ޝާހުގެ ފިލްމު "ޒީރޯ"ގެ ޓްރެއިލާ އާންމުކޮށްފި

ބޮލީވުޑް ރަސްގެފާނު ޝާހުރުކް ޚާން ޑްވާފެއްގެ ރޯލުން ފެނިގެންދާ އާނަންދު އެލް ރާއީގެ ފިލްމު "ޒީރޯ"ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

ތިން މިނެޓުގެ ޓްރެއިލާ ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު، ޝާހުގެ އުފަންދުވަހު އެވެ. ފިލްމުގައި ޝާހު އަދާކުރަނީ "ބައުއާ" ކިޔާ ކެރެކްޓަރެއްގެ ރޯލެވެ.

ޓްރެއިލާގައި ފެނިގެންދާ ގޮތުން ފިލްމުގައި އަނުޝްކާ ޝަރްމާ ފެނިގެން ދާނީ، ނުކުޅެދުންތެރިކަމުގެ ސަބަބުން ދުއްވާ ގޮނޑިއެއްގައި އިންނަން ޖެހިފައިވާ ސައިންޓިސްޓެއްގެ ރޯލުންނެވެ. ބަތަލާ ކެޓްރީނާ ކައިފް ފެނިގެންދަނީ ސުޕަސްޓާރެއްގެ ރޯލުންނެވެ.

ފިލްމުގައި ފެނިގެންދާނީ ކާމިޔާބު ދެ އަންހެނުން ދެކެ ލޯބިބެވި، ބައުއާގެ ދިރިއުޅުން ބަދަލުވާ ގޮތެވެ. މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ފިލްމުގެ ޓްރެއިލާ ބަލައިފައި ވާއިރު، އެކި ގޮތްގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ. އެއްބަޔަކު ބުނަމުން އަންނަނީ ފިލްމު ތަފާތުވެފައި މޮޅުވާނެ ކަމަށެވެ. އަނެއްބަޔަކު ބުނަނީ އެއީ ޓިޕިކަލް ބޮލީވުޑް ފިލްމެއް ކަމަށާއި، ފިލްމު ފްލޮޕް ވާނެ ކަމަށެވެ.

އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ނަމަވެސް ޒީރޯ" އަކީ މިއަހަރު އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެވެ. އެމެރިކާގެ ނާސާގައި ވެސް މުހިންމު މަންޒަރުތަކެއް ނަގައިފައިވާ އެ ފިލްމު ރިލީޒް ކުރާނީ ޑިސެމްބަރު 21 ގައެވެ.

comment ކޮމެންޓް