އަވަސް ހިދުމަތެއް ފޯރުކޮށްދޭނެ ސާވިސްސެންޓަރެއް އިކޮނޮމިކް މިނިސްޓްރީ އިން ހުޅުވާލާފި

އިކޮނޮމިކް މިނިސްޓްރީ އިން ދޭ ހިދުމަތްތައް ހަލުވިކަމާއެކު ވިޔަފާރިވެރިންނަށް ފޯރުކޮށްދޭނެ ސާވިސް ސެންޓަރެއް އެ މިނިސްޓްރީއިން ހުޅުވާލާއިފިއެވެ.

އޮންލައިންކޮށް މިހާރުވެސް ދެމުން ގެންދާ 13 ހިދުމަތަކާއި ޖުމްލަ 38 ހިދުމަތް ދެވޭ މި ސާވިސް ސެންޓަރު ހުޅުވީ މިއަދު މެންދުރު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

އެ ސާވިސް ސެންޓަރު ހުޅުއްވާ ދެއްވުމަށް ފަހު އެ މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ މިނިސްޓްރީގެ އަމާޒަކީ އެކަށީގެންވާ މާހައުލެއްގައި ކުޑަ ވަަގުތުކޮޅެއް ތެރޭ ވީހާވެސް ގިނަ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި މިއީ ޑިޖިޓަލް ހިދުމަތްތަކަށް ދާން މިނިސްޓްރީ އިން އެޅުނު މުހިންމު ބިންގަލެއް ކަމަށެވެ.

ރެޖިސްޓަރު އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް

"އެކަށީގެންވާ މާހައުލެއްގައި ކުޑަ ވަގުތުކޮޅެއް ތެރޭ ވީހާވެސް ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ،" ވިސާމް ވިދާޅުވިއެވެ.

އެގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި، ކުންފުނި ރެޖިސްޓްރީ ކުރުމާއި، ލޯގޯ ސީލް ރެޖިސްޓްރީ ކުރުން އަދިވެސް އިތުރު ހިދުމަތްތައް މި ސާވިސް ސެންޓަރުން ލިބިގެންދާނެ ކަމަށް ވިސާމް ވިދާޅުވި އެވެ.

ވިސާމް ވިދާޅުވީ އެ ސާވިސް ސެންޓަރުގައި މިނިސްޓްރީގެ މުވައްޒިފުން ތިބޭ 10 ކިއުއަކާއި އަދި ސެލްފް ސާވިސްގެ ހިދުމަތްތަކަށް ފަސް ޖާގަ ހުންނާނެ ކަމަށާއި އެހެންކަމުން ކުރިން މިނިސްޓްރީއިން ދިން ހުރިހާ ހިދުމަތެއް މިހާރު ފަސޭހަކަމާއެކު ވިޔަފާރިވެރިންނަށް ލިބިގެން ދާނެ ކަމަށެވެ.

comment ކޮމެންޓް