މިއަހަރު އެމެރިކާގައި ބަޑިން ހަމަލާދީ މަރާލި މީހުންގެ އަދަދު 454އަށް އަރައިފި

ވޮޝިންޓަން (ނޮވެމްބަރު 9): މިއަހަރު ތެރޭގައި ވަކިވަކި ފަރުދުން އެމެރިކާގައި ހިންގި ބަޑީގެ ހަމަލާތަކުގައި މަރާލި މީހުންގެ އަދަދު 454އަށް އަރާފައިވާއިރު 1401 މީހުން ޒަޚަމްވި ކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން ނެރުނު ޑޭޓާއިން ހާމަވެއްޖެއެވެ.

އެމެރިކާގެ ރަސްމީ ޑޭޓާއާ ހަވާލާދީ ފަރަންސޭސިވިލާތުގައި ނުކުންނަ ނޫހެއް ކަމަށްވާ "ލޮމޮންޑް" ބުނިގޮތުގައި އެމެރިކާގެ ކޮންމެވެސް ތަނެއްގައި ކޮންމެ 4 ދުވަހަކުން އެއްދުވަހު ބަޑީގެ ހަމަލާތަކެއް ދީ މީހުން މަރާލުމުގެ ޖަރީމާއެއް ހިންގައެވެ. މިފަދަ ޙަމަލާތައް ދޭ ތަންތަނުގެ ތެރޭގައި ސްކޫލްތަކާއި ޔުނިވާސިޓީތަކާ ކެފޭ ރެސްޓޯރެންޓާ އަދި ރާވިއްކާ ޕަބްތަކާއި ނައިޓް ކްލަބާއި ފިހާރަތަކާ އަދި ގެތައް ހިމެނެއެވެ.

އެމެރިކާ ސަރުކާރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހަތިޔާރުންދޭ ޙަމަލާތައް އަހަރުން އަހަރަށް ގިނަވާކަން ފާހަގަ ކުރެވެއެވެ.

އެމެރިކާގައި މިފަދަ ޙާދިސާތަކަށް ޓެރަރިސްޓް ހަމަލާތަކެކޭ ނުކިޔައެވެ. ބަޑިން ޙަމަލާދީ ހިންގާ މިފަދަ ޖަރީމާތައް ތަންފީޒުކުރަނީ ނަފްސާނީ ގޮތުން ގޯސްހާލަތަކަށް ގޮސްފައިވާ މީހުންނާއި މަސްތުވެފައި ތިބެގެން ބަޑީގެ ބޭނުންކުރާ މީހުންގެ އިތުރުން ގޭންގްތަކުންނެވެ. ނަމަވެސް ވަކި ބަޔަކު ދެކެ ރުޅިއައިސްގެން ދޭ ނަފްރަތުގެ ހަމަލާތައްވެސް މީގެތެރޭގައި ހިމެނޭ ކަމަށް އެމެރިކާގެ ރަސްމީ ފަރާތްތަކުން ބުނެއެވެ.

ފާއިތުވި މަދުއަހަރުތަކަށް ބަލާއިރު ވަކިވަކި ފަރުދުން އެމެރިކާގައި ހިންގި ބަޑީގެ ހަމަލާތަކުގައި މަރާލި މީހުންގެ އަދަދާއި އަދި ގަތުލުގެ ޙާދިސާތައްވެސް އެންމެ ގިނައީ މިއަހަރުއެވެ. މިއަހަރު 78 ފަހަރެއްގެ މަތިން އެމެރިކާގެ އެކި ކަންކޮޅުތަކުގައި ބަޑިން ހަމަލާދީ މީހުން މެރުމުގެ ޖަރީމާތައް ހިންގާފައިވެއެވެ.

އެމެރިކާގެ ކެލިފޯނިޔާގެ ޕަބަކާއެކު ހުންނަ ރެސްޓޯރެންޓެއްގެ ތެރޭގައި މިދިޔަ ބުދަދުވަހު ދިން ބަޑީގެ ޙަމަލާތަކެއްގައިވެސް 13 މީހުން މަރުވެ 20 މީހުން ޒަޚަމްވެފައިވެއެވެ. ކެލިފޯނިޔާގެ ދެކުނުގައި ހުންނަ "ބޯޑައިލައިން ބާ އެންޑް ގްރިލް" ނަމަކަށް ކިޔާ އެ ރެސްޓޯރެންޓްގެ އެތެރޭގައި މީހަކު ބަޑިން ހަމަލާދޭންފެށިއިރު ޔުނިވާސިޓީއެއްގެ ދަރިވަރުން އެތަނުގައި ދިޔައީ އިވެންޓެއް ހިންގަމުންނެވެ. ބަޑީޖެހި މީހާއަކީ އެމެރިކާ ސިފައިންގެ ތެރޭގައި އުޅެފައިވާ މީހެއްކަމަށް ކެލިފޯނިޔާގެ ފުލުހުން ބުނެއެވެ.

އެމެރިކާގެ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ރެސްޓޯރެންޓްތަކާ އަދި ޝޮޕިންގް ސެންޓަރު ފަދަ އާންމުން ޒިޔާރަތްކުރާ ތަންތަނުގައި ބަޑީގެ މިބާވަތުގެ ހަމަލާތައް ދިނުން ފާއިތުވި 5 ވަރަކަށް އަހަރު ތެރޭގައި އިތުރުވެފައިވާތީ އެމެރިކާ ގެ އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ބައެއް މީހުން އެމީހުންގެ ދަރިން ސްކޫލަށް ފޮނުވަން މިހާރު ޖެހިލުންވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް