ދިރާގު އެޕްރެންޓިސްޝިޕް ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަންސް މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މި ޕްރޮގްރާމުގެ މަގްސަދަކީ ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވައި، ތަފާތު ފަންނީ އަދި އަމަލީ ހުނަރު ދަސްކޮށްދިނުން ކަމަށެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުންވެސް 30 ކުއްޖަކަށް ޖާގަދޭނެކަމަށް ދިރާގުން ބުންޏެވެ.

ދެހާސްނުވަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މި ޕްރޮގްރާމު ބާއްވަމުން އަންނައިރު، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާކުދިން ރާއްޖޭގެ ބޮޑެތި ކުންފުނިތަކުގައި މަސައްކަތް ކުރަމުންއަންނަ ކަމަށް ބިޝާރާ ވިދާޅުވިއެވެ.

"މި ޕްރޮގްރާމު މެދުވެރިކޮށް ތަފާތު ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދެވުމަކީ ލިބޭއުފަލެއް.،" އެޕްރެންޓިސްޝިިޕް ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ތަމްރީނުދޭ ދާއިރާތަކުގެ ތެރޭގައި މާކެޓިން، ސޭލްސް، ފައިނޭންސް، ޕްރޮކިއުމެންޓް، ހިއުމަން ރިސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، އިންޖިނިއަރިން އަދި ނެޓްވޯކްސް ފަދަ ދާއިރާތައް ހިމެނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ދިރާގުން މެންޓާ އެއް ހަމަޖައްސާނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. ދިރާގު ހެޑް އޮފީހުގައި ވޯކް އިން އިންޓަވިއުތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ރީޖަނަލް އޮފީސްތަކުގައި އިންޓަވިއު ކުރިއަށްގެންދާނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް މާލޭގެއިތުރުން ދިރާގު އޮޕަރޭޝަން ސެންޓަރުތައް ހުންނަ ރަށްރަށުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ފާއިތުވި އަހަރުތަކުގައި ޖުމްލަ 168 ކުއްޖަކު މި ޕްރޮގްރާމުގެ ދަށުން ވަނީ ތަމްރީނުވެފައެވެ.

comment ކޮމެންޓް