މަޖިލީހުގެ ރައީސްއާ އިބޫ ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް އިބޫ މަޖިލީހުގެ ރައީސް ގާސިމްއާ މިއަދު ބައްދަލު ކުރައްވަނީ ---

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އިންތިހާބު ކުރި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.

އެ ބައްދަލުވުން އޮތީ މިއަދު ހަވީރު އިންތިޚާބީ ރައީސްގެ އޮފީހުގަ އެވެ. ނަމަވެސް އެ ބައްދަލުވުމުގައި ދެކެވުނު އެއްވެސް ވާހަކައެއް ދެ ފަރާތުން ވެސް މީޑިއާއަށް ހިއްސާކޮށްފައެއް ނުވެ އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުގައި މީގެ ކުރިން ހުންނެވި ފުވައްމުލަކު ދެކެނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައި ވަނިކޮށް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވުމުން މިދިޔަ ހަފްތާގައި ގާސިމް ވަނީ މަޖިލީހުގެ ރައީސަކަށް އިންތިހާބު ކޮށްފަ އެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުއްﷲއާ ވާދަކުރައްވައި ގާސިމް އިންތިހާބް ކާމިޔާބް ކުރެއްވީ އެ ވަގުތު މަޖިލީހަށް ހާޒިރުވެތިބި 80 މެންބަރުންގެ ތެރެއިން 62 މެންބަރުންގެ ވޯޓާއި އެކުއެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމް ނަން ހުށަހެޅުއްވީ އިންތިހާބީ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބޫ އެވެ. އެ ނަންފުޅަށް ތާއިދު ކުރެއްވީ އިންތިހާބީ ރައީސްގެ ނައިބް އަދި ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ.

މީގެ ކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިހާބް ކުރި ފަހުން މިއީ އިންތިހާބީ ރައީސް އިބޫއާ ވަކިން ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.

އިންތިހާބީ ރައީސް އިބޫ މިއަދު ކުރީގެ ރައީސް ނަޝީދުއާ ބައްދަލު ކުރައްވަނީ ---

މަޖިލީހުގެ ރައީސް ގާސިމްގެ އިތުރުން މިއަދު އިބޫ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ވެސް ބައްދަލު ކުރައްވާފަ އެވެ. އަދި އިއްޔެ ވަނީ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ވެސް ބައްދަލު ކުރައްވާފަ އެވެ.

comment ކޮމެންޓް