ބީއެމްއެލް އިސްލާމިކް އިން ޖެނެރަލް ފައިނޭންސިންގް ޕްރޮޑަކްޓެއް ތައާރަފުކޮށްފި

ބީއެމްއެލް އިސްލާމިކްގެ ހެޑް އޮފީސް

ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގް ހިދުމަތް، "ބީއެމްއެލް އިސްލާމިކް"އިން ބައި ލައްކައަށް ވުރެ ގިނަ ރުފިޔާއާ ހަމައަށް ފައިނޭންސް ހަމަޖައްސައިދޭ ޖެނެރަލް ފައިނޭންސިންގް ޕްރޮޑަކްޓެއް ތައާރަފުކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި، މި ފައިނޭންސިންގް ފެސިލިޓީއަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒުކޮށްގެން ތައާރަފުކުރި ޕްރޮޑަކްޓެކެވެ.

މި ފެސިލިޓީގެ ދަށުން ޝަރީޢާ ހުއްދަކުރާ ކޮންމެ ބޭނުމަކަށް ވެސް 50،000 ރުފިޔާ އިން ފެށިގެން މަތީގެ އަދަދެއްގެ ފައިނޭންސް ހަމަޖައްސައިދޭނެކަމަށް ބީއެމްއެލް އިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ، ޕްރޮޖެކްޓު ނުވަތަ ގަންނަން ބޭނުންވާ ތަކެތީގެ ޖުމްލަ އަގުގެ 70 ޕަސަންޓާ ހަމައަށް ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށާއި، ފައިސާ އަނބުރާ ދެއްކުމަށް 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު 10 އަހަރުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި އެ ހިދުމަތާ އެކު އިސްލާމީ އުސޫލުތަކުގެ މަތިން ހަރުމުދާ ގަތުމާއި އާ ވިޔަފާރިއެއް ފެށުމާއި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިނޭންސަށް ހުށަހެޅޭނެ އެވެ.

"އިސްލާމީ އުސޫލުތަކުގެ މަތިން ތަފާތު ކަންކަމަށް ބޭނުންވާ ފައިނޭންސް ފެސިލިޓީއެއް ތައާރަފުކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިއާއެކު ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފައި،" ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވި އެވެ.

ބޭންކުން ބުނި ގޮތުގައި މާލޭގައި ހުންނަ ބީއެމްއެލް އިސްލާމިކްގެ ބްރާންޗާއި، އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ކޮންމެ ބްރާންޗަރުން ވެސް އެ ހިދުމަތަށް އެދި ހުށަހެޅޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނާ ގޮތުގައި އެ ބީއެމްއެލް އިސްލާމިކްގެ ހިދުމަތްތައް ފަރުމާކޮށްފައި ވަނީ އިސްލާމިކް ބޭންކިންގްއާ ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ވެސް ބަހައްޓަނީ މުޅިން ވަކި ފަންޑެއްގެ ގޮތުގައި ކަމަށް ބޭންކުން ބުންޏެވެ.

"އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ. އަދި މި މަސައްކަތްތައް ހިނގަމުންދަނީ އިސްލާމިކް ފައިނޭންސިންގްގެ ބައިނަލއަގުވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލެވިފައިވާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ،" ބޭންކް އޮފް މޯލްޑިވްސްއިން ބުންޏެވެ.

comment ކޮމެންޓް