ކެންސަރުޖެހިފައިވާ މުހައްމަދު ދީލަތި އެހީއެއްގެ އިންތިޒާރުގައި

މުހައްމަދު ރަޝީދު--- ފޮޓޯ/ އާއިލާ

ފ. ބިލައްދޫއަށް އުފަން އުމުރުން 54 އަހަރުގެ މުހައްމަދު ރަޝީދުގެ ދިރިއުޅުން ބަދަލުވެގެންދިޔައީ ކުއްލިގޮތަކަށެވެ. ހަޔާތުގެ ދުވަސްތައް އުފަލާއެކު ވޭތުކުރަމުންދަނިކޮށް ހަޔާތަށް އަނދިރި ކޮޅިގަނޑެއް އައެވެ. ކެންސަރުޖެހިފައިވާކަން އެނގުނު ހިސާބަކީ ދިރިއުޅުމުގައި އެންމެ ހިތްދަތިވި ވަގުތުކޮޅެވެ. އެންމެ ބަލިކަށިވި ވަގުތުކޮޅު ވެސް މެއެވެ.

މުހައްމަދު ރަޝީދު އަކީ ފުއްޕާމޭގައި ޓިއުމަރެއް އުފެދި ކެންސަރުޖެހިގެން ފަރުވާކުރަމުން އަންނަ މީހެކެވެ. މުހައްމަދުގެ ބަލިހާލަތާ ގުޅޭގޮތުން "ސަން ކުލުނު" އަށް މައުލޫމާތު ދެމުން އޭނާ ބުނީ ބަލީގެ ފުރަތަމަ އަސަރު ފެންނަން ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު ކަމަށެވެ.

"އެފަހަރު ވަރަށް ގަދައަށް ކެއްސައި ރޯގާ ޖެހުނު. ވަރަށް ބަލިވި އެފަހަރު. ސީދާ މާލެ އައިސް ދެއްކީ ވެސް. ކްލިނިކަކަށް ގޮސް ދެއްކީމަ އެމީހުން ދިނީ ޓެސްޓްތަކެއް ހަދަން. ދެން އައިޖީއެމްއެޗްއަށް ގޮސް އެ ޓެސްޓްތައް ހެދީ އަވަހަށް. އޭރަކު ނޭނގެ ވެގެން އުޅޭގޮތެއް. ހިތަކަށް ނާރާ މިކަހަލަ ކަމެއް ކަމެއް،"

މުހައްމަދު ބުނީ ޓެސްޓްތައް ހެދުމަށްފަހު އެ ދުވަހު ގެއަށް ދިޔަކަމަށާއި ހާލަތު އިތުރަށް ގޯސްވީ އެރޭކަމަށެވެ. ހޮޑުލެވި ކެއްސާގޮތް ވުމުން ވަގުތުން އައިޖީއެމްއެޗްއަށް ދިޔަކަމަށް ވެސް އޭނާ ބުންޏެވެ. އައިޖީއެމްއެޗްގެ ގިނަ ޑޮކްޓަރުންތަކެއް އެވަގުތު މުހައްމަދު ވަށާލި ކަމަށާއި ފުއްޕާމޭގެ އިތުރުން ނާރުގެ ޑަކްޓަރެއް ވެސް އެވަގުތު ބެއްލެވި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއްވެސް ކަހަލަ މައްސަލައެއް އުޅޭކަމަށް ޑަކްޓަރުން ނުބުނާކަމަށާއި ޓެސްޓްގެ ނަތީޖާ ލިބުމުން ކެންސަރުޖެހިފައިވާ ކަމަށް ޑަކްޓަރުން ބުނި ކަމަށް އޭނާ ބުންޏެވެ.

"ކެންސަރު ހުރިކަން އެނގުމުން އެމީހުން ބުނީ އަވަހަށް ބޭރަށްދާށޭ. ދެން ވަގުތުން އައީ އިންޑިއާ އަށް. އައިސް އަމްރިތާ ހޮސްޕިޓަލް އަށް ދެއްކުމަށްފަހު އެކޮޅުގެ ޑަކްޓަރުން ބުނީ ފުއްޕާމޭގައި އުފެދިފައި އިން ޓިއުމަރަކަށް ކެންސަރުޖެހިފަ އިން ވާހަކަ. އަސްލު އެގަޑީ ވަރަށް އަސަރުކުރި. ހަދާނެގޮތް ވެސް ހުސްވި،"

ސިއްހީ ހާލަތު މުޅިން ރަނގަޅުވާނެ ދުވަހަކަށް އަބަދުވެސް އިންތިޒާރުކުރާ ކަމަށާއި ރަނގަޅުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ވެސް ކުރުމަށް މަސައްކަތްކުރާނެ ކަމަށް މުހައްމަދު ރަޝީދު "ސަން ކުލުނު" އަށް ބުންޏެވެ.

ފަރުވާކުރުމަށް އިންޑިއާގައި ހުރެފައި ރާއްޖެ އައިނަމަވެސް އަވަސް މުސްތަގްބަލެއްގައި އެނބުރި އިންޑިއާ އަށް ދާންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ. މުހައްމަދު ރަޝީދު ބުނީ އޭނާއަކީ ތައިރޮއިޑް ބައްޔަށް ވެސް ބޭސްކުރަމުން އަންނަ މީހެއް ކަމަށެވެ.

ގަވާއިދުން ކީމޯ ތެރެޕީ އަދި ރޭޑިއޭޝަން ނަގަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން ވަރުބަލިވާ ކަމަށް އޭނާ ބުންޏެވެ.

"އެބަޖެހޭ ހަ ޑޯޒް ނަގަން. މިހާރު ރޭޑިއޭޝަން ދޭތީ ވެސް ވަރަށް ވަރުބަލިކަން އިހުސާސްކުރެވޭ. ކެއްސާ އޯކާ ދެމޭގޮތް ވެސް ވޭ. ޑަކްޓަރުން މަނާކޮށްފައި އޮތީ ގެރި މަސް އެއްޗެހި ކާން. ތެލުގެ ބާވަތް މަދުކޮށް ކަނޑުމަސް ކެއުންވެސް މަދުކުރުމަށް އަންގާފައި އޮތީ،" މުހައްމަދު ރަޝީދު ބުންޏެވެ.

ކުރިން މުހައްމަދު އަކީ ރަށު މިސްކިތުގެ މަސައްކަތު މީހެކެވެ. "އެއްވެސް ދަރިއެއް ނުހުރޭ. މާލީ ގޮތުން ވަރަށް ދަތި،"

"ތިން މަހުން އެއްފަހަރު އިންޑިއާއަށް އައިސް ކީމޯ އަދި ރޭޑިއޭޝަން ހެދުމަށް އައުމަށް ޑަކްޓަރުން އަންގާފައި އޮތީ،"

އިންޑިއާގައި ހޭދަވާނެ ދުވަސްތަކަކީ ގިނަ ހަރަދުތަކެއް ހިނގާނެ ދުވަސްތަކެކެވެ. ބޭސްފަރުވާ އަށް އާސަންދަ ހަމަޖެހުނު ނަމަވެސް އިތުރު ފަރުވާކުރުމަށް ޚަރަދު ހިނގައެވެ.

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެ އެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް