ސްވާފުން ވަކި ވާނެތޯ ނިންމާނީ ވާނުވާ ބަލާފައި: ބައްސާމް

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަލަށް އުފެއްދި ސައުތު ވެސްޓް ފުޓްބޯލް އެސޯސިއޭޝަން (ސްވާފް) އިން ރާއްޖެ ވަކިވާނެތޯ ނިންމާނީ ކަމުގެ ދެކޮޅު ބަލާފައި ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ސައުދީން އިސްނަގައިގެން މިދިޔަ އޮގަސްޓް މަހު އުފެއްދި ސްވާފުން ކުއްލި ގޮތަކަށް ސައުތު އޭޝިއާގެ ހަ ގައުމަކުން ވަނީ މިދިިޔަ މަހުގެ 28 ގަ އެވެ. ސްވާފުން ވަކިވާން ނިންމީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ސްރީލަންކާ އަދި ޕާކިސްތާން އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްވާފުން ސައުތު އޭޝިއާގެ ގައުމުތަކުން ވަކިވީ ކުރިއަށް އޮތް އޭއެފްސީގެ އިންތިހާބުގައި އޭއެފްސީގެ މިހާރުގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާ އަށް ތާއީދު ކުރުމުގެ ގޮތުންނެވެ. ސްވާފްގެ ރައީސް އަދި ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޑރ. އާދިލް ބިން މުހައްމަދު އިއްޒަތު ވަނީ ޚަލީފާއާ ދެކޮޅަށް އޭއެފްސީގެ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާނުކުރައްވާފަ އެވެ.

"ވީސްޕޯޓްސް" ޕްރޮގްރާމުގައި، ރާއްޖެ ސްވާފުގައި ދެމި އޮތުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ބައްސާމް ވިދާޅުވީ، ސްވާފްގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފައިދާއެއް ނުވާ ފެޑެރޭޝަނެއްގައި ނަމެއްގައި އޮންނަން އެއް ވެސް ވަރަކަށް ޝައުގުވެރި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އިހަށް މި މަޑުކުރަނީ މި ވާނުވާ ބަލަން މަޑުކޮށްލަން. އަދި ނުނިންމަން ސްވާފުން ވަކިވާނީތޯ ވެސް. މުހިއްމީ ރާއްޖެ އަށް ފައިދާވާ ނިންމުމެއް،" ބައްސާމް ވިދާޅުވި އެވެ.

ބައްސާން ވިދާޅުވީ ސްވާފް އުފެއްދި އިރު، ފުޓުބޯޅައިގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަކީ އެ ފެޑެރޭޝަންގެ އެއް މަގުސަދު ކަމަށެވެ. އަދި އެ ފެޑަރޭޝަނާ ރާއްޖެ ގުޅުނީ ވެސް އެ ސަބަބާ ހުރެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސާފްގެ ހަ ގައުމުން ސްވާފް އިން ވަކިވާން ނިންމީ ވަރަށް ކުއްލި ގޮތަކަށް ކަމަށެވެ. ނަމަވެސް، އެއްފްއޭއެމް އަކީ އެއްވެސް އިރެއްގައި މުހިންމު ކަންކަމުގައި ކުއްލި ނިންމުން ނިންމާ އެސޯސިއޭޝަނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ކުއްލިއަކަށް ނިންމުން ނިންމާ ބައެއް ނޫން. އަޅުގަނޑުމެން ބޭނުންވީ ކޮބާތޯ މި ސަބަބަކީ، އެޔެއް ބަލަން،" ބައްސާމް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވީ ސާފްގެ ހަ ގައުމު ސްވާފުން ވަކިވާން ނިންމި ސަބަބު ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް، ސްވާފަށް ކޮންމެވެސް ސަބަބެއް ދައްކާފައި ވާނެ ކަމަށާއި އެ ސަބަބު ވެސް ސްވާފުން ބުނަން ޖެހޭ ކަމަށް ބައްސާމް ވިދާޅުވި އެވެ.

ސާފްގެ ހަ ގައުމުން ސްވާފުން ވަކިވީ ސްވާފްގެ އެކްސްކޯ ބައްދަލުވުން ބޭއްވުމުގެ ކުރިންނެވެ. އެހެން ކަމުން އެ ބައްދަލުވުން ވެސް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ.

comment ކޮމެންޓް