އޮލިމްޕަހުގެ ވޭން ގަދަ ކެކުޅުންގަނޑު

ދަރިފުޅުގެ ކޮންސެޓް ސްކޫލްގެ ފަރާތުން ބާއްވަން ނިންމީ އޮލިމްޕަހުގަ އެވެ. އޮލިމްޕަހަކީ ފިލްމު ނުބަލައި ހުންނަން ޖެހުނަސް އަހަރެން ނުވަންނާން ނިންމާފައި އޮތް ތަނެކެވެ. އަހަރެން ގަބޫލު ކުރާ ސިނަމާއެއްގައި ހުންނާން ޖެހޭނެ އެއްވެސް ސިފައެއް އޮލިމްޕަހުގައި ނުހުންނާތީ އެވެ.

ކޮންމެ ގޮތެއް ވިޔަސް މިފަހަރު އެހެން ގޮތެއް ނެތެވެ. ދަރިފުޅަށްޓަކައި އޮލިމްޕަހަށް ވަންނާނީ އެވެ. އަހަރެން އޮލިމްޕަސް ދެކެ ކިތަންމެ ފޫއްސެއް ވިޔަސް ދަރިފުޅު ފޫހި ފިލާ ނަމަ އެކަމުގައި މައްސަލައެއް ނެތްތާ އެވެ. ދަރިފުޅުގެ ހަރަކާތްތައް ބަލަން އަހަރެން ފޫ ހަރާލައިގެން އިންނާނީ އެވެ. ފޫހި ނުވެ ވޭތޯ ވެސް ބަލާނީ އެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހެވެ. ހޫނު ގަދަ ކަމުން ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ބިންގަނޑު ހީވަނީ ކެކި އަރާ ހެންނެވެ. ގަދަ ހޫނަށް ކެތް ނުވެގެން އަވާމެންދުރު ބިމުން މައްޗަށް އަރައިގެންދާ މަންޒަރު ހަމަ ލޮލަށް ކިތަންމެހާ ވެސް ރީއްޗަކަށް ފެނެ އެވެ. މިހާލަތުގައި އޮލިމްޕަހުގެ ހަތަރު ފާރުގެ އެތެރޭގެ އުދާސްގަނޑު ރަނގަޅަށް ސިފަ ކޮށްލާން އެނގިއްޖެ މީހެއްގެ އެތެރެ ހަށި މިހާރު ވެސް ކެކި އަރާނެ އެވެ.

ތިން ގަޑި ބަޔަށް ދަރިފުޅު ގެންދަން ޖެހޭތީ، އޭގެ ފަސް މިނެޓު ކުރިން އަހަރެން ގޮސްފީމެވެ. ކޮންސެޓު ހެދުމުގަ ހުރި މަގޭ ދަރިފުޅު ހުރީ ޑިސްކޯ ކުނޑިން ވެސް ތަތްތެޅިފަ އެވެ. ލައްވާފަ ހުރި ހެދުމެއްގެ ސަބަބުންނެވެ. އެ ފަކީރު އޭރު ވެސް އެއް ތަނެއް ކަހާފައި އަނެއް ތަނެއް ކަހަ އެވެ. އެ އުޅެނީ އުނދަގޫ ވެގެން ކަން އިނގެ އެވެ. އޮލިމްޕަހުގެ ހުޅަނގުން އޮންނަ ހުސްނުހީނާ މަގުގައި ހުންނަ ގޭޓުން ވަދެއްޖައީމެވެ. އެކި ކުލާސް ތަކުގެ ދަރިވަރުން އެތަނުގައި ނަލަ ހައްދާފައި ސަފު ސަފަށް ބޮޑި ބޮނޑިޔަށް ތިއްބެވެ. ކޮންމެ ކުއްޖެއްގެ ކައިރީގައި ވެސް އެ ކުދީންގެ އާންޓީން ތިއްބެވެ. ބެލެނިވެރިން ވެސް ތިއްބެވެ. ޝޯ ފެށެނީ ހަތަރެއް ޖަހާ އިރު އެވެ. ނަލަ ހައްދައިގެން ގެނެސްފައި ތިބި ކުދީންގެ މިހާރު ހުރި ނަލަ ކަމަކީ ހަމަ އެކަނި ހެދުމުން ފެންނާން ހުރި ނަލަ ކަމެވެ. މޭކަޕުތައް ވަނީ ފެނަށް ވެގެން ފައިބައިފަ އެވެ. ބެލެނިވެރިންގެ ކަމަކީ ޓިޝޫ އިންނާއި ރުމާލުންނާއި ފޮތިކޮޅުތައް ބޭނުން ކޮށްގެން ކުދީންގެ ދާ ފޮހުމެވެ. ހީވަނީ ދާ ފޮހުމުގެ ރޭހެއް ފަށައިގެން އުޅޭ ހެނެވެ. އޮލިމްޕަހުގެ އުތުރު ފަރާތުން ސްޓޭޖުގެ ބިއްދޮށުގައި އޮންނަ މި ހުސްތަނަށް ފިނި އެންމެ ރޯޅި ފަށެއް ވެސް ނުޖެހެ އެވެ.

އަހަރެންގެ ދަރިފުޅުގެ އައިޓަމް އޮތީ ތިން ވަނަ އަށް ކަމަށް އާންޓީ އައިސް ބުނެފި އެވެ. މާނަ އަކީ ގާތްގަނޑަކަށް ހަތަރުގަޑި ބައި އެހާ އިރެވެ. ހޯލަށް ވަނުމާ މެދު މަދު ވެގެން އިތުރު އެއް ގަޑި އިރު މި ހޫނުގައި އިންތިޒާރު ކުރަން ޖެހުނީ އެވެ. އަހަރެން ވެސް އައިސް މި ހުރީ ރުމާލެއް ހިފައިގެންނެވެ. ކަރުނަ ފުހޭކަށް ނޫނެވެ. ދާ ފުހޭށެވެ.

ހޯލަށް ވަދެ ގޮނޑީގައި އިށީނދެވުމާ އެކު ވަށައިގެން ނަޒަރު ހިންގައިލީމެވެ. މުޅި ހޯލު އޮތީ ފުރިފަ އެވެ. މީހުންތައް މަތި ބަލަނީ އެވެ. ހޫނު ކަމުންނެވެ. އެންމެން ވެސް ވަދެ ތިބީ ޓިޝޫ ނުވަތަ ރުމާލެއް ކަހަލަ އެއްޗެއް ހިފައިގެނެވެ. ފެންވަރައިގެން ނުކުމެ ހަށިން ފެން ހިއްކާ ގޮތަށް، މުޅި ގައިގައި ރުމާ ނުވަތަ ފޮތިގަނޑު ހާކާ މީހުން ވެސް ފެނެ އެވެ. އެންމެން ތިބީ ތެމި ފޯވެފަ އެވެ. އެއީ ބަލައިލާން ފިސާރި ފައްކާ އެހެން ނަމަވެސް ދެރަވަރު މަންޒަރެކެވެ.

މާލޭ ސިޓީގެ މައި ސިނަމާ ހޯލުގެ ފެންވަރު އަޅުގަނޑު ވަރަށް ރަނގަޅަށް ހިތުގައި ކުރަހައިލީމެވެ. މި ކިޔައިދެނީ އެވެ. މި ތަނުގެ ސީލިންގުގައި ހުރީ ތަނޑި ދިގު ފަންކާގެ 22 ފަންކާ އެވެ. އެއީ ކޮން ބަޔަކަށް ނުވަތަ ކޮން ތަނަކަށް ފިނި ކުރާން ހަރުކޮށްފައި ހުރި އެއްޗެއް ކަމެއް ބުނާކަށް ނޭނގެ އެވެ. އެނގޭ ކަމަކީ އޭގެން ފިނިކަން ލިބޭ މީހަކު މި ހޯލު ތެރޭގައި ނެތް ކަމެވެ. ހޯލުގައި އެއާ ކަންޑިޝަނެއް ނުހުރެ އެވެ. އުދާސްގަނޑު ބޭރު ކުރާން ހުންނަ ވައިވަޅު ތައް އެކަމަކަށް ނުފުދެ އެވެ. މިތަނުގައި މީހުން އިށީންނާން މި ހުރި ގޮނޑި ތަކަކީ އުމުރުން ދުވަސްވެ ހަންޓޯޓާ ވެފައިވާ ގޮނޑި ތަކެކެވެ. މި ގޮނޑި ތަކުގެ އިސްކޮޅާ ރޫފަ އަށް ބަލާ އިރު އިށީނދެ އިންނަ މީހެއްގެ ހައްޓަށް ފަސޭކަމެއް ނުލިބެ އެވެ. އިންނާން ޖެހެނީ ފާޑަކަށް ކުރުގެޅިގެނެވެ. ފިލްމު ބަލައިގެން ލިބޭ އުފަލަށް ވުރެ ހަށީގައި އަޅާ ވޭން ބޮޑެވެ. މި ގޮނޑިތަކުގެ އުމުރުން މިހާރު 25 ނުވަތަ 30 އަހަރު ވަރު ހަމަ ގައިމުވެސް ވެދާނެ އެވެ. އެކު ޖުލުމް 575 ގޮނޑި ހުންނަ އިރު، ކާމިޔާބު ޝޯ ތަކާއި ފިލްމު ތަކުގައި ހައުސް ފުލްވެ އެވެ. މި 575 މީހުން ބޭނުން ކުރަން ހުންނަނީ ތިން ފާޚާނާ އެވެ. އެތަނުން ދުވާ ނުބައި ވަހުން ނޯއް ދަމައިލާން ކެރޭ ވަރެއް ނުވެ އެވެ. ފާޚާނާ އަށް ވަންނަ މީހަކު ނޭވާ ބޭރަށް ލައިފި ނަމަ އެތެރެއަށް ނުލައި ވޭތޯ ބަލާނެ އެވެ. މި ހޯލަށް ވަދެ އިން މާބަނޑު މީހަކު އެއިން ފާޚާނާ އަކަށް ވަދެ ނުކުމެ، ބޭރަށް ހޮޑު ދުއްވާލި މަންޒަރު އަހަރެންނަށް ފެނުނެވެ. އެއީ ހަމަ ވާނެ ގޮތެވެ. އަޅުގަނޑުމެން ކަހަލަ ކޮންމެ ވަހަކަށް ނޭފަތް ފަރިތަ މީހުނަށް ނޭވާ އެތެރެޔަށް ދަމައިލާން ނުކެރިގެން އުޅޭ އިރު އެ ފަދަ މާބަނޑު މީހުން ހޭ ކެނޑިގެން ތަޅުން މައްޗަށް ނުދެމޭ ކަން ވެސް ހަމަ ނަސީބެވެ. ބައެއް ފިލްމު ޕްރޮޑިޔުސަރުން އަމިއްލަޔަށް، އެ މީހުންގެ ފިލްމު އަޅުވާ ރޭ ތަކުގައި މީހުނަށް ފައިސާ ދީގެން މި ފާޚާނާ ތައް ސާފު ކުރުވާ ކަމަށްވެ އެވެ. މި ސިނަމާގައި ކެންޓީނެއް ހުރެ އެވެ. އެތަން އޮންނަނީ ސައުތަށް ކުއްޔަށް ދީފަ އެވެ. މި ކެންޓީނު ހިންގަނީ ސިނަމާގެ އެތެރޭގެ ހަރަކާތްތަކަށް ވުރެ ބޮޑަށް ބޭރު ކަސްޓަމަރުންނަށް ވެސް ހުޅުވާލައިގެނެވެ. ކުރިން މި ބުނި ތިން ފާޚާނާގެ ތެރެއިން އެއް ފާޚާނާ މި ކެންޓީނަށް ސަޔަށް ވަންނަ މީހުންގެ ބޭނުމަށް އަބަދުވެސް ހުންނަނީ ހުޅުވައިލައިފަ އެވެ.

ދެން އޮތީ ތަނަށް ލިބޭ އާމްދަނީ އެވެ. އޮލިމްޕަސް ހޯލު ދޫކުރަނީ ރެޔަކަށް 3500 ރުފިޔާ އަށެވެ. މީގެ އިތުރުން ހަފުތާ ބަންދު ދުވަސް ތަކުގަ އާއި ޗުއްޓީ ތަކުގައި ދުވާލު ގަޑި ވެސް އޮންނަނީ ވިއްކައިފަ އެވެ. އަހަރު ދުވަހަށް ބަލާ އިރު، މަހަކު ވިހި ދުވަގެ ރޭޓުން އަހަރަކު 240 ރޭ ހޯލު ކުއްޔަށް ދިނަސް މި ތަނުން އާމްދަނީގެ ގޮތުގައި އަހަރަކު 840000 (އަށް ލައްކަ ސާޅީސް ހާސް ރުފިޔާ) ލިބޭނެ އެވެ. މީ އެންމެ މަދު މިންވަރުގެ އަންދާޒާ އެކެވެ. ގަބޫލު ކުރެވޭ ގޮތުގައި މި ތަނުގެ އަހަރީ އާމްދަނީ އުޅެން ޖެހޭނީ މިލިއަނަކުން މަތީގަ އެވެ. މީ އަދި އެއްކަލަ ދުވާލު ދޫކުރާ ދުވަސް ތަކާއި ކެންޓީނު ކުއްޔާއި ނުލައި މަދު ވެގެން ލިބޭނެ މިންވަރެއްގެ އަންދާޒާ އެކެވެ.

ރާއްޖޭގެ ކެޕިޓަލް ސިޓީގެ މައި ސިނަމާގެ ދެރަވަރު ހާލު ފެނުމުން އަޅުގަނޑު މި އިނީ ހަމަ ކޮސް ވެފަ އެވެ. ޓޭޕުން ސީޑީ އަށް، ވީސީޑީން ޑީވީޑީ އަށް ބަދަލުވެ، އެޗްޑީ، ތްރީޑީ، ފޯޑީ އާއި ހަމަޔަށް އަހަރެމެންގެ ފިމްލީ ދުނިޔެ ދަތުރު ކުރި އިރު، މައި ސިނަމާ މި ހުރީ އެވޭލާ ހޮޅީގެ ޒަމާނުގަ އެވެ. މީ އަދި ކަމުދާ ގޮތެއް ނޫނެވެ. މިކަން ވާނީ ބަދަލު ކުރާށެވެ. މި ތަނުން ލިބޭ އެއްޗަކުން މިކަން ވާން ނެތް ނަމަ ޖޮއިންޓް ވެންޗަރެއް ހަދަމާ ހެއްޔެވެ؟ އޭރުން ފިމްލީ ދުނިޔޭގެ ރަސްވެރިން ކަމުގައިވާ އެމެރިކާ ނޫނީ އިންޑިއާ އިން މިކަމާ ހަވާލު ވެދާނެ އެވެ. އެހެން ނޫނީ ޕްރައިވެޓައިޒް ކުރާމާ ހެއްޔެވެ؟ ފައިދާ ވާނެ އެވެ. ދެން އެހެން ގޮތެއް ނެތިއްޔާ މި ކަމަކީ ދައުލަތުގެ ބަޖެޓުން ވެސް ކޮށްލަން އެންމެ ރަނގަޅު ޚަރަދެކެވެ. ރައްޔިތުންގެ ހިތް އުފާ ކޮށްލަ ދިނުމަށް ޓަކަ އެވެ.

ޝޯ ނިމެން ގަޑިއެއްހާ އިރަށް ވެއްޖެ އެވެ. ދެންމެ އެ ވަޑައިގަތީ ސްކޫލުގެ ޕްރިންސިޕަލެވެ. އަޅުގަނޑަށް ހީވާ ގޮތުން އެހާ ލަހުން އެ ވަޑައިގަތީ މި މާހައުލު ރަނގަޅަށް އެނގިވަޑައިގަންނަވާތީ އެވެ. މާ ބޮޑަށް ތެމިދާނެތީ އެވެ. ބުއްދިވެރި ބޭފުޅެކެވެ. ދަރިފުޅުގެ އައިޓެމް ވެސް ނިމިއްޖެ އެވެ. މިހާރު މި ހޯލުގެ މާހައުލު އަދި ކުރިޔަށް ވުރެ ވެސް ނާޒުކެވެ. ވަސް ވެސް ތަފާތެވެ. މުޅި ހޯލު މި ވަނީ އެންމެންގެ ހާލަތުން އެއްވަސް ވެފަ އެވެ. މީ މިއަދުގެ ހާލަތެވެ. އަޅުގަނޑު އޮލިމްޕަހުން މި ނުކުންނަނީ އެވެ. މި ތަން މި ނޫން ހާލަތެއްގައި އޮންނަ ދުވަހަކުން ނޫނީ އަންނާން ނުޖެހޭތޯ ދުއާ ކުރަމުންނެވެ. ވަރަށް ސަލާމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް