ބޭރު ކުންފުނިން ދޫކޮށްލިޔަސް ހޮސްޕިޓަލުގެ ފެންވަރަކަށް ބަދަލެއް ނާންނާނެ: ޓްރީޓޮޕް

ޓްރީޓޮޕް ހޮސްޕިޓަލް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ޓްރީޓޮޕް ހޮސްޕިޓަލް މެނޭޖުކުރަމުންދިޔަ ރަމްސޭ ސައިމް ޑާބީ އިން ހޮސްޕިޓަލާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވީނަމަވެސް އެ ހޮސްޕިޓަލުން ދެމުންދިޔަ ހިދުމަތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ޓްރީޓޮޕުން ބުނެފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަމްސޭ ސައިމް ޑާބީ އިން ހޮސްޕިޓަލު ހިންގުން ހުއްޓާލާފައިވާ ކަމަށާއި މިހާރު ހޮސްޕިޓަލް މެނޭޖު ކުރަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ މެނޭޖުމެންޓުން ކަމަށެވެ.

"ކުރިމަގުގައިވެސް ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ދެވެމުން ދާނެއެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް އަގަށް ހެޔޮބަދަލާ އެކީގައި އާސަންދަ ލިބޭގޮތުގެ މަތިން ކުރިއަށް ދާނެ ކަމުގެ ޔަޤީން ކަން ޓްރީ ޓޮޕް ހޮސްޕިޓަލުގެ މެނޭޖްމަންޓުން ދެމެއެވެ." އެ ބަޔާނުގައި ވެއެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލްގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާ އެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެ އެވެ. މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ވަނީ ގާއިމްކޮށްފަ އެވެ.

ގިނަ ޑިޕާޓްމެންޓްތަކަކާ އެއްކޮށް ހިންގަން ފެށި ޓްރީޓޮޕް ހޮސްޕިޓަލު ގެއްލުމުގައި ހިންގަން ޖެހުމުން ވަރަށް ފަހުން ބައެއް ޑިޕާޓްމެންޓްތަކުން ހިދުމަތް ދިނުން ހުއްޓާލައިފަ އެވެ.

comment ކޮމެންޓް