ޕީއެސްޖީއާ ނަޕޯލީ އެއްވަރުވި އިރު ލިވަޕޫލް ބަލިވެއްޖެ

ރޭ ނަޕޯލީއާ ޕީއެސްޖީ ބައްދަލު ކުރި މެޗުގެ ތެރެއިން--

ރޭ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ނަޕޯލީއާ ޕީއެސްޖީ ބައްދަލު ކުރި މެޗު އެއްވަރުވެގެން ދިޔަ އިރު ރެޑް ސްޓާ ބެލްގްރޭޑް އަތުން ލިވަޕޫލް ބަލިވެއްޖެއެވެ.

ރޭ ނަޕޯލީއާ ޕީއެސްޖީ އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. އަދި ލިވަޕޫލް ބަލިވީ 2-0 އިންނެވެ. މި ނަތީޖާތަކަށް ފަހު ގްރޫޕް ސީއިން ދެވަނަ ބުރަށް ކޮލިފައި ވުމުގެ ފުރުސަތު ހަތަރު ޓީމަށް ވެސް ވަނީ ހުޅުވިގެން ގޮސްފައެވެ.

ގްރޫޕުގެ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު ކުޅެފައި ވާ އިރު ގްރޫޕުގެ އެއްވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ނަަޕޯލީއަށް ހަމަ އެ އަދަދަށް ޕޮއިންޓު ލިބުނު ނަމަވެސް އެ ޓީމު ދެވަނައިގައި އޮތީ ގޯލް ޑިފަރެންސުންނެވެ. ޕީއެސްޖީ ފަސް ޕޮއިންޓާ އެކު ތިންވަނައިގައި އޮތް އިރު ރެޑް ސްޓާ ހަތަރު ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ.

ރޭ ލިވަޕޫލް ރެޑް ސްޓާއާ ދެކޮޅަށް ނުކުތީ ރެޑް ސްޓާގެ ދަނޑުގައެވެ. އެ މެޗުގައި ލިވަޕޫލް އިން ގިނަ ވަގުތު ބޯޅަ ހިފެހެއްޓި ނަމަވެސް އެ ޓީމަށް ގޯލެއް ނުޖެހުނެވެ.

ރެޑް ސްޓާގެ ދެ ގޯލުވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގެ މެދަކާ ހިސާބުންނެވެ. އެ ޓީމުގެ ދެ ގޯލުވެސް ކާމިޔާބުކޮށްދިނީ ސްޓްރައިކަރު މިލާން ޕަވްކޯވް އެވެ. ފުރަތަމަ ގޯލު 22 ވަނަ މިނެޓުގައި ބޮލުން ކާމިޔާބު ކުރި އިރު، އޭނާ ދެވަނަ ގޯލު 29 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ޝޮޓަކުންނެވެ.

ރޭ ލިވަޕޫލްއާ ރެޑް ސްޓާ ބެލްގްރޭޑް ބައްދަލު ކުރި މެޗުގެ ތެރެއިން--

ގްރޫޕު ސީގައި މީގެ ކުރިން ޕީއެސްޖީއާ ނަޕޯލީ ބައްދަލު ކުރި މެޗު ވެސް ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ. އެފަހަރު ޕީއެސްޖީއިން އެއްވަރު ކުރީ މެޗު ނިމެން ދަނިކޮށެވެ.

ރޭ ޕީއެސްޖީއާ ނަޕޯލީ ބައްދަލު ކުރި މެޗުގައި ގޯލަށް ގިނައިން ނުރައްކާ ކުރީ ނަޕޯލީއިންނެވެ. ނަމަވެސް އެންމެ ފުރަތަމަ ލީޑު ނެގީ ޕީއެސްޖީއެވެ. ޕީއެސްޖީގެ ގޯލު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޖުއާން ބެނެޓްއެވެ. ނަޕޯލީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސިންޔޭ އެވެ. އެ ގޯލަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން އޭނާ ކާމިޔާބުކޮށްދިން ގޯލެކެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާ އިރު ގްރޫޕް އޭގައި އެތްލެޓިކޯ މެޑްރިޑުން ވަނީ ޑޯޓްމަންޑު 2-0 އިން ބަލިކޮށް ބަދަލު ހިފާފައެވެ. އަދި އެ ގްރޫޕުގައި ކްލަބް ބްރޫޖް ވަނީ 4-0ގެ ނަތީޖާއިން މޮނާކޯ ބަލިކޮށްފަ އެވެ. އެއާ އެކު މޮނާކޯ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިގެން ގޮސްފަ އެވެ.

ގްރޫޕް ޑީގައި ޕޯޓޯއިން ވަނީ ލޮކޮމޯޓިވް މޮސްކޯގެ މައްޗަށް 4-1ގެ ނަތީޖާއިން ކުރި ހޯދައިފައެވެ. އަދި ޝާލްކާއިން ވަނީ 2-0ގެ ނަތީޖާއިން ގަލަތަސަރާއި ބަލިކޮށްފައެވެ. އެ ނަތީޖާއާ އެކު ޕޯޓޯ ގްރޫޕުގެ އެއްވަނައިގައި އޮތީ 10 ޕޮއިންޓާ އެކުއެވެ. އަށް ޕޮއިންޓާ އެކު ޝާލްކާ ދެވަނައިގައި އޮތް އިރު ގަލަތަސަރޭއީ ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ. ލޮކޮމޯޓިވް ފުލުގައި އޮޓީ އެންމެ ޕޮއިންޓެއް ވެސް ނުލިބިއެވެ.

comment ކޮމެންޓް