ދިވެހި ވަޑިއެއްގެ ފަރުނީޗަރު ބްރޭންޑް "ގްލޮޒް ލިވިން"

ދިވެހި ވަޑިންގެ އުފެއްދުންތައް އާންމުން ގޮތެއްގައި ބާޒާރުން ނުފެނެ އެވެ. އެހެންނަމަވެސް މާލޭގައި ހުޅުވާފައިވާ "ގުލޮޒް ލިވިން" ފިހާރައަކީ މުޅިން ވެސް ރާއްޖޭގައި އުފައްދާ ފަރުނީޗަރު ވިއްކަން ހާއްސަކޮށްފައިވާ ފިހާރައެކެވެ.

ގްލޮޒް ލިވިންގެ ވެރިޔާ އަދި އަބްދުﷲ ޝަރުމީލް (ޝަރޭ) ބުނި ގޮތުގައި އޭނާގެ އަމިއްލައަށް އުފައްދާފައިވާ ހުރިހާ ބާވަތެއްގެ ފަރުނީޗަރަށް ހާއްސަ ފިހާރައެއް ހުޅުވައި ފަރުނީޗަރު ބާޒާރަށް ނެރުނީ ކުނޑި ލަކުޑީގެ ފަރުނީޗަރު ނޫން އެއްޗެއް ދިވެހިންނަށް މާލޭ ބާޒާރުން ލިބެން ނެތުމަކީ ދިވެހިންނަށް އޮތް "ބޭއިންސާފެއް" ކަމަށް ފެނިގެނެވެ.

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގެ އާއި މިހާރު، ރައީސުލް ޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅު، މުލީއާގެއާއި އިސްލާމީ މަރުކަޒުގައި ތެދުއުއިވަޑާމުގެ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާ ޝަރުމީލްގެ އުފެއްދުންތަކުގެ ފިހާރާ ގްލޮޒް ލިވިން ހުޅުވީ މިދިއަ މަހު އެވެ. މާލޭ ރެހެންދި ހިނގުމުގައި ހުންނަ ފިހާރަ ހުޅުވުމާއެކު މީހުން ވަނީ އެތަނުގައި ހުރި ފަރުނީޗަރުތައް ބަލައިގެންފަ އެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހީވެސް ނުކުރާ ވަރަށް މީހުންގެ ތަރުހީބު ލިބެމުން ދަނީ،" ޝަރުމީލް ބުންޏެވެ. އޭނަ ބުނީ ފިހާރައަށް މީހުން ދިން ސަމާލު ކަމަށްވުރެ ބޮޑަށް އޭނާއަށް ހިތްހަމަ ޖެހުން ލިބުނީ އޭނަގެ ވަޑާމުގެ މަސައްކަތުން އުފެއްދި ފަރުނީޗަރުތައް ބާޒާރަށް ނެރުވުމާއެކު ދިވެހިންނަށް އޭނާގެ ފަރުނީޗަރު ކަމުދިއުމުން ކަމަށެވެ.
"އާންމުން މިކަން ގަބޫލުކުރީތީ ހިތްހަމެޖެހި، އިތުރު ހިތްވަރެއް ލިބިއްޖެ،" އޭނާ ބުންޏެވެ. "ހީވެސް ނުކުރަން މިހާ ރަނގަޅުވާނެ ކަމަކަށް،"
~
ގްލޮޒް ލިވިންގައި އެކި ޑިޒައިންތަކުގެ އެނދު ސެޓާއި ކަބަޑާއި އަލަމާރިއާއި ކުޑަކުދިންގެ ފަރުނީޗަރާއި އުނދޯޔާއި ގޮނޑި ސެޓްފަދަ ފަރުނީޗަރުތައް އެބަހުއްޓެވެ. އެހެންވެސް ފަރުނީޗަރު ފިހާރަތައް ފަދައިންނެވެ. މީގެ އިތުރުން ގޭތެރޭ އިންޓީރިއާއަށް ބޭނުންވާ ވަރަށް ގިނަ ލަކުޑީގެ ސާމާނު ވެސް ހިމެނެ އެވެ.
"ކުޑަކުދިންގެ އެނދު ވަރަށް ބާރަށް ވިކެމުން އެބަދޭ މިހާރުވެސް މިއޮތް މަހަށް އެއްޗިހި ޖަހަން އޯޑަރުތައް ވަނީ ފުލްވެފައި" ޝަރުމީލް ބުންޏެވެ. ޝަރުމީލް އޭނާގެ އުފެއްދުންތައް ތައްޔާރު ކުރަނީ އޭނާގެ ވަޑާންގެ ޑީއެފް ކާޕެންޓްރީގަ އެވެ.

މަދު މުވައްޒަފުންކޮޅަކާއެކު ވަޑާމުގެ މަސައްކަތްކުރާ ޝަރުމީލް އޭނާގެ އަމިއްލަ ބްރޭންޑްގެ ފަރުނީޗަރުތައް "ގްލޮޒް ލިވިން" އަށް ނެރުނު އިރު އަގުތައް ބަހައްޓާފައި ވަނީ ބޭރުން އިމްޕޯޓްކޮށްގެން ފަރުނީޗަރު ވިއްކާ ފިހާރަތަކެކޭ އެއްއަގެއްގަ އެވެ.
"އަގުތަކުގެ ރޭންޖު އުޅޭނީ 900ރ. އިން ފެށިގެން 10000ރ. އާ ދެމެދުގަ. ތަފާތަކީ ކުނޑި ފިލާގެ ބަދަލުގައި ހުރިހާ ފަރުނީޗަރެއް ވެސް ހުންނާނީ އޮރިމަސް ވަކަރުން. ދަޅަ އަޅާ ވަރަށް ވަރުނީސްކޮށް އޮފުކޮށްފައި،" އޭނާ ބުންޏެވެ.

ގްލޮޒްގެ އިން ގޭގެއަށް ގޮސް ފަރުނީޗަރު ރާވައިދިނުމާއި ބޭނުންވާ ޑިޒައިނަކަށް ހުރިހާ ބާވަތެއްގެ ފަރުނީޗަރު ހަދައިދިނުން ހިމެނެ އެވެ. މީގެ އިތުރުން ގޭގޭގެ އިންޓީރިއާ ޑެކަރޭޝަން ހިދުމަތްވެސް ދެ އެވެ. ފިހާރައިގައި ފަރުނީޗަރުތަކުގެ ކެޓަލޮގުތައް ބަހައްޓާފައިވާއިރު އެމީހަކު އޯޑަރުކުރާ ފަރުނީޗަރެއް އެމީހަކު ބޭނުންން ފެންވަރެއްގައި ތައްޔާރުކޮށްދެ އެވެ.

"ފަރުނީޗަރު ޖަހައި ދިނުމުހައި އަޅުގަނޑުމެންގެ އަމިއްލަ ޑިޒައިންތައް ނޫނަސް މައްސަލައެއް ނެތް،" ޝަރުމީލް ބުންޏެވެ.
"ލިބެމުންދާ ތަރުހީބު ވަރަށް ބޮޑު. މިހާރު އެނގިއްޖެ އާންމުން ބަލައިގަންނަކަން. އެއީ އެންމެ ބޮޑު ހިތްހަމަޖެހުން. އެންމެންވެސް އައިސްފައި ވަރަށް ތައުރީފް ކުރޭ. އެހެންވެ ވަރަށް އުފާވޭ، އަޅުގަނޑު އުންމީދު ކުރަން ގްލޮޒް މިއަށްވުރެވެސް ފުޅާކުރަން،" އޭނާ ބުންޏެވެ.

މިލިޔުމާ ގުޅުން ހުރި ވީޑިއޯ

http://www.youtube.com/watch?v=AKV08cd-zF4
ގުޅޭ ޓެގު
comment ކޮމެންޓް