ސައުދީ އަރަބިއާއިން އިންޑޮނޭޝިއާގެ މެއިޑަކު މަރާލި މައްސަލަ ހޫނުވެއްޖެ

ސައުދީ އަރަބިއާއިން ވަނީ އިންޑޮނޭޝިއާގެ މެއިޑަކަށް މަރުގެ އަދަބު ދީފައި -- ފޮޓޯ: މައިގްރެންޓް ކެޔާ

ޖަކާޓާ (ނޮވެމްބަރު 1): އިންޑޮނޭޝިއާއަށް އެންގުމަކާ ނުލައި، ސައުދީ އަރަބިއާއިން އެގައުމުގެ މަސައްކަތު މީހަކަށް މަރުގެ އަދަބު ދިން މައްސަލަ ހޫނުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ސައުދީން ވަނީ ތޫތީ ތުރުސިލަވާތީއަށް މިދިޔަ ހޯމަ ދުވަހު މަރުގެ އަދަބު ދީފަ އެވެ. ނަމަވެސް އަދަބު ދީފައި ވަނީ ތުރުސިލަވާތީގެ އާއިލާއަށާއި ސައުދީގައި ހުންނަ އިންޑޮނޭޝިއާގެ ކޮންސިއުލޭޓަށް އެންގުމަކާ ނުލަ އެވެ.

އެހެންކަމުން ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ސައުދީއަށް ފާޑު ވިދާޅުވެފަ އެވެ. އަދި ސައުދީ ފޮރިން މިނިސްޓަރު އާދިލް އަލް ޖުބެއިރަށް ގުޅުއްވައި ޝަކުވާ ހުށަހެޅުއްވި ކަމަށް ވިދާޅުވެފަ އެވެ.

މީގެ ހަތް އަހަރު ކުރިން ތުރުސިލަވާތީ މަރަން ހުކުމް ކުރީ އޭނާ މަސައްކަތް ކުރުވަން ގެންދިޔަ ސައުދީ އަރަބިއާގެ މީހާ މަރާލި މައްސަލައިގަ އެވެ. ތުރުސިލަވާތީ ބުނި ގޮތުގައި އޭނާ މަރާލާފައި ވަނީ އަމިއްލަ ނަފްސުގެ ދިފާއުގަ އެވެ.

ސައުދީ އަރަބިއާގައި އިންޑޮނޭޝިއާގެ މަސައްކަތު މީހުންނަށް އަނިޔާކޮށް، އެމީހުންގެ ހައްގުތަކަށް އަރައިގަންނަ ކަމުގެ ރިޕޯޓުތައް އާއްމުވުމާ ގުޅިގެން، އިންޑޮނޭޝިއާގެ މަސައްކަތު މީހުން ސައުދީއަށް ދިޔުން 2015 ވަނަ އަހަރު މަނާ ކުރި އެވެ. ނަމަވެސް އެގައުމުން ފަހުން ވަނީ ވަކި އަދަދަކަށް މަސައްކަތު މީހުން ސައުދީއަށް ދިޔުމަށް ހުއްދަ ދީފަ އެވެ.

ފާއިތުވި ތިން އަހަރު ތެރޭ ސައުދީ އަރަބިއާއިން ވަނީ، އިންޑޮނޭޝިއާއަށް ކުރިން އެންގުމަކާ ނުލައި އެގައުމުގެ ތިން މަސައްކަތު މީހުންނަށް މަރުގެ އަދަބު ދީފަ އެވެ. އަދި ސައުދީގައި މަރަން ހުކުމްކޮށްފައިވާ އިންޑޮނޭޝިއާގެ 20 މީހަކު މިހާރު ތިބި ކަމަށް ޖަކާޓާ ޕޯސްޓުން ބުނެ އެވެ.

comment ކޮމެންޓް