ރީތި ރީތި މާފަރަކީ ވެސް މިހާރު ހަަމައެކަނި ދުރު "ހަނދާނެއް"!

ނ. މާފަރު---

ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުން މިހާރު ވަނީ އާންމުވެފަ އެވެ. އެއް ރަށެއްގެ ރީތިިކަމުގެ ފޮނިކަމަކީ އަނެއް ރަށެއްގެ ބަދު ނަސީބެކެވެ. ނޫން ނަމަ ރަށެއްގެ ކޮންކްރީޓް ތަރައްގީއަށް އަލިވިލެނީ އެތަނެއްގެ ހުރި މުއްސަނދި ގުދުރަތީ ރީތިކަން ގުރުބާންކޮށްގެންނެވެެ.

ގުދުރަތީ ރީތިކަން އިންތިހާއަށް ލިބިފައިވާ ކުޅުދުއްފުށީގެ ރީތި ކުޅިން ފެށިގެންގޮސް އެހެން ކިޔާނެ ކަމެއް ނެެތެވެ. ރާއްޖޭގެ ކިތަންމެ ރަށެެއްގެ މަލަމަތި މިހާރު ވަނީ މުޅިން ބަދަލުކޮށްލައިފަ އެވެ.

މިއީ ވެސް އެފަށަ ރަށެކެވެ. ބައިނަލްއަގުވަމީ އެއާޕޯޓްއެއްގެ ފޮނިމީރުކަން ލިބިގަތީ އެ ރަށުގެ ބޯ ޖަންގަލީގައި ހެދިފައިވާ ރުއްގަސްތައް މުޅިން ސާފުކޮށްލައިފަ އެވެ. ހިމަ ދިގު ނ. މާފަރުގެ ބޮޑު ބަޔަކުން ފެނުނު ރީތިކަން މިހާރު އެއީ ދުރު ހަނދާނެކެވެެ. މިހާރު އެތަނަކީ ބައިނަލްއަގުވާމީ އެއާޕޯޓްއެކެވެ.

މާފަރު މިހާރު އަދި ކުރިން އޮތް ގޮތް---

އެއާޕޯޓް އެޅުމުގެ ކުރިން އެތަނުގައި އެންމެ ހިތް ގައިމުކަމެއްގެ ގޮތުގައި ފާހަނގަވެފައި އޮތީ އެތަނުގައި އޮތް ބޮޑު ރީތި ފެންގަނޑެެވެ. ދޫނި ޖައްސާ އެ ރީތި ފެންގަނޑަށް، އަންނަ ދޫނިތައް ޖައްސާނެ ތަނެއް ނެތެވެ. މިހާރު އެތަނަށް ޖައްސަނީ ބޮޑެތި ދޫނިތަކެެވެ.

މާފަރަކީ ރާއްޖޭގެ މަދު ރަށަކަށް ނުނީ ލިބިފައިނުވާ ފަދަ ރީތިކަމެއް ލިބިފައިވާ ރަށެކެވެ. އެ ރަށުގެ ތިން ސަރަަހައްދުގައި ޗަކަ ބިމާއީ ކުޅި ސަރަހައްދު އެވެ. އެތަނުގައި ކަނޑޫ އަދި ރަނޑޫ ގަސްތައް ފުދޭ ވަރަކަށް ހެދިފައި އޮވެ އެވެ.

"ވަރަށް ރީތި ތަނެއް އެއީ. އިރުވާހުދާ ފިނދަނަ އާއި ބޮނޑަނަ ފަދަ ރީތި ދޫނިތައް ވަރަށް ގިނައިން ފެންނާނެ." އެރަށުގެ މީހަކު ބުންޏެވެ.

މާފަރަކީ 1212 މީހުންގެ އާބާދީގެ ރަށެކެވެ. މިވަގުތު ރަށުގައި ދިރިއުޅެނީ 800 އެއްހާ މީހުންނެވެ. މާފަރު އެއާޕޯޓަކީ، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން އަބޫދާބީ ފަންޑުގެ 60 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހެދި އެއާޕޯޓެކެވެ. އެ އެއާޕޯޓުގެ ތަރައްގީ ކޮށްފައި ވަނީ 2.2 ކިލޯ މީޓަރުގެ ދިގު ރަންވޭ އަކާ އެކުގަ އެވެ. އެއީ މިހާރު އުދުހޭ އެންމެ ބޮޑެތި މަތިންދާބޯޓުތައް ކަމަށްވާ، އެއާބަސް އޭ 320 އަދި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓު ޖެއްސޭ ވަރުގެ ރަންވޭ އެކެވެ.

މާފަރުގައި އެއާޕޯޓުު އެޅި ސަރަހައްދުން ނެގި ބައެއް ރުއްތައް ދާދި ފަހުން ބޭރުކުރަން އުޅެނިކޮށް އެކަން ހޫނުވީ ސޯޝަލް މީޑިއާގައި އެވާހަކަ ދެކެވި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް ވެސް އެކަން އައުމުންނެވެ.

މާފަރު ބޭރުގައި އޮތް ކާގޯ ބޯޓަކަށް ރުއްތައް އަރުވާ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނެވެ. އަދި އެ ރުއްތައް ބޭރުކުރަނީ ކަސްޓަމްސްގެ ހުއްދަޔާ އެކު ތޯ ވެސް ސުވާލު އުފެއްދި އެވެ. ފަހުން އެ މައްސަލަ މާބޮޑުވުމުން ނެގި ރުއްތައް ވަނީ އަނބުރާ ރަށަށް ގެންގޮސްފަ އެވެ.

އެއާޕޯޓް ހެދުމަށް ޓަކައި ގުދުރަތީ މުއްސަނދިކަން ގުރުބާންކޮށްލީ ހަމައެކަނި މާފަރެއް ނޫނެވެ. ކުޅުދުއްފުށީގެ ރީތި ބޮޑު ކުޅިއާއި އަދި ޅ. މަޑިވަރަކީ ވެސް އެއާޕޯޓް އެޅުމަށްޓަކައި މުޅިން ބަދަލުކޮށްލައިފައިވާ ތަންތަނުގެ ލިސްޓަށް އިތުރުކުރަން ޖެހޭ ތަންތަންތަނެވެ.

އެއާޕޯޓް އެޅުމަށް މާފަރުން ގިނަ އަދަދެއްގެ ރުއްތައް ނަގައިފައި--

މަޑިވަރާ ބެހޭ ގޮތުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އެއްވެސް އިންސްޕެކްޝަންއެއް ހަދާފައިނުވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިފަހުން ނުވަ ރަށަކުން ގަވައިދާ ހިލާފަށް ރުއްކެނޑިކަން އެނގިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ށ. މާކނޑުދުއާއި މިލަންދޫ ދ. ބަނޑިދޫ. ބ. ފުޅަދޫ ދ. އުއްދޫ. ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކާއި ރ. ރަސްގެތީމް، ބ. މާމަޑުއްވަރި، ނ. މާފަރު ށ. ޅައިމަގު ހިމެނެ އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ރުއްގަސް ފަދަ ތަކެތި އެކި ރަށްރަށް ގެންދިއުމުގައި އެކަން ކުރަން އުޅޭ ބަޔަކު ވަރަށް ފަސޭހައިން ރާވައިލައިގެން އެކަން ކުރާ ކަަމަށެވެ.

"މިސާލަކަށް މިސްކިތެއް އަޅަން. ފުޓްބޯޅަ ދަނޑެއް އަޅަން. މަދަރުސާއެއްގެ ކްލާސްރޫމްތަކެއް އަޅަން. މިކަހަލަ ނަންމުގައި މި ބިން ސާފުކުރެވެނީ. މިސްކިތް އެޅުމުގެ ނަމުގައި އެބަހުރި 6000 އަކަ ފޫޓުގެ ބިން ނަގާފައި. ދެން އެތަންތަނުގައި މި އަޅަނީ ދެން 200 އަކަފޫޓުގެ ކުދިކުދިން މިސްކިތް. ދެން ބުނަނީ ފަހުން މިސްކިތުގެ ޖާގަ ބޮޑުކުރަން ވެއްޖިއްޔާ ގޯތީގައި އިތުރު ޖާގަ ބޭނުންވެދާނެ ކަމަށޭ،" ޒާހިރު ވިދާޅުވި އެވެ.

ރަށަކުން ރުއްތަކެއް ބޭރުކުރުމަށް ޖަމާކޮށްފައި--ފޮޓޯ: މީސް މީޑިއާ

ނަމަވެސް ހަގީގަތުގައި އެންމެ ފުރަތަ މަވެސް އެތަނުގައި ހުންނަ ރުއްގަސްތައް ސާފުކުރާކަމަށާއި އަދި އެކަން ކުރަނީ ކޮންމެވެސް ރިސޯޓަކުން ނުވަތަ ބިމެއް ހިއްކައިގެން ރިސޯޓް ހަދަން ވިޔަފާރުކުރާ ފަރާތްތަކުން ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

"އެމީހުން އައިސް މިބުނަނީ ތިމަންނަމެން މި ރަށުގެ ސްކޫލަށް ކޮމްޕިއުޓާ ލެބެއް ހަދިޔާ ކުރާނަމޭ. ތިމަންނަމެން މިރަށުގެ ސްކޫލުގައި ކްލާސްރޫމް ބަރިއެއް އަޅާދޭނަމޭ. މިރަށުގެ ފާހަނާ ހޮޅި ރަނގަޅު ކޮށްދޭނަމޭ. މިރަށުގެ މައި ތޮށި ރަނގަޅު ކޮށްދޭނަމޭ،" ޒާހިރު ވިދާޅުވި އެވެ.

އެގޮތުން އެފަދަ އުކުޅުތައް ބޭނުންކޮށްގެން ބ. ގޮއިދޫގެ ބޮޑު ވާއެއްކޮށް ސާފުކޮށްލައިފައިވާ ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

ތިމާވެށީގެ ގޮތުން ރާއްޖެ ފަދަ ނާޒުކު ގައުމަކަށް ރުއްގަހަކީ ވަރަށް މުހިންމު އެއްޗެކެެވެ. ރަށް ގިރުމުގެ މައްސަަތައް ރާއްޖޭގެ ގިނަ ރަށްތަަކަށް ދިމާވެފައިވާ އިރު ރުއްގަސްތަކަކީ އެކަން ހުއްޓުވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ވަގުތީ ފައިދާއަަކަަށް ޓަކައި މިއަދު ރުއްގަސްތައް ކަނޑެދީނައެވެ. ނަަމަވެސް ދުރު މުސްތަގުބަލުގައި އޭގެ ގެއްލުން ކިތަންމެ ހާވެސް ބޮޑެވެ.

comment ކޮމެންޓް