އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެ

އައްޑޫ ސިޓީއަށް ރޭ ކުރި ވިއްސާރައިގައި އެ ސިޓީގެ އަވަށެއްގައި ފެން ބޮޑުވެފައި -- ފޮޓޯ/ އެމްއެންޑީއެފް

ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީގެ ބައެއް އަވަށްތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަންނަމުން ދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.

ބޯކޮށް ވާރޭ ވެހި، އައްޑޫ ސީޓީގެ މަރަދޫ ފޭދޫ، މަރަދޫ އަދި ހިތަދޫގެ ބައެއް ގެތަކަށް ވަނީ ފެން ވަދެފައެވެ. އަދި އެ އަވަށްތަކުގެ ބައެއް މަގުތަކުގައި ވެސް ވަނީ ފެންބޮޑު ވެފައެވެ.

ރެއިން ފެށިގެން މިއަދު ހެނދުނާ ހަމައަށް އައްޑޫ ސިޓީއަށް މެދުނުކެނޑި ވާރޭ ވެހުނެވެ.

އަދި ރޭ ދަނވަރު 3:00 ހާ އިރު ބައެއް ގެތަކަށް ފެން ވަންނަން ފެށި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައިދިނެވެ.

އައްޑޫ ސިޓީ، އަށް ރޭ ކުރި ވިއްސާރައިގައި މަރަދޫ ފޭދޫ ގެއެއްގެ ތެރެއަށް ފެން ވަންނާތީ ދޮރުމަތީގައި ބަސްތާ ޖަހަނީ -- ސަންފޮޓޯ/ކިޔުންތެރިއެއް

އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީގެ ބައެއް ސަރަހައްދުތަކަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ ކަމަށާއި މިހާރު އެމްއެންޑީއެފްގެ ހިތަދޫ ފަޔާ ސްޓޭޝަނުން ދަނީ ފެން ބޮޑުވުން ކޮންޓްރޯލްކޮށް، އެހީތެރިވެދެމުން ގެންދާ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ އައްޑޫ ސިޓީ ހިމެނޭ ގޮތަށް ދެކުނުގެ އަތޮޅުތަކަށް މިއަދު ހެދުނު 8:20 އިން މެންދުރު 1:20 އަށް ވައިޓް އެލާޓް ނެރެފައެވެ. އަދި ހުވަދު އަތޮޅަށް ހެނދުނު 8:35 އިން 11:35 ޔެލޯ އެލާޓް ނެރެފައެވެ.

އައްޑޫ ސިޓީ އަށް ބޯކޮށް ވާރޭ ވެހި ބައެއް ގެތަކަށް ފެން ވަދެފައިވާއިރު މި ހަފްތާ ތެރޭގައި މާލެއަށްވެސް ވަނީ ބޯކޮށް ވާރޭވެހި، ފެންބޮޑު ވެފައެވެ.

comment ކޮމެންޓް