ސެމްސަންގުގެ ފަތްޖަހާލެވޭ ފޯނު ދައްކާލައިފި

ސެމްސަންގް ގެ ފަތްޖަހާލެވޭ ފޯނު---

އެތައް ދުވަހެއް ވަންދެން ސެމްސަންގުން ކުރި ފަތް ޖަހާލެވޭ ފޯނުގެ އުއްމީދު ހާސިލްކޮށް އެކުންފުނިން ފޯނު ދައްކާލައިފިއެވެ.

މިއަދު ހެނދުނު މި ފޯނު ދައްކާލާފައިވާއިރު މި ފޯނަށް އެކުންފުނިން ދިން ނަމަކީ އިންފިނިޓީ ފްލެކްސް ޑިސްޕްލޭއެވެ.

މި ފޯނު ހުޅުވާލުމުން ޓެބްލެޓެއްގެ ސައިޒަށް ބޮޑުވެއެވެ. އަދި ފަތް ޖަހާލުމުން ޖީބަށް ހެޔޮވަރު ފޯނަކަށް ބަދަލުވެއެވެ.

މި ފޯނު މިހާރު ކުރިއަށްދާ ސެމްސަންގު ޑިވެލޮޕާސް ކޮންފަރެންސްގައި ދައްކާލާފައިވާއިރު ޓެބްލެޓް ޑިސްޕްލޭގައި 7.3 އިންޗި ހުރެއެވެ.

ފޯނު ބާޒާރަށް ނެރެން ނިންމާފައިވަނީ އަންނަ އަހަރުއެވެ. ފަތްޖަހާލެވޭ ފޯނުތަކަށް އެންޑްރޮއިޑް ސަޕޯޓު ދޭނެ ކަމަށ ގޫގުލް އިން ވަނީ ބުނެފައެވެ.

ސެމްސަންގަކީ ފަތްޖަހާލެވޭ ފޯނު އާންމުކޮށް ދައްކާލި ފުރަތަމަ ކުންފުންޏެވެ. ވާވޭ، ލެނޯވޯ، ޝޯމީ ފަދަ ކުންފުނިތަކުން ވަނީ އަންނަ އަހަރު ތެރޭ ފަތްޖަހާލެވޭ ފޯނު ނެރޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް