"ކާކު؟"ގެ ޝޫޓިން ކާމިޔާބު ކަމާއެކު ނިންމާލައިފި

"ކާކު؟" ގެ ކާސްޓުން...

މިދިޔަ އަހަރު ގެނެސްދިން ލޯބީގެ ފިލްމު "ނޭދެން ވަކިވާކަށް" އަށް ފަހު ޑައިރެކްޓަރު މުހައްމަދު އަބޫބަކުރު (މާއެނބޫ) ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު "ކާކު؟"ގެ ޝޫޓިން ނިންމާލައިފިއެވެ.

"ކާކު؟"ގެ ހުރިހާ މަންޒަރެއް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. އެ ފިލްމުން ކުޅުދުއްފުށީ ބައެއް މީހުން ވެސް ފެންނާނެއެވެ.

"ސަން" އަށް މައުލޫމާތު ދެމުން މާއެނބޫ ބުނީ، ފިލްމުގެ ޝޫޓިން ކާމިޔާބު ކަމާއެކު ނިންމާލައިފި ކަމަށާއި ހުރިހާ ތަރިންގެ އެކްޓިންއާ ދޭތެރޭ ވެސް ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ހުރި ކަމަށެވެ.

"ވަރަށް ހިތް ހަމަޖެހިފަ މިހުރީ މަސައްކަތަށް، ވަރަށް ގިނަ ބައެއްގެ ސަޕޯޓާ އެކު ޝޫޓިން މި ނިންމާލެވުނީ، ހާއްސަކޮށް ކާސްޓަށާއި މިރަށު މީހުންނަށާއި އަދި މިރަށު "ކުއާންޓަމް" ފިހާރަށް އަށް ޝުކުރު އަދާކޮށްލަން ބޭނުން،" މާއެނބޫ ބުންޏެވެ.

"ކާކު؟" ގެ ޝޫޓިންގެ ތެރެއިން....

"ކާކު؟" އާ ބެހޭގޮތުން އިތުރަށް މާއެނބޫ ބުނީ، އެ ފިލްމުގެ ބާކީ އޮތް ލަވައިގެ ޝޫޓިން މާލެ އައިސް ކުރާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަންގެ މަސައްކަތް ފަށާނެ ކަމަށް މާއެނބޫ ބުންޏެވެ. އެ ފިލްމުގެ ކްރޫ މިއަދު މާލެ އައުމަށް ވަނީ ހަމަޖެހިފައެވެ.

އެ ފިލްމަކީ މާއެނބޫގެ އަމިއްލަ ވާހަކަ އެއްގެ މައްޗަށް ހަދާ ފިލްމެކެވެ. "ކާކު؟" އަކީ ބިރުވެރި ކަންތައް ތަކެއް ދައްކުވައިދޭނެ ފިލްމަކަށް ވާނެ ކަމަށް މާއެނބޫ ބުންޏެވެ.

"މި ފިލްމުގަ ހުންނާނެ ބިރުން ހަލާކުވާ ވަރުގެ މަންޒަރުތައް" ކާމިޔާބު ފިލްމު ތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދީފައިވާ މާއެނބޫ ފާހަގަކުރިއެވެ.

"ކާކު؟" ގައި ފެންނާނެ ސޮބާހު އާއި އިރްފާނާ...

އެ ފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައު ފެނިގެންދާނީ ހާމިދު އަލީ، އިބްރާހީމް ސޮބާހް، ޝާފިއު މުހައްމަދު، އިރްފާނާ އިބްރާހީމް އަދި އައިޝަތު ޔާސިރާއެވެ. މި ފަސް ތަރިން ވެސް ބޮޑު އަދި މުހިއްމު ރޯލު ތަކެއް ކުޅެފައިވާނެ ކަމަށް މާއެނބޫ ފާހަގަކުރިއެވެ.

"ކާކު"ގެ މަސައްކަތްތައް ނިމި ބެލުންތެރިންނާ ހަމަޔަށް އަންނާނީ އަންނަ އަހަރުގެ ތެރޭގައެވެ. އެ ފިލްމު ކުޅުދުއްފުށީ ސިނަމާގައި ވެސް އަޅުވާނެއެވެ.

comment ކޮމެންޓް