މި އަހަރުގެ އެފްއޭ ކަޕް ކެންސަލް ކޮށްފި

އެފްއޭ ކަޕް ނިއުއާ އެކު ކާމިޔާބު ކުރުމަށް ފަހު ދަގަނޑޭ(ކ)، ކީޕަރު އިމްރާން(މ) އަދި އޮއްޕޮ(ވ)، އެފްއޭ ކަޕްގެ ތަށްޓާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން: --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި އަހަރު އެފްއޭ ކަޕް ނުބޭއްވުމަށް ފޫޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފެއޭއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ސިޒަން މި އަހަރުގެ ފުޓުބޯޅަ ސީޒަން އެކި އެކި ސަބަބުތަކާ ހުރެ ލަސްވެފައިވާތީ، ނޮވެމްބަރު ހަ ވަނަ ދުވަހު ބްލަބުތަކާ ކުރި މަޝްވަރާތަކަށް ފަހު މި އަހަރު އެފްއޭ ކަޕް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެފްއޭއެމް އިން ބުނީ، މި ނިންމުމާ އެކު އަންނަ އަހަރުގެ އެފްއޭ ކަޕަށް ކޮލިފައި ވާނީ މި ސީޒަނުގެ ޕްރިމިއާ ލީގު ޗެމްޕިއަން ކަމަށެވެ. އަދި ރަނަރަޕަށް އޭފްސީ ކަޕްގެ ޕްލޭ އޮފް ޖާގައެއް ލިބިގެންދާނެ ކަމަށް ބުންޏެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން ދިގުލައިގެން ގޮސްފައި ވަނީ ސާފު ސުޒުކީ ކަޕަށް ލީގު 70 ދުވަހަށް މެދުކަނޑާލުމުންނެވެ.

އެންމެ ފަހުން އެފްއޭ ކަޕް ކެންސަލް ކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތް ކެންސަލް ކުރަން ޖެހުނީ މިނިވަން 50ގެ ހަރަކާތްތަކަށް ގަލޮޅު ދަނޑު ތައްޔާރު ކުރުމުގެ ތެރޭގައި ދަނޑުގެ ވިނަގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ.

ސީޒަނަށް އައި ބަދަލާ އެކު ޕްރެޒިޑެންޓްސް ކަޕު ވެސް މި އަހަރު ނުބާއްވައި އަންނަ އަހަރަށް ފަަސް ކުރުމަށް ވަނީ ނިންމާފަ އެވެ. މި ނިންމުމާ އެކު މި ސީޒަނުގައި ކުރިއަށް ދާނީ އެސްޓޯއީ މާލޭ ލީގާއި ދިވެހި ޕްރިމިއާ ލީގު އެކަންޏެވެ.

އެފްއޭ ކަޕް މި އަހަރު ނުބޭއްވުމަށް ނިންމާފައިވާ އިރު ސީޒަން ފެށުމުގެ ކުރިން ކުޅޭ ޗެރިޓީ ޝީލްޑް މެޗު ވެސް މި އަހަރު ވަނީ ނުބާއްވަން ނިންމައިފަ އެވެ. އެންމެ ފުރަތަމަ ޗެރިޓީ ޝީލް ފަސް ކުރަން ނިންމީ އެ ދުވަސް ވަރު ކުއްލި ހާލަތު އިއުލާނު ކުރުމާ ގުޅިގެންނެވެ. އެއަށް ފަހު، ސީޒަން ކަލަންޑަރަށް އަނެއްކާ ވެސް ބަދަލެއް ގެނެސްފި ނަމަ ގައުމީ ޓީމުތަކަށާއި ކްލަބުތަަކަށް ގެއްލުންވެދާނެ ކަމަށް ބުނެ އެފްއޭއެމް އިން ވަނީ ޗެރިޓީ ޝީލްޑް ނުބާއްވަން ނިންމައިފަ އެވެ.

comment ކޮމެންޓް