"2.0"އަކީ އަކްޝޭއަށް ކުރެވުނު އެންމެ ބުރަ މަސައްކަތް!

"2.0" ގެ ޕޯސްޓަރެއްގައި އަކްޝޭ....

މި މަހުގެ 29 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ފިލްމު "2.0"އަކީ ފިލްމީ ދާއިރާގައި މިހާތަނަށް ކުރި އެންމެ އުނދަގޫ އަދި އެންމެ ބުރަ މަސައްކަތް ކަމަށް އެ ފިލްމުގެ ލިޑު ރޯލު ކުޅުނު އަކްޝޭ ކުމާރު ބުނެފިއެވެ.

އެ ފިލްމަކީ ކުޅަދާނަ ޑައިރެކްޓަރު ޝަންކަރް 2010 ވަނަ އަހަރު ގެނެސްދިން "ރޮބޮޓް"ގެ ދެވަނަ ބައެވެ.

"2.0" އިން އަކްޝޭ ނުބައި ރޯލަކުން ފެނިގެންދާނެ އިރު އެ ފިލްމު ވާނީ އަކްޝޭ މިހާތަނަށް ކުޅުނު އެންމެ ޗެލެންޖިން ރޯލު ކުޅުނު ފިލްމަށެވެ. އެ ފިލްމުގައި އަކްޝޭ ފެނިގެންދާނީ އޭނާ ކަން ވެސް ނޭންގާ ގޮތަށް އެހެން ސިފައެއްގައެވެ.

ބައެއް މީޑިއާ ތަކަށް އަކްޝޭ ކުރިން ދީފައިވާ އިންޓަވިއުއެއްގައި އޭނަ ބުނެފައިވަނީ އެ ފިލްމު ކުޅެން ހަށިގަނޑަށް ވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނުު ކަމަށާއި އެ ފިލްމު ޝޫޓް ކުރި އިރު އެހެން ފިލްމު ތަކުގައި ނުކުރާ ވަރުގެ ވަރުގަދަ މޭކަޕެއް ކުރަން ޖެހުނު ކަމަށެވެ.

އަކްޝޭ ބުނަނީ އޭނާގެ ސްޕޯޓަރުންނަށް އެ ފިލްމު ކަމުދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އެ ފިލްމު ރިލީޒްކުރާނެ ދުވަހަށް ކެތް ތެރިކަން ކޮޅުންލާފައިވާ ކަމަށެވެ. އަދި އެ ފިލްމުން ފުރުސަތު ލިބުނީތީ އަކްޝޭ ވަނީ ޑައިރެކްޓަރަށް ޝުކުރު އަދާކޮށްފައެވެ.

ބޮޑު ބަޖެޓަކާއެކު ހަދާފައިވާ އެ ފިލްމަކީ މިހާތަނަށް އިންޑިއާގައި އެންމެ އަގުބޮޑު ކޮށް ހަދާފައިވާ ފިލްމެވެ. އެ ފިލްމުގެ ޓްރެއިލާ މި މަހުގެ ތިން ވަނަ ދުވަހު އާންމުކޮށްފައިވާއިރު އެ ޓްރެއިލާއަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

comment ކޮމެންޓް