ތިން އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފި

ރައީސް ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ، މިއަދު ރާއްޖެ ވަޑައިގަތުމަށް ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި --

ދެ އަހަރާއި ނުވަ މަހަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިއެވެ.

ސްރީލަންކާގެ ކޮލޮމްބޯއިން، ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ މިއަދު މެންދުރު 2:30ގައެވެ. އެމަނިކުފާނު އަރިހުގައި އަނބިކަނބަލުން ލައިލާ އަލީ އަބްދުﷲވެސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދެވި އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހްމަދު ނަސީމާއި ޓްރާންސްޕޯޓު މިނިސްޓަރު އާދިލް ސަލީމާއި ހެލްތު މިނިސްޓަރު ޑރ. އައިމިނަތު ޖަމީލްވެސް ރާއްޖެ ވަޑައިގަތެވެ.

ރައީސް ނަޝީދުގެ މަންމާފުޅު އާބިދާ އަހްމަދު، އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ -- ފޮޓޯ/ ސޯޝަލް މީޑިއާ

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދާއި، އިންތިހާބީ ރައީސް އަދި އެންމެ ގާތް އެކުވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދުގެ ގާނޫނީ ވަކީލު ހިސާން ހުސައިނާއި ހަސަން ލަތީފްވެސް ބައިވެރިވެވަޑައިގަތެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ މަންމާފުޅު އާބިދާ އަހްމަދެވެ. ސިޔާސީ ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒެވެ.

ރައީސް ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގައި --- ފޮޓޯ/ ސޯޝަލް މީޑިއާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި، އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅުންނާއި އިދިކޮޅަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވިއެވެ.

13 އަހަރުގެ ޖަލު ހުކުމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް ރައީސް ނަޝީދުގެ މައްޗަށް އިއްވީ 2015 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

ޖަލުގައި 10 މަހެއްހާ ދުވަސް ހޭދަކުރެއްވުމަށްފަހު، މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށްޓަކައި ސަރުކާރުގެ ހުއްދައާއެކު ރައީސް ނަޝީދު ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. އެހެން ނަމަވެސް އޭގެ ފަހުން އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައެއް ނުގަންނަވައެވެ. އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދެވީ އިނގިރޭސިވިލާތާއި ސްރީލަންކާގައެވެ.

ބޭރުގެ ފާޑުކިޔުން އިންތިހާއަށް

ރައީސް ނަޝީދު ޖަލަށް ލީ މައްސަލައިގައި ދުނިޔޭގެ އެކި ގައުމުތަކުން ވަނީ ރާއްޖެއަށް ފާޑުކިޔުން އަމާޒުކޮށްފައެވެ. އެގޮތުން އެމަނިކުފާނުގެ މައްޗަށް އެންމެ ފުރަތަމަ ކުރި ދައުވާ ބާތިލުކޮށް، ޓެރަރިޒަމްގެ ދައުވާއަކަށް ބަދަލުކޮށް، އެންމެ 19 ދުވަސް ތެރޭގައި ޝަރީއަތްކޮށް ހުކުމް ކުރުމުން ގިނަ ބަޔަކު ވަނީ އެ ޝަރީއަތާމެދު ސުވާލު އުފައްދާފައެވެ.

އެމަނިކުފާނުގެ ޝަރީއަތް ހިނގައިދިޔަ ގޮތުގައި އިޖުރާއީ މައްސަލަތަކެއް ހުރިކަމަށާއި، އެމަނިކުފާނުގެ އިންސާނީ އަދި މަދަނީ ހައްގުތަކަކަށް އަރައިގެންފައިވާ ކަމަށް ބުނެ، ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އެމަނިކުފާނުގެ ފަރާތުން އދގެ ވޯކިންގް ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލައެއް ހުށަހަޅަފައެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނުގެ ވަކީލު އާމާލް ކްލޫނީ ޑައުނިން ސްޓްރީޓް ނަމްބަރ10 ގެ ބޭރުގައި. ފޮޓޯ: ޑެއިލީ މެއިލް

އދ.ގެ ވޯކިންގް ގްރޫޕު އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅި އިރު، އެ ގްރޫޕުން ބެލި ބެލުމުގައި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާއި މަދަނީ އަދި ސިޔާސީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާއިން ކަށަވަރުކޮށްދީފައިވާ ބައެއް އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަން، ދިވެހި ސަރުކާރުން ރައީސް ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާކަމަށް އެ ގްރޫޕުން ވަނީ ނިންމާފައެވެ. އަދި އެމަނިކުފާނު މިނިވަންކުރުމަށް ދިވެހި ސަރުކާރަށް އެ ގްރޫޕުން ގޮވާލިއެވެ. ނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

އަރުވާލެވިގެން، ސަރުކާރަށް ބޮޑެތި ޕްރެޝަރު

ހުކުމަށް ފިއްލަވައި، ބޭރުގެ ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ރައީސް ނަޝީދު އަރުވާލެވިގެން ހުންނަވައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނުގެ ސަރުކާރަށް ނުހަނު ބޮޑެތި ޕްރެޝަރުތައް ކުރިމަތިކުރައްވަމުން ގެންދެވިއެވެ. އެގޮތުން އިދިކޮޅު ޕާޓީތައް އެކުލެވޭ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިއުލާނުކުރެއްވުމާއި، ޕާޓީތައް ގުޅިގެން ރައީސް ޔާމީނުގެ ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތްތައް ރޭވުމުގައި އެމަނިކުފާނުގެ ދައުރު ވަރަށް ބޮޑެވެ.

ލަންޑަނުގެ ސައުތު އޭޝިއާ އިންސްޓިޓިއުޓުގައި އޮކްޓޫބަރު މަހު ކުރެއްވި ތަގުރީރެއްގައި ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ދިވެހި ސަރުކާރުގެ ނަޒަރުގައި އެމަނިކުފާނަކީ ކުށްވެރިއެއް ނަމަވެސް އީޔޫ ފަދަ ބޭރުގެ ޖަމިއްޔާތަކުން އެމަނިކުފާނުގެ ދިފާއުގައާއި އެމަނިކުފާނު މިނިވަންކުރުމަށް އެހީތެރިވެދިން ކަމާށެވެ.

"ބޮޑެތި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ގިނަ ކަންތަތަކެއް ވަނީ ފަޅާ އަރުވާލެވިފައި. އެހިރިހާ ޖަރިމާތާތަކެއް ހިންގުމުގެ އަޑީގައި އޮތީ ސަރުކާރު. ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކެއް ވަނީ ޖަލަށްލައި އަދި އަނެއް ބައީމީހުން ވަނީ އަމިއްލައަށް އަރުވާލެވިފައި،" އެ ތަގުރީރުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދުގެ ހުކުމް ފަސްކުރުން

ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ޔާމީނުގެ މައްޗަށް ކުރި ހޯއްދަވައި، އިންތިހާބީ ރައީސްގެ މަގާމު ލިބިވަޑައިގަތް ފަހުން ރައީސް ނަޝީދު ވަނީ ނޮވެމްބަރު އެއްވަނަ ދުވަހު (މިއަދު) "ވީ ހާލެއްގައި ވުމަށް" ރާއްޖެ ވަޑައިގަންނަވާނެކަން އިއުލާނުކުރައްވާފައެވެ.

އޭގެ ފަހުން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ނަޝީދުގެ ހުކުމް ބާތިލުކުރުމަށް ހުށަހަޅަން ޕްރޮސެކިއުޓަރ ޖެނެރަލށާއި ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށް ގަރާރެއްވެސް ރައޔްިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. އޭގެ ހަތަރު ދުވަސް ފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ ނަޝީދުގެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން 20 އޮކްޓޫބަރު 2018 ވަނަ ދުވަހު ނެރުނު އަމުރެއްގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ރިވިއުކުރުމަށް އެދި ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނިމެންދެން، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒުނުކުރުމަށް އަމުރުކުރާ ކަމަށެވެ.

"ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން [13 އަހަރުގެ ޖަލު ހުކުމް] ގ.ކެނެރީގެ މާލެ މުހައްމަދު ނަޝީދާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ،" ފުލުހުންނާއި ކަރެކްޝަނަލް ސާވިސެސް އަދި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ރައްދުކޮށް ނެރުނު އަމުރުގައި ސުޕްރީމް ކޯޓުން ބުންޏެވެ.

comment ކޮމެންޓް