އިންޑިގޯއިން ނޮވެމްބަރު 15ގައި މާލެއަށް ދަތުރު ފަށަނީ

އިންޑިގޯގެ ޕްލައިޓެއް

އިންޑިއާގެ ބަޖެޓް އެއާލައިން އިންޑިގޯއިން މާލެއާ އިންޑިއާގެ ތިން މަންޒިލަކާ ދެމެދު ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އިންޑިގޯއިން އަންނަ މަހު 15އިން ފެށިގެން މާލެއާ އިންޑިއާގެ ކޮޗިން، ބެންގަލޫރު އަދި މުމްބާއީއާ ދެމެދު ދަތުރުފަށަން ވަނީ ނިންމައިފައެވެ.

އިންޑިގޯއިން ބުނީ މާލެއާ ކޮޗިންއާ ދެމެދު ކޮންމެ ދުވަހަކު ދަތުރު ކުރާނެ ކަމަށާއި މުމްބާއީއާއި މާލެއާ ދެމެދު ހަފްތާއަކު ފަސް ދަތުރު އަދި ބެންގަލޫރާ މާލެއާ ދެމެދު ހަފްތާއަކު ދެ ދަތުރު ބާއްވާނެ ކަމަށެވެ.

މި ދަތުރުތަކާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ މީހުންނަށާއި ވިޔަފާރިވެރިންނަށް ލުއިފަސޭހަ ވާނެކަމަށް އެ އެއާލައިނުން ބުނެއެވެ. މި ދަތުރުތައް ފަށާއިރު ތިން މަންޒިލަށްވެސް 80 ޑޮލަރަށް ދަތުރުކުރެވޭނެ ފެއާއެއް ވަނީ ހަމަޖައްސައިފައެވެ.

އިންޑިގޯގެ ޗީފް ކޮމާޝަލް އޮފިސާ މިލިއަމް ބޯލްޓާ ވިދާޅުވީ ރާއްޖެއަކީ އެ އެއާލައިނުގެ 13 ވަނަ އިންޓަނޭޝަނަލް މަންޒިލު ކަމަށެވެ. އިންޑިއާގެ މުހިއްމު ތިން މަންޒިލަކުން މާލެއަށް ސީދާ ދަތުރުތައް ފެށުމަކީ ލިބޭ ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މިއީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ އިންޑިއާ މީހުންނަށްވެސް ރަނގަޅު ފުރުސަތެއް،"

އިންޑިގޯއިން އިންޑިއާ - މާލެ ދަތުރުތައް ފަށަން ތައްޔާރުވެފައިވާއިރު އިންޑިއާގެ ބަޖެޓް އެއާލައިން ގޯ އެއާ އިންވެސް ވަނީ ރާއްޖެއަށް ދަތުރު ފަށައިފައެވެ. ގޯ އެއާއިން މުމްބާއީއާއި މާލެއާ ދެމެދު ދަތުރުތައް ފަށާފައިވާ އިރު، ނިއުދިއްލީ އާއި މާލެއާ ދެމެދު ވެސް ދަތުރުތައް ބާއްވަން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް