެ.

އިންޑީއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު، ރަވީޝް ކުމާރާ ހަވާލާދީ 'ދަ އިންޑިއަން އެކްސްޕްރެސް' ގައި ބުނެފައި ވަނީ މިމަހު 17 ވަނަ ދުވަހު ރާއްޖޭގެ އިންތިހާބީ ރައީސް އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އިބޫ ދެއްވި ދައުވަތު ގަބޫލުކުރަށްވައި، މޯދީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ދެ ގައުމުގެ ހީނަރުވެފައިވާ ގުޅުން ބަދަހިކުރަން ދެވޭ ފެހި ސިގްނަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިބޫ ވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، މޯދީ އެމަކުފާނަށް މަރުހަބާ ދެންނެވުމަށް ގުޅުއްވުމުން، ހުވާ ކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އެދި ދައުވަތު އަރުވައިފައެވެ.

ދެހާސް ފަނަރަ ވަނަ އަހަރު، މޯދީ ބޮޑު ވަޒީރު ކަމާ ހަވާލުވުމަށް ފަހު ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ވަޑައިނުގަންނަވަނީ ހަމަ އެކަނި ރާއްޖެއަށެވެ. އެހެން ކަމުން މިއީ އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ވާނެއެވެ.

މި ސަރުކާރުން ޗައިނާއާއެކު ބޭއްވި ގާތް ގުޅުމާއެކު ރާއްޖެއާ އިންޑިއާގެ ގުޅުން ވަނީ ވަރަށް ހީނަރުވެފައެވެ.

'ދަ އިންޑިއަން އެކްސްޕްރެސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ދަތުރުފުޅަށް ތައްޔާރުވުމަށް ބޯޑުވަޒީރުގެ އޮފިޝަލުންގެ ޓީމެއް މިހާރުވެސް ވެރިރަށް މާލޭގައި ހަރަކާތްތެރި ވަމުން އެބަދެއެވެ.

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިނުގެންފާނެ ކަމަށް އެގައުމުގެ މީޑިއާއަކުން މީގެ ކުރިން ވަނީ ރިޕޯޓު ކޮށްފައެވެ.

comment ކޮމެންޓް