ގއ. ސުނާމީ ގެތަކުގެ މަޝްރޫއުން 150 މިލިއަނެއްހާ ރުފިޔާ ސަރުކާރަށް ލިބެންޖެހޭ: އޮޑިޓް

ސަރުކާރުން އަޅައިދީފައިވާ ސުނާމީ ހައުސިން ޔުނިޓެއް -- ސަން ފައިލް ފޮޓޯ

ރާއްޖެއަށް 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގައި ގއ. އަތޮޅުން ގެދޮރު ގެއްލުނު މީހުންނަށް ދައުލަތުން ގެ އަޅަން ނިންމި މަޝްރޫއު އިން ދައުލަތައް ލިބެން ޖެހޭ 149.86 މިލިއަން ރުފިޔާ ދައުލަތައް ނުލިބޭ ކަމަށް އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެއެވެ.

އޮޑިޓާޖެނެރަލް ހަސަން ޒިޔަތު އިއްޔެ ނެރުއްވި ސުނާމީ ކާރިޘާއާ ގުޅިގެން ގއ. އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދި ބޯހިޔާވަހި ކަމުގެ މަޝްރޫއުގެ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސަބްކޮންޓްރެކްޓް އުސޫލުން މި މަޝްރޫޢުގެ މަސައްކަތްކުރި ކޮންޓްރެކްޓަރުން ސަރުކާރުގެ އިދާރާތަކަށާއި އަދި ސަރުކާރުގެ ކުންފުނިތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާގެ 149.86 މިލިއަން ރުފިޔާ ދައުލަތައް ލިބިފައި ނުވާ ކަމަށެވެ.

އެގޮތުން މަޝްރޫއު ހިންގަން ހަވާލުކުރި ވިމްލާ ކޮންސްޓްރަކްޝަނާއި ސަބްކޮންޓްރެކްޓާ ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އަށް ހައުސިން މިނިސްޓްރީން އަނބުރާ ދޭ ގޮތަށް ފައިސާ ދީފައި ވަނިކޮށް، ސައުދީ ފަންޑުން ވެސް ފައިސާ ނަގައި، އެ ފައިސާ ދައުލަތަށް ލިބިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ވިމްލާ ކޮންސްޓަރަކްޝަނަށް ދިން ފައިސާތަކުގެ ތެރެިން 8.15 މިލިއަން ރުފިޔާ އަދި ޕީބީސީއަށް ދިން 43.15 މިލިއަން ރުފިޔާ ދައުލަތައް ލިބެން ޖެހި، އެފައިސާ ލިބިފައި ނުވާކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. .

އޮޑިޓް ރިޕޯޓުގައި ސަރުކާރަށް ލިބެންޖެހޭ ކަމަށް ބުނާ ފައިސާ ތަކުގެ ތަފްސީލް:

  • ވިމްލާ ކޮންސްޓަރަކްޝަނަށް ޑަބަލް ޕޭމަންޓްގޮތުގައި އިތުރަށް 8.15 މިލިއަން ރުފިޔާ ދީފައިވުން.
  • ޕީބީޑީސީން ސަރުކާރަށާއި ސަރުކާރުގެ ކުންފުނިތަކަށް ދައްކަންޖެހޭ 43.15 މިލިއަން ރުފިޔާ ދައްކާފައިނުވުން
  • ވިމްލާ ކޮންސްޓަރަކްޝަނަށް ޑަބަލް ޕޭމަންޓްގޮތުގައި އިތުރަށް 8.15 މިލިއަން ރުފިޔާ ދީފައިވުން.
  • ވިމްލާ ކޮންސްޓްރަކްޝަނުން އެސްޓީއޯއިން ހޯދާފައިވާ މުދަލާއި ތަކެތީގެ އަގަށް އެ ކުންފުންޏަށް ދައްކަންޖެހޭ 29.75 މިލިއަން ރުފިޔާ ދައްކާފައިނުވުން.
  • މުދާ ގެނައުމަށް އެމްޓީސީސީއަށް ސަރުކާރުން ދޫކުރި ފައިސާގެ ތެރެއިން ސަރުކާރަށް އަނބުރާ ލިބެން ޖެހޭ 65.08 މިލިއަން ރުފިޔާ ލިބިފައި ނުވުން.
  • އެމްޓީސީސީން ކޮށްފައިވާ މަސައްކަތްތަކަށް އެ ކުންފުންޏަށް ދޭންޖެހޭ ވަރަށްވުރެ އިތުރަށް 3.73 މިލިއަން ރުފިޔާ ސަރުކާރުން ދީފައިވުން.

ވިމްލާ ކޮންސްޓްރަކްޝަނަށް 420 ދުވަސް ތެރޭ އެ އަތޮޅުގައި 298 ހައުސިން ޔުނިޓް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން 2008 ވަނަ އަހަރު އޮކްޓޯބަރު މަހު، 220.46 މިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފައެވެ.

ނަމަވެސް އެ މުއްދަތުގައި މަޝްރޫއު ނުނިމި ޖުމްލަ 382.53 މިލިއަން ރުފިޔާ ޚަރަދުކުރަންޖެހި، ދައުލަތުގެ ބަޖެޓުން އިތުރަށް 144.60 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން މަޝްރޫޢުގެ މަސައްކަތަށް ޚަރަދުކުރަން ނުޖެހޭ ގޮތަށް ސަޢުދީ ފަންޑުގެ ލޯނުއެހީގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅި މިމަޝްރޫގެ މަސައްކަތް ނިމިފައިވަނީ އޭގެ ފަސްވަރަކަށް އަަހަރު ފަހުން 2015 ވަނަ އަހަރު ޖެނުއަރީ މަހުއެވެ.

މި މަޝްރޫއު އަށް ސައުދީ އިން ވަނީ 58 މިލިއަން ސަޢުދީ ރިޔާލް ލޯނު އެހީގެ ގޮތުގައި ދީފައެވެ.

comment ކޮމެންޓް