ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިއްސާރަ ކުރާނެ: މެޓް އޮފީސް

މޫސުން ގޯސްވުން -- ސަން ފައިލްފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މޭޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް މިއަދު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެގޮތުން ށ. އަތޮޅުގެ ރަށްތަކުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މިއަދު މެންދުރު 12އިން އިރުއޮއްސި ހަޔަކަށް ގުގުރުމާއެކު ވިއްސާރެ ކުރާނެ ކަމަށް ލަފާ ކުރެވޭތީ އެ އޮފީހުން ވަނީ އެ އަތޮޅުތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ކުރިއަށް އޮތް 24 ގަޑި އިރު ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ދެކުނު އަތޮޅުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި މެދުތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދުގެބާރުމިނުގައި ކަަމަށް މެޓް އޮފީހުން ބުންޏެވެ.

ކަނޑުތަށް ދެކުނުގައި އާދައިގެވަރަކަށް ގަދަވެ އަދި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައެިގެވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މައުލޫމަތު ދެއެވެ.

މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މެޓް އޮފީހުން އަންގާފައިވާ އިރު، ކަނޑު ގަދަ ވުމުގެ ސަބަބުން މިއަދު ހެދުނު ނ. އަތޮޅު ރޮބިންސަން ރިސޯޓުން ފުރައިގެން ރ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ވެސް ވަނީ ބަންޑުން ޖަހާލައިފައެވެ.

comment ކޮމެންޓް