ޔުވެންޓަސްގެ ދަނޑުގައި ފަހަތުން އަރައި ޔުނައިޓެޑު މޮޅުވެއްޖެ

ރޭ ޔުވެންޓަސްއާ މެންޗެސްޓާ ޔުނައިޓެޑު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ: ގެޓީ އިމޭޖަސް

ރޭ ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި އިޓަލީގެ ގަދަ ބާރު ޔުވެންޓަސްއާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލު ކުރި މެޗުން ފަހަތުން އަރައި ޔުނައިޓެޑު މޮޅުވެއްޖެއެވެ.

މި ދެ ޓީމު ފުރަތަމަ ލެގުގައި ބައްދަލު ކުރި މެޗު ޔުވެންޓަސް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. ނަމަވެސް، ރޭގެ މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 2-1ގެ ނަތީޖާއިންނެވެ. ރޭގެ މެޗު ކުޅުނީ ޔުވެންޓަސްގެ ދަނޑުގައެވެ.

ރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް މާ ގިނަ ކަންތައްތަކެއް ފެނިގެން ނުދިޔަ އިރު، ފުރަތަމަ ހާފު ނިމިގެން ދިޔައީ ވެސް ގޯލެއް ނުޖެހިއެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ޔުވެންޓަސް އިންނެވެ. އެ ޓީމަށް އެ ގޯލު ކާމިޔާބުކޮށްދިނީ، އެ ޓީމުގެ ތަރި، އަދި ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯގެ ގޯލަކީ މެދުތެރެއިން ކުރިއަށް ފޮނުވާލި ހިތްގައިމު ލޯންގް ޕާހެއް ކޮންޓްރޯލު ނުކޮށް އެއް ފަހަރުން ފޮނުވާލައިގެން ކާމިޔާބު ކުރި ގޯލެކެވެ. އޭނާ އެ ގޯލު ކާމިޔާބު ކުރީ 65 ވަނަ މިނެޓުގައެވެ.

މެޗުގެ ނަތީޖާ އަނެއް ކޮޅަށް އެނބުރެން ފެށީ މެޗު ނިމެން ދަނިކޮށެވެ. އެގޮތުން މެޗު ނިމެން އެންމެ ހަތަރު މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑުގެ ހުއާން މަޓާ ވަނީ އޭރިއާގެ ބޭރުން ލިބުނު ފްރީކިކެއްގައި ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

ޔުނައިޓެޑަށް ތިން ޕޮއިންޓު ލިބުނު ގޯލަކީ ޔުވެންޓަސްގެ އެލެކްސް ސަންޑްރޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލު ވަނީ، ޔަންގް ފްރީކިކެއްގައި އަރިމަތިން ނެގި ބާރު ހުރަހެއް ޔުވެންޓަސްގެ ކީޕަރު ޝެޒްނީ މަތަކުރަން އުޅުމުގެ ތެރޭގައި، އެ ބޯޅަ ސަންޑްރޯގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެގެންނެވެ.

ގްރޫޕު އޭގައި ދެން ކުޅުނު މެޗަށް ބަލާއިރު ވެލެންސިއާއިން ވަނީ ޔަންގް ބޯއިސް ބަލިކޮށްފައެވެ. ވެލެންސިއާއިން އެ މެޗު ކާމިޔާބު ކުރީ 3-1ގެ ނަތީޖާއިންނެވެ.

މި ނަތީޖާތަކަށް ފަހު އަދިވެސް ގްރޫޕު އެޗްގެ އެއްވަނައިގައި އޮތީ ޔުވެންޓަސް އެވެ. ޔުވެންޓަސްއަށް ލިބިފައި ވަނީ ހަތަރު މެޗުން ނުވަ ޕޮއިންޓެވެ. ރޭގެ މޮޅާ އެކު ޔުނައިޓެޑު ވަނީ ޔުވެންޓަސްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކޮށްފައެވެ. ވެލެންސިއާ ތިންވަނައިގައި އޮތީ ފަސް ޕޮއިންޓާ އެކުއެވެ. ފުލުގައި އޮތް ޔަންގް ބޯއިސްއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.

comment ކޮމެންޓް