އެމްއެންޔޫއެސްގެ ރައީސްއަކަށް އަރުޝަދު އަޝްރަފް

އެމްއެންޔޫއެސްގެ ރައީސްއަކަށް އިންތިހާބްވި އަރުޝަދު އަޝްރަފް(ކ)އަށް ދަންމަރު އަރުވަނީ-- ފޮޓޯ: އެމްއެންޔޫއެސްޔޫ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމްއިއްޔާ އެމްއެންޔޫއެސްޔޫގެ ރައީސްކަމަށް އަރުޝަދު އަޝްރަފް އިންތިހާބްކޮށްފިއެވެ.

އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީގެ ހަތް ވަނަ ދައުރަށް އިންތިހާބް ވި ދަރިވަރުން ހުވާ ކުރުމަށް ރޭ ޔުނިވާސިޓީގެ އޮޑިޓޭރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި އަޝްރަފް ވަނީ ހުވާކުރައްވައިފައެވެ.

ހުވާކުރެއްވަމަށް ފަހު ވާހަކަ ދައްކަވަމުން އަރުޝަދު ވިދާޅުވީ އެ ޔޫނިއަންގެ ކުރިއަށް އޮތް ދައުރުގައި ޔޫނިއަންގެ ހަރަކާތްތައް ފުޅާކޮށް، އެމް އެން ޔޫ ގެ އައުޓް ރީޗް ސެންޓަރުތަކުގައި، ފޯކަލް ޕޮއިންޓްތައް ގާއިމުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

7 ވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް ހޮވުނު މެމްބަރުން:

  • ރައީސް: އަރުޝަދު އަޝްރަފް
  • ނައިބު ރައީސް (އިލްމީ): އާދަމް ރުޝްދީ
  • ނައިބު ރައީސް (އަމަލީ): ހަސަން ޝާހު
  • ނައިބު ރައީސް (ގޮފިތައް): އަލީ ޝަމްއޫން
  • ހަޒާންދާރު: އަބްދުﷲ ޝަހުނީޒު
  • ސެކްރެޓަރީ: އަނާ އަހްމަދު
  • އެސިސްޓެންޓް ސެކްރެޓަރީ: އާމިނަތު ރައުދާ
  • މީޑިއާ ކޯޑިނޭޓަރ: މުހައްމަދު ޝާން ޢާމިރު

އެމްއެންޔޫއެސްޔޫގެ ހިންގާ ކޮމެޓީގެ ހަތް ވަނަ ދައުރަށް އިންތިހާބް ކުރި ފާރާތްތައް ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫއެސްޔޫ

ރޭގެ ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ 6 ވަނަ ދައުރުގެ ތެރޭގައި ޔޫނިއަންގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވި ދަރިވަރުންގެ މަސައްކަތް ފާހަގަކޮށް ޖުމްލަ 80 ދަރިވަރަކަށް، "އިސްވާރުންގެ އިނާމު" ވަނީ ދީފައެވެ. އަދި އެ ޖަމިއްޔާއަށް ތަފާތު ގޮތްގޮތުން އެހީތެރިވި ފަރާތްތަކަށް ދެވޭ "ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު" ޖުމްލަ 11 ފަރާތަކަށްވެސް ވަނީ ދީފައެވެ.

އެ ޖަމިއްޔާގެ ހަރަކާތްތަކުގައި އެންމެ ރަނގަޅަށް މަސައްކަތްކުރި ދަރިވަރުންނަށް ދެވޭ ދަރުމަވެރިކަމުގެ އިނާމު، "ދަރިވަރުންގެ ޔޫނިއަންގެ މަރްހޫމް އަހްމަދު މުހައްމަދު އިނާމު" ޖުމްލަ 6 ދަރިވަރަކަށް ވަނީ ދީފައެވެ.

އެ އިނާމަކީ 2017 ވަނަ އަހަރު، ހިތާމަވެރި ހާދިސާއެއްގައި ނިޔާވި، ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ސައިންސްގައި، ބެޗްލާސް އޮފް ސައިންސް ކިޔަވަމުންދިޔަ، ހދ. ނޮޅިވަރަމް / ހިތަށްފިނިވާގެ، އަހްމަދު މުހައްމަދުގެ ހަނދާނުގައިދެމުން އަންނަ އިނާމެކެވެ.

ރޭގެ ރަސްމިއްޔާތުގައި އެ ޖަމިއްޔާގެ ހަރަކާތްތަކަށް ފުރިހަމަ އެއްބާރުލުމެއް ލިބުނު ފެކަލްޓީތަކުގެ ވެރިންނަށްދޭ "ޑީންސް އިނާމު" 4 ފަރާތަކަށް ވަނީ ދީފައެވެ. އެ އިނާމަކީ މި އަލަށް ތައާރަފްކުރި އިނާމެކެވެ.

އެމްއެންޔޫއެސްޔޫގެ އެންމެ މަތީ ޝަރަފު، "ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމާއި ޢިއްޒަތްތެރި ކަމުގެ ނިޝާނުގެ ވެރިޔާ"ގެ ލަޤަބު ޖުމްލަ 10 ފަރާތަކަށް ރޭ ވަނީ ދީފައެވެ. އޭގެ ތެރޭގައި، އެމް.އެން.ޔޫގެ ޗާންސެލަރ، ވައިސް ޗާންސެލަރު، ޑެޕިއުޓީ ވައިސް ޗާންސެލަރުން އަދި ޑީން އޮފް ސްޓޫޑެންޓްސް ހިމެނެއެވެ.

comment ކޮމެންޓް