މޯލްޑިވް ގޭހުން 99 ޕަސަންޓު ސާފު އޮކްސިޖަން އުފައްދާ ޕްލާންޓެއް ތައާރަފުކޮށްފި

99 ޕަސަންޓް ސާފު އޮކްސިޖަން އުފައްދާ ޕްލާންޓެއް މޯލްޑިވް ގޭހުން ތިލަފުށީގައި މިއަދު އިފްތިތާހުކޮށްފިއެވެ.

މީގެ ކުރިން މޯލްޑިވް ގޭހުން އުފައްދާ އޮކްސިޖަންގެ ސާފުކަން ހުންނަނީ 95 ޕަސަންޓުގައެވެ. ނަމަވެސް މިއަދު އިފްތިތާހުކުރި އޮކްސިޖަން ޕްލާންޓުން 99 ޕަސަންޓާ ހަމައަށް ސާފު އޮކްސިޖަން އުފެއްދޭނެއެވެ.

ކ. ތިލަފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލާންޓު އިފްތިތާހުކޮށްދެއްވީ މޯލްޑިވް ގޭހުގެ ޗެއާމަން އަހްމަދު ޝިފާން އަދި މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މައުމޫނެވެ.

99 ޕަސަންޓު ޕިއުރިޓީ އޮކްސިޖަން އުފައްދާ ޕްލާންޓު ހުޅުވުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުންފުނީގެ އެމްޑީ އަބްދުﷲ މައުމޫން ވިދާޅުވީ، މޯލްޑިވް ގޭހުން މިހާތަނަށް ރާއްޖެއިން ބޭރުން ގިނަ އަދަދަކަށް އޮކްސިޖަން ގޭސް ގެންނަ ކަމަށާއި އެކަމަށް ބޭރު ފައިސާ ހޯދަން ޖެހޭ ކަމަށެވެ.

ނަމަވެސް މިއަދު ތައާރަފުކުރި 99 ޕަސެންޓް ޕިއުރިޓީ އޮކްސިޖަން އާއެކު ބޭރުގެ ފައިސާ ހޯދަން ކުރިން އެ ކުންފުނިން ކުރަމުން އައި މަސައްކަތް "ޒީރޯ ވެގެން ދާނެ" ކަމަށް މައުމޫން ވިދާޅުވިއެވެ.

"ގައުމީ އުފެއްދުންތެރިކަން އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެއް. މިއީ އެކަމަށް އަމުނާލެވުނު އިތުރު ބޮޅެއް. ދެން އަޅުގަނޑުމެން އިތުރަކަށް 99 ޕަސެންޓް ޕިއުރިޓީ އޮކްސިޖަން ބޭރުން ގެންނާކަށް ނުޖެހޭނެ،" މޯލްޑިވް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫން ވިދާޅުވިއެވެ.

99 ޕަސަންޓު ޕިއުރިޓީ އޮކްސިޖަން އުފައްދާ ޕްލާންޓު ހުޅުވުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މައުމޫން އިތުރަށް ވިދާޅުވީ ވެލްޑިން ކުރާފަރާތްކުގެ އެންމެ ބޮޑު ޝަކުވާއަކީ ކުރިން އެ ކުންފުނިން އުފެއްދަމުން އައު 95 ޕަސެންޓް ޕުރިޓީ ގޭހުގައި މައްސަލަ އުޅޭތީ އެބޭފުޅުން ބޭނުންވާ ގޮތަށް ވެލްޑިން ނުކުރެވޭ ކަމަށާއި ނަމަވެސް ތައާރަފުކުރެވުނު 99 ޕަސެންޓް ޕިއުރިޓީ އޮކްސިޖަން ގޭހާއެކު އެމީހުން ބޭނުންވާ ގޮތަށް ވެލްޑިން ކުރެވޭނެ ކަމަށެވެ.

އޮކްސިޖަން ގޭސް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ ހޮސްޕިޓަލް އައިސީޔޫގައާއި ސިނާއީ މަސައްކަތްތަކަށެވެ.

comment ކޮމެންޓް