މަތީ ތައުލީމަށް ހިލޭ ކިޔެވެން ފެށުމުން އެމްއެންޔޫގެ މަސައްކަތްތައް ފުޅާވާނެ

"ތެވެލި 2018" ބައިނަލްއަގްވާމީ ރިސާޗް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ފަވާޒް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަތީ ތައުލީމަށް ހިލޭ ކިޔެވެން ފެށުމުން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ މަސައްކަތް ފުޅާވެގެންދާނެކަމަށް އެ ޔުނިވާސިޓިން ބުނެފިއެވެ.

އެމްއެންޔޫގެ ދަރިވަރުންގެ ޖަމިއްޔާ އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީގެ ހަތް ވަނަ ދައުރުގެ މަގާމުތަކަށް އިންތިހާބްވީ ދަރިވަރުން ހުވާ ކުރުމަށް ރޭ އެ ޔުނިވާސިޓީގެ އޮޑިޓޭރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް ވިދާޅުވީ މަތީ ތައުލީމް ހިލޭ ފޯރުކޮށްދިނުމަކީ މުންތަހަބު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުފުޅެއް ކަމަށާއި އެެހެެންކަމުން އެމްއެންޔޫގެ އޮޕަރޭޝަންތައް އިތުރަށް ފުޅާ ވެގެންދާނެ ކަމަށެވެ.

އަދި އެ އޮޕަރޭޝަންތައް އިތުރަށް ފުޅާވެގެންދާއިރު އެ ޔުނިވާސިިޓީގެ ދަރިވަރުންގެ ޖަމިއްޔާގެ މަސައްކަތްތައްވެސް އިތުރަށް ފުޅާކުރަންޖެހޭނެ ކަމަށްވެސް ފަވާޒް ވިދާޅުވިއެވެ.

އެމްއެންޔޫއިން މިދިޔަ ސެޕްޓެމްބަރު މަހު ބުނީ އެ ޔުނިވާސިޓީގެ ބޮޑު ކެމްޕަސްއެއް ހުޅުމާލޭގައި އެޅުމަށް ނިންމައިފައިވާ ކަމަށެވެ.

އެ ކެމްޕަސް ހުޅުމާލޭގައި ހެދުމަށްޓަކައި މިހާރު ހުޅުމާލެ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި އަދި ބިން ހަމަޖެހުނުހާ އަވަހަކަށް އެ ކެމްޕަސްގެ މަސައްކަތް ފަށާނެ ކަމަށްވެސް އެމްއެންޔޫއިން ބުންޏެވެ.

އޭގެ އިތުރުން އެމްއެންޔޫއިން ދާދި ފަހުން ވަނީ ސްކޫލު އޮފް މެޑިސިންގެ ނަމުގައި އާ ފެކަލްޓީއެއް ގާއިމްކޮށްފައެވެ. އަދި މިހާރު އެ ފެކަލްޓީގެ ދަށުން ޑޮކްޓަރުކަމުގެ ކޯސް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.

ގައުމީ ޔުނިވާސިޓީގެ މާލެ އާއި އަތޮޅު ތަކުގެ ކެމްޕަސްތައް އަދި އެ ޔުނިވާސިޓީން ހިންގާ އޯޕަން ލާނީން ސެންޓަރުތަކާއެކު 9000 އެއްހާ ދަރިވަރުން ދަނީ ކިޔަވަމުންނެވެ.

ގައުމީ ޔުނިވާސިޓީގެ ކެމްޕަސްތައް ހދ. ކުޅުދުއްފުށި، ގދ. ތިނަދޫ، ލ. ގަން އަދި ސ. ހިތަދޫ ގައި ހުރެއެވެ.

comment ކޮމެންޓް