ރައްޔިތުންނާ ގުޅުންހުރި ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދާނަން: އިބޫ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯއްދަވާނެ ކަމަށް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންނާ ގުޅުން ހުރި ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަބަދުވެސް ހޯއްދަވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވެފައި ވަނީ 'ޖަޒީރާ ހޮޅުއަށި' ގެ ނަމުގައި އަންނަ ހޯމަ ދުވަހު ދަރުބާރުގޭގައި އެމަނިކުފާނާއި ބައްދަލުކުރެއްވުމަށް ބާއްވާ ހަފްލާއަށް ރައްޔިތުންނަށް ދައުވަތު ދެއްވުމަށް ކުރެއްވި ޓްވީޓެއްގަ އެވެ.

ޖަޒީރާ ހޮޅިއަށީގެ މައުލޫމާތު ދެއްވަމުން އިބޫގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވީ އަންނަ ހޯމަ ދުވަހުގެ ރޭ 8:30 ގައި ބާއްވާ އިވެންޓުގައި ރައްޔިތުންގެ ފަރާތުން ހިޔާލު ހޯއްދަވަން ހަމަޖެހިފައިވާ މައުލޫ އަކީ 'މާލޭގެ މަގުމަތި' ކަމަށެވެ.

"ވިކި ބޭފުޅުންނަކަށް ދައުވަތު ދިނުމެއް ނޯންނާނެ. ހަމަ އާންމުކޮށް ހުޅުވާލެވިގެން މި މަޝްވަރާ ބައްދަލުވުންތައް ދާނީ. މި ފެށޭ ބައްދަލުވުމުގައި ވާހަކަދައްކަން އޮތީ މާލޭގެ މަގުތަކާ ގުޅޭ ގޮތުން،" މާރިޔާ ވިދާޅުވި އެވެ.

ސިލްސިލާ ގޮތެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ މަޝްވަރާ ބައްދަލުވުން އަތޮޅުތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް