މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޒުވާން މޮޑެލް އީމް ނިޒާމް އިންތިޒާމްކޮށްގެން މާލޭގައި ކުރިޔަށް ގެންދިޔަ "ހީނާ އާޓް މާސްޓާކްލާސް"ގެ ޗެރިޓީ އިވެންޓެއް މާލެ އަތޮޅު ގުރައިދޫގައި ބާއްވައިފި އެވެ.
މާލޭގައި އެ ކްލާސްތައް ކުރިޔަށް ގެންގޮސްފައި ވަނީ މި މަހުގެ ދޭއް އަދި ތިން ވަނަ ދުވަހު މާބުލް ހޮޓެލް ގައެވެ.
ބަހްރައިންގެ މަޝްހޫރު ހީނާ އާޓިސްޓެއް ކަމަށްވާ ހާނި ބަލުޗްއާ އެކު މާލޭގައި ހިންގި ކްލާސްތަކުގައި 30 ވަރަކަށް ކުދިން ވަނީ ބައިވެރިވެފަ އެވެ. އަދި އެ ކުދިންނަށް ހާނި ވަނީ ހީނާ ހަދާނެ ގޮތާއި ތަފާތު މުނާސަބަތުތަކާ ގުޅޭ ގޮތަށް ހީނާ ބޭނުން ކޮށްގެން ކުރަހަން ދަސްކޮށްދީފަ އެވެ. އަދި ހީނާ ގެ ވިޔަފާރި އެއް ފެށިދާނެ ގޮތުގެ ތަމްރީންތައް ވެސް ހާނި ވަނީ ދީފައެ ވެ.
ހާނި އާއެކު އިއްޔެ ކ. ގުރައިދޫގައި ހިންގި ކްލާހުގައި ޖުމްލަ ހަ ކުދިން ވަނީ ބައިވެރިވެފަ އެވެ. އެ ކްލާހުގެ ބައިވެރިންނަށް ހާނި ވަނީ ހީނާ އެޅުމުގައި ގެންގުޅެންވީ އުކުޅުތައް ކިޔައިދީ ހީނާ ތައްޔާރު ކުރާނެ ގޮތްތައް ކިޔައިދީފަ އެވެ.
އެ ރަށުގައި ހުންނަ މެދުފަރު އިން ގެސްޓްހައުސްގައި ކުރިޔަށް ގެންދިޔަ ކްލާހުގައި ބައިވެރިވީ އެ ގެސްޓްހައުސް އިން ހުޅުވާލި ފުރުސަތުގައި ނަންނޯޓް ކުރި މީހުންނެވެ.
ކާމިޔާބުކަމާ އެކު ތިން ވަރަކަށް ގަޑި އިރު ވަންދެން ނަގައިދިން އެ ކްލާސް ވެސް ނިންމާލީ ބައިވެރިންނަށް ސެޓްފިކެޓާއި ހަދިޔާތައް ވެސް ދެމުންނެވެ.