ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ދެ ޕޯޓަލްއެއް ތައާރަފް ކޮށްފި

ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވާހަކަ ދައްކަަވަނީ -- ސަން ފޮޓޯ

ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ދިނުމަށް ފިނޭންސް މިނިސްޓްރީން ދެ ޕޯޓަލް އެއް ތައާރަފް ކޮށްފި އެވެ.

އެ ދެ ޕޯޓަލް ތައާރަފް ކުރީ މިއަދު އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ފައިނޭންޝަލް ކޮންޓްރޯލާ އަހުމަދު އައްސަދުއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ތަޢާރަފްކުރި ދެ ޕޯޓަލްއަކީ ބީލަން ކިޔުމާއި ނީލަމުގެ ކަންކަމާ ގުޅޭ ދެ ޕޯޓަލްއެކެވެ. އަދި މީގެ ތުރުން ކުރިން ތަޢާރަފްކޮށްފައިވާ ބަނޑޭރި ޕޯޓަލް އިތުރަށް ތަރައްްގީކުރުމަށްފަހު މިއަދު ވަނީ ނެރެފައެވެ.

ފިނޭސް މިނިސްޓަރު އަހްމަދު މުނައްވަރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ

އެ ރަސްމިއްޔާތުގައި ފިނޭސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ އެފަދަ ޕޯޓަލްތަކުގެ ބޭނުމަކީ އެ މިނިސްޓްރީ އަށް އަންނަ ސުވާލުތަކުގެ ޖަވާބު ވީހާވެސް ހާމަ ކަން ބޮޑު ގޮތެއްގައި އަވަސް ސްޕީޑެއްގައި ސަރުކާރުގެ މުޢައްސަސާތަކުން ކުރަމުންދާ މަސައްކަތައް ފެންނާނެގޮތަށް އާއްމުކުރުންކަމަށެވެ. އަދި މިފަދަ ޕޯޓަލްތަކުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް ފަސޭހަ ވާނެ ކަމަށްވެސް މިިނިސްޓަރު ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މި ތިން ހިދުމަތުންވެސް އިތުރަށް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހިދުމަތްތައް އެތައް ތަނަކުން އިތުރު ކުރެވި، ވަރަށްވެސް އެފިޝިއަންޓް އަދި މޮޑާން ފިނޭންސް މިނިސްޓްރީއަކަށް ވެގެން ދިއުން" ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ.

ފިނިނޭންސް މިނިސްޓްރީ އިން މިއަދު ތައާރަފް ކުރި ދެ ޕޯޓަލް ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އަސްލަމް އިފްތިތާހު ކުރައްވަނީ -- ސަން ފޮޓޯ

އެ ރަސްމިއްޔާތުގައި މި ޕޯޓަލްތައް މަސައްކަތް ކުރާނެ ގޮތް އެ މިނިސްޓްރީން ވަނީ ކިޔައި ދީފައެވެ.

އަލަށް ތައާރަފްކުރި ބީލަން ޕޯޓަލް މެދުވެރިކޮށް ފިނޭންސް މިނިސްޓްރީން އިއުލާންކުރާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި، ޕްރޮޖެކްޓަށް ޕްރޮޕޯސަލް ހުށައެޅުމާއި، އަދި ފައިސާގެ މުޢާމަލާތްތައް ފަސޭހަކަމާއިއެކު ޕޮޓަލް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެއެވެ. އަދި ނޭޝަނަލް ޓެންޑާ މެދުވެރިކޮށް ކުރިިއަށް ގެންދާ ހުރިހާ ޕްރޮޖެކްޓްތަކަށް އޮންލައިންކޮށް ޕޯޓަލް މެދުވެރިކޮށް ކޮންޓްރެކްޓަރުންނަށް ރެޖިސްޓްރީ ކުރެވޭނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

އަދި ނީލަން ޕޯޓަލް އަކީ މުސްތަގުލަބަލުގައި ދައުލަތުގެ ހަރު މުދާތަކުގެ އިންވެންޓްރީ އެއް ފުރިހަމަކޮށް، ސަރުކާރުގެ އެއް މުއައްސަސާ އިން އަނެއް މުއްސާއިން ހާމަކަން ބޮޑު ގޮތެއްގައި ނީލަން ކިޔާ މުދަލުގެ މަޢުލޫމާތާއި، ނީލަމުގައި ބައިވެރިވުމުގެ ކަންކަމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތަށް ތަޢާރަފްކޮށްފައިވާ ޕޯޓަލްއެކެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ޢާއްމު ފަރާތްތަކަށްވެސް ނީލަމުގައި ބައިވެރިވެ މުދާ ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

އަލަށް ތާއާރަފް ކުރެވުނީ ބީލަން ޕޯޓަލް އަދި ނީލަން ޕޯޓަލް، މީގެ އިތުރުން ކުރިންވެސް ބޭނުން ކުރަމުން އައި ބަނޑޭރި ޕޯޓަލްގެ ވާޝަން ދޭއް -- ސަން ފޮޓޯ

ބަނޑޭރި ޕޯޓަލް އަކީ ކުރިން ވެސް މިނިސްޓްރީ އިން ބޭނުން ކުރަމުން އަންނަ ޕޯޓަލް އެކެވެ. މިއަދު ތާއާރަފް ކުރެވުނީ އެ ޕޯޓަލްގެ ވާޝަން ދޭއް އެވެ. މިއަހަރުގެ ބަޖެޓުގައި ހިމަނާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު މިޕޯޓަލްއިން ފެންނާނެއެވެ. މި ޕޯޓަލްއަކީ ސަރުކާރުގެ އެއް މުޢައްސަސާއިން އަނެއް މުޢައްސަސާއަށް ލިޔެކިޔުންތައް ފޮނުވުމަށް ބޭނުންކުރާ ޕޯޓަލްއެކެވެ. މި ޕޯޓަލްއިން ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ މަޢުލުމާތު ފޮޓޯއާއެކު އާންމުންނަށް ބެލޭނެގޮތް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ޕޯޓަލްތަކަށް މުއަސަސާތައް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާއިރު މި ޕޯޓަލްތައް މިއަންނަ މަހު ބޭނުން ކުރަން ފަށާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

comment ކޮމެންޓް