މިފަހްތާގައި ވެސް ޗެމްޕިއަންސް ލީގުގެ ބޮޑު މެޗުތަކެއް!

ޗެމްޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ޔުވެންޓަސް މިފަހަރު ބައްދަލު ކުރި ފުރަތަމަ މެޗުގެ ތެރެއިން---

ހަފްތާއަކަށް ފަހު އަނެއްކާ ވެސް މިރެއާއި މާދަމާ ރޭ ޗެމްޕިއަންސް ލީގުގެ މެޗުތަކެއް ކުޅޭނެއެވެ. އެ މެޗުތަކުގެ ތެރޭގައި ފޯރިގަދަވާނެ މުހިންމު މެޗުތަކެއް ހިމެނެއެވެ.

ގްރޫޕް އޭގައި މިރޭ އެތްލެޓިކޯ މެޑްރިޑް ބައްދަލު ކުރާނީ ބްރޫޝިއާ ޑޯޓްމަންޑާއެވެ. އަދި މޮނާކޯ ބައްދަލު ކުރާނީ ކްލަބް ބްރޫޖްއާއެވެ. ގްރޫޕުގެ އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު ޑޯޓްމަންޑް އޮތް އިރު، މިރޭ އެތްލެޓިކޯއިން ޑޯޓްމަންޑު ބަލިކޮށްފި ނަމަ އެ ދެ ޓީމު ޕޮއިންޓުގެ ގޮތުން އެއްވަރު ވާނެއެވެ. މިރޭ މޮނާކޯއާ ބްރޫޖް ކުޅޭ މެޗުން ބަލިވާ ޓީމެއް ގްރޫޕް ސްޓޭޖުން ކަޓައިގެންދާނެއެވެ.

ގްރޫޕް ބީގައި މިރޭ ބާސެލޯނާ ވާދަ ކުރާނީ އިންޓަ މިލާނާއެވެ. ޓޮޓެންހަމް ބައްދަލު ކުރާނީ ޕީއެސްވީއާއެވެ. މިރޭގެ މެޗުން އިންޓަ މޮޅުވެއްޖެ ނަމަ ޓޮޓެންހަމް އާއި ޕީއެސްވީ ކަޓައިގެންދާނެއެވެ. ބާސާ މޮޅުވެއްޖެ ނަމަ އެ ޓީމަށް ދެވަނަ ބުރު ޔަގީން ވާނެއެވެ. މިރޭ ޓޮޓެންހަމް މޮޅު ނުވެއްޖެ ނަމަ އެ ޓީމު ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ވަރަށް ހަނިވާނެއެވެ.

ބާސެލޯނާއާ އިންޓަ މިލާން އެންމެ ފަހުން ޗެމްޕިއަންސް ލީގައި ބައްދަލު ކުރި މެޗުގެ ތެރެއިން---

ގްރޫޕް ސީގައި ޕީއެސްޖީ މިރޭ ފޯމުގައި އޮތް ނަޕޯލީއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެ ނަމަ އެ ޓީމަށް ދެވަނަ ބުރުގެ ފުރަތު ވަރަށް ހަނިވާނެއެވެ. ޕީއެސްޖީ ބަލިވެއްޖެ ނަމަ އެ ޓީމަށް ޖެހޭނީ ދެން އޮންނަ މެޗްޑޭގައި ލިވަޕޫލް ބަލި ކުރާށެވެ. އެހެން ކަމުން މިރޭގެ މެޗު އެ ޓީމަށް ވަރަށް މުހިންމެވެ. މިރޭ ލިވަޕޫލް ނުކުންނާނީ ރެޑް ސްޓާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެ ނަމަ ޓޭބަލްގެ އެއްވަނައިގައި އެ ޓީމު އޮންނާނީ ނުވަ ޕޮއިންޓާ އެކުއެވެ.

މިރޭ ގްރޫޕް ޑީގައި ގްރޫޕުގެ އެއްވަނައިގައި އޮތް ޕޯޓޯ ބައްދަލު ކުރާނީ ލޮކޮމޯޓިވް މޮސްކޯއާ ދެކޮޅަށެވެ. އެ މެޗުން ޕޯޓޯ މޮޅުވާނެ ކަމަށް ބެލެވޭ އިރު، ގްރޫޕުގެ ބޮޑު މެޗު މިރޭ ކުޅޭނީ ގަލަތަސަރާއީއާ ޝާލްކާއާ ދެމެދުއެވެ. މިރޭގެ މެޗުން ޝާލްކާ މޮޅު ނުވެއްޖެ ނަމަ ގްރޫޕުގެ ދެވަނަ ޓީމު ކަށަވަރު ވާނީ އެންމެ ފަހު މެޗްޑޭގައެވެ.

ގްރޫޕް އީގައި މާދަމާ ރޭ ބަޔާން މިއުނިކް ނުކުންނާނީ އެތެންސްއާ ދެކޮޅަށެވެ. ބެންފީކާ ނުކުންނާނީ އަޔެކްސްއާ ދެކޮޅަށެވެ. އެ ގްރޫޕުގައި އަޔެކްސްއާއި ބަޔާން، މި ދެ ޓީމަށް ވެސް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. އަދި ގޯލް ޑިފަރެންސްގެ ގޮތުން ވެސް ދެ ޓީމުު އޮތީ އެއްވަރުވެފައެވެ. އެހެން ކަމުން މާދަމާ ރޭ ބަޔާން އަމިއްލަ ދަނޑުގައި ނުކުންނާނީ އެތެންސް ބޮޑު ތަފާތަކުން ބަލިކުރާށެވެ. ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗު އަޔެކްސްއަށް އުނދަގޫ ވާނެއެވެ.

މާދަމާ ރޭ ގްރޫޕް އެފްގައި މެންޗެސްޓާ ސިޓީ ޝަކްތާ ޑޮނެސްކްއާ ދެކޮޅަށް ނުކުންނަ އިރު ލިޔޯން ނުކުންނާނީ ހޮފެންހެއިމްއާ ދެކޮޅަށެވެ. އެ މެޗުތަކުން ސިޓީއާ ލިޔޯން މޮޅުވެއްޖެ ނަމަ އެ ދެ ޓީމު ދެވަނަ ބުރަށް ކޮލިފައި ވާނެއެެވެ. އަދި ސިޓީ ބަލިވެ ލިޔޯން މޮޅުވެއްޖެ ނަމަ ސިޓީ ގްރޫޕުގެ ދެވަނައަށް ވެއްޓޭނެއެވެ.

މެންޗެސްޓާ ސިޓީގެ ކުޅުންތެރިން ގޯލަކަށް ފަހު އުފާ ފާޅު ކުރަނީ---

ގްރޫޕް ޖީގައި މާދަމާ ރޭ ރެއާލް މެޑްރިޑް ނުކުންނާނީ ވިކްޓޯރިއާ ޕްލެޒަންއާ ދެކޮޅަށެވެ. އެ މެޗުން ރެއާލް މޮޅުވެއްޖެ ނަމަ ދެވަަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ވާނެއެވެ. އެހެން ނަމަވެސް، މާދަމާ ރޭ ރޯމާއާ ސީއެސްކޭއޭ މޮސްކޯ ބައްދަލު ކުރާ މެޗުން ރޯމާ މޮޅުވެ ރެއާލް އެއްވަރު ވެއްޖެ ނަމަ ގްރޫޕު އިތުރަށް ވާދަވެރި ވެގެންދާނެއެވެ. މާދަމާ ރޭ މޮސްކޯއިން ނުކުންނާނީ ރޯމާ ބަލިކޮށް ގްރޫޕުގެ ދެވަނައަށް ޖެހިލުމަށެވެ.

ގްރޫޕް ޖީގައި މާދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާ ޔުވެންޓަސް ބައްދަލު ކުރާ މެޗުން ޔުނައިޓެޑު މޮޅުވެއްޖެ ނަމަ، ތިންވަނައިގައި އޮތް ވެލެންސިއާއަށް ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ހަނިވެގެންދާނެއެވެ. ނަމަވެސް، މާދަމާ ރޭ ޔުނައިޓެޑު ބަލިވެ، ވެލެންސިއާ މޮޅުވެއްޖެ ނަމަ، ޔުނައިޓެޑު ތިންވަނައަށް ވެއްޓި ވެލެންސިއާ ދެވަނައަށް ޖެހިލާނެއެވެ. ޔުވެންޓަސް މާދަމާ ރޭ މޮޅުވެއްޖެ ނަމަ އެ ޓީމަށް ގާތްގަނޑަކަށް ދެވަނަ ބުރު ކަށަވަރު ވީއެވެ.

މި ހަފްތާގެ މެޗުތަކަށް ބަލާ އިރު އެންމެ ގިނަ ބަޔަކު ބަލާނެ ކަމަށް ބެލެވެނީ ޑޯޓްމަންޑް އާއި އެތްލެޓިކޯ ބައްދަލު ކުރާ މެޗާއި، އިންޓަ އާއި ބާސެލޯނާ ބައްދަލު ކުރާ މެޗާއި، ޕީއެސްޖީ އާއި ނަޕޯލީ ބައްދަލު ކުރާ މެޗާއި ޔުވެންޓަސް އާއި ޔުނައިޓެޑް ބައްދަލު ކުރާ މެޗުތަކެވެ.

comment ކޮމެންޓް