ނަޝީދުގެ ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ރިވިއުކޮށްދިނުމަށް ސުޕްރީމް ކޯޓުގައި އެދުނީ ދައުލަތުގެ ފަރާތުންނެވެ. މިއަދު ސުޕްރީމް ކޯޓުން ކުރި އަމުރުގައި އެމައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވަނީ އަންގާފައެވެ.

ސުޕްރީމް ކޯޓުން އެ އަމުރު ރައްދުކޮށްފައިވަނީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސެސް އަދި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށެވެ. އެ އަމުރުގައި އަންގާފައިވަނީ ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެއްވެސް ފަރާތަކުން އެމަނިކުފާނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

"ކްރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން [13 އަހަރުގެ ޖަލު ހުކުމް] ގ.ކެނެރީގެ މާލެ މުހައްމަދު ނަޝީދާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ މައްޗަށް އަންގާ އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވެއެވެ.

ސުޕްރީމް ކޯޓުން އެ އަމުރު އެގޮތަށް ނެރެފައިވަނީ ދައުލަތުގެ ފަރާތުން ވަގުތީ އަމުރަށް އެ ކޯޓުގައި އެދިފައިވާތީއެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2015 އަހަރުއެވެ. ޖަލު ބަންދުގައި ގިނަ ދުވަސްތަކެއް ހުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެން ނަޝީދު ހުންނެވީ އިނގިރޭސިންގެ ހިމާޔަތް ހޯދަވައިގެންނެވެ.

ގިނަ ދުވަސްތައް ނަޝީދު ހޭދަ ކުރެއްވީ ސްރީލަންކާގެ ކޮލަމްބޯގައެވެ. ނަޝީދު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް