ޑަމްބޯ އޮކްޓޮޕަސް: އާއްމުކޮށް ނުފެންނަ ބޯވައެއް ކެމެރާ ކުރިމައްޗަށް

ޑަމްބޯ އޮކްޓޮޕަސްގެ ބޮލުގެ ދެފަރާތުގައި އުރަހަ ހުރޭ --

ކަނޑުއަޑިން އެކި ކުލަކުލައިގެ މަސްތަކާއި މުރަކަ ފެނުމަކީ ވަރަށް ހިތްގައިމު ކަމެކެވެ. ނަމަވެސް ކުޑަކުދިންނާއި ބޮޑު މީހުންގެ މެދުގައި ވެސް މަގުބޫލު ކާޓޫން ކެރެކްޓާއެއް ކަމަށްވާ ޑަމްބޯއާ އެއްގޮތް ބޯވައެއް ފެނުމުން ވާނީ ކޮންކަހަލަ އިހުސާސެއްބާ އެވެ؟

އެމެރިކާގެ އެކްސްޕްލޮރޭޝަން ވެސެލް ނޯޓިލަސްގެ ސައިންސުވެރިންނަށް އެބޯވަ ފެނުންވީ ވަރަށް އުފާވެރި ކަމަކަށެވެ. މެރިން ސައިންޓިސްޓުން ބުނާ ގޮތުގައި ކަނޑުގެ 3،000 މީޓަރާއި 4،000 މީޓަރު އަޑީގައި ދިރިއުޅޭ އެބޯވަ ފެންނަނީ ވަރަށް މަދުންނެވެ.

ގްރިމްޕޮޓޫތިސް ނަމަކަށް ކިޔާ އެބޯވަ ނޯޓިލަސްގެ ސައިންސުވެރިންނަށް ފެނިފައި ވަނީ ކެލިފޯނިއާ ކައިރީ އޮންނަ، ކަނޑުއަޑީގެ އަލިފާން ފަރުބަދައެއް ދިރާސާ ކުރަމުން ދަނިކޮށެވެ. އެދިރާސާތައް ކުރަނީ އާރުއޯވީ ހާކިއުލީސް ކިޔާ، ރިމޯޓުން ކޮންޓުރޯލު ކުރާ އުޅަނދަކުންނެވެ.

އެއާރުއޯވީގެ ހައި ރެޒޮލިއުޝަން ކެމެރާތަކުން ވަނީ ގްރިމްޕޮޓޫތިސްގެ ގުޅިފައިވާ ފައިތަކާއި އޭގެ ބޮލުގެ ދެކޮޅުގައި ހުންނަ އުރަހައިގެ މަންޒަރުތައް ވަރަށް ސާފުކޮށް ދައްކާލާފަ އެވެ. އެބޯވައަށް ނުރަސްމީ ގޮތެއްގައި ޑަމްބޯގެ ނަން ދީފައި ވަނީ ފިޔަގަނޑެއް ފަދަ އެއުރަހައިގެ ސަބަބުންނެވެ.

ސައިންސުވެރިން ބުނާ ގޮތުގައި ޑަމްބޯ އޮކްޓޮޕަސް އާއްމުކޮށް ބޮޑުވަނީ 20 އާއި 30 ސެންޓިމީޓަރާ ދެމެދުގެ ދިގު މިނަށެވެ. ނަމަވެސް ނޯޓިލަސްއަށް ފެނުނު ބޯވައިގެ ދިގު މިނުގައި 60 ސެންޓިމީޓަރު ހުރި ކަމަށް އެސައިންސުވެރިން ބުންޏެވެ. އަދި އެބޯވަ ފެނިފައި ވަނީ ކަނޑުގެ ގާތްގަނޑަށް 3000 މީޓަރު އަޑިންނެވެ.

ނޯޓިލަސްގެ ސައިންސުވެރިން ވަނީ ޕެސިފިކް ކަނޑުގައި އެމީހުން މިހާރު ހޯދަމުންދާ ކަނޑު އަޑީގެ ސަރަހައްދުތަކުން ޑަމްބޯ އޮކްޓޮޕަސް ފަދަ އާދަޔާ ހިލާފު ގިނަ އަދަދެއްގެ މަސްތަކާއި މުރަކަ ފެނިފައިވާ ކަމަށް ބުނެފަ އެވެ. އަދި މިހޯދުންތަކުގެ މަގުސަދަކީ ކަނޑުއަޑީގެ ދިރުންތައް ހިމާޔަތް ކުރުމަށް ހިތްވަރުދިނުން ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް