އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަތުމުގެ އިންތިޒާމުތަކަށް އެޑްވާންސް ޓީމް ރާއްޖޭގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ --

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަޑައިގަތުމުގެ އިންތިޒާމުތަކަށް އެޑްވާންސް ޓީމް ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ވަޔާ"އިން ބުނީ އިންޑިއާ ސަރުކާރުގެ އެޑްވާންސް ޓީމެއް ކުރިއާލައި ރާއްޖެ އައުމަކީ އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެ ވަޑައިގަންނަވާ ކަމުގެ ސިގުނަލެއް ކަމަށެވެ.

އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަންނަވާނެކަން އެއްވެސް ފަރާތަކުން ރަސްމީކޮށް ޔަގީންކޮށްދީފައެއް ނުވެއެވެ. އިންޑިއާގެ ފަސް ސްޓޭޓެއްގެ އިންތިހާބު ކައިރިވަމުން އަންނައިރު މޯދީ އުޅުއްވަނީ ބުރަކޮށް ކަމަށް ދަ ވަޔާއިން ބުނެފައިވެއެވެ.

އިބޫގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ހޮނިހިރު ދުވަހު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވުމުގެ ކަންތައްތައް ހަމަޖެއްސުމަށް ޑިޕްލޮމެޓިކް ޗެނަލްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިބޫ ހުވާކުރައްވާ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާނެކަން އިންޑިއާ އިން ނިންމާނީ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާ ލީޑަރުންގެ ލިސްޓު އެނގުމުން ކަމަށާއި ބޭރު ގައުމުތަކުގެ ލީޑަރުން އެލިސްޓުގައި ގިނަ ނަމަ، އިބޫ ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިނުގެންނެވުމަކީ އެކަށީގެންވާ ކަމެއްކަމަށް އިންޑިއާގެ ހަބަރުތައް ބުނެއެވެ.

އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ އަށް ދައުވަތު ދީފައި ވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އިބޫ އަށް މަރުހަބާކިޔުމަށް މޯދީ ކުރެއްވި ފޯނު ކޯލުގެ ތެރެއިންނެވެ.

ރާއްޖެއަކީ ފާއިތުވި ހަތަރު އަހަރާއި ބައިގެ ތެރޭގައި މޯދީ ވަޑައިނުގަންނަވާ ސައުތު އޭޝިއާގެ ހަމައެކަނި ގައުމެވެ. އެހެންކަމުން އިންޑިއާއިން ބޭނުން ވަނީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ހަމައެކަނި ދެގައުމު ބައިވެރިވާ ދަތުރުފުޅަކަށް ވުން ކަމަށް ދަ ވަޔާގައި ބުނެފައިވެއެވެ.

comment ކޮމެންޓް