ޝަރުއީ ނިޒާމް އިސްލާހްކުރުމަށް އެމްޑީއޭއިން ގޮވާލައިފި

އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: މަޖިލިސް

ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހްކުރުމަށް އެމްޑީއޭއިން ގޮވާލައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަމުން އެމްޑީއޭގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ރާއްޖޭގެ އެއްވެސް މީހަކަށް ގާނޫނު އަސާސީގެ ބޭރުން ކަންތައްވެގެން ދިއުމަކީ ފެންނަން ބޭނުންވާ މަންޒަރެއް ނޫން ކަމަށެވެ.

"ގާނޫން އަދަބު ލިބުމުގައިވެސް އެންމެންނަށް ހަމަހަމަ ބައެއްގެ ގޮތުގައި މިއޮތީ ފާހަނގަކުރެވިފައި. އެހެންނަމަވެސް އަޅުގަނޑުމެންނަން އެބަ ފެންނަމުން އެބަދޭ ބައެއް ކަހަލަ ކަންތައްތައް އަޅުގަނޑުމެން ގަބޫލުކުރާ އިމުގެ ބޭރުން ކަން ހިނގަމުންދާތަން. މިއީ ސިޔާސީ ހިޔާލުތަފާތުވުންތައް ވަރަށް ބޮޑަށް އޮތްކަމެއް. މިކަންކަމުގެ އަލީގައި ތެދުބަހުން އެއްޗެއް ދަންނަވަންޏާ އަޅުގަނޑު ދަންނަވާނީ މީގެ އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭ ތަނެކޭ ރައްޔިތުންގެ މަޖިލީހަކީ،" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ޖުޑިޝަރީގައި ވަރަށް ބޮޑު މައްސަލަތަކެއް އުޅޭ ކަމަށާއި އަދި ބައެއް މައްސަލަތައް ބާރު ސްޕީޑްގައި ގެންދާއިރު އަނެއްބައި މައްސަލަތައް އޮންނަނީ ތޮއްޖެހިފައި ކަމަށެވެ. އަދި ނިންމަންޖެހޭ ބައިވަރު މައްސަލަތަކެއް ކޯޓުތަކުގެ ތެރޭގައި އެކި ގޮތްގޮތަށް އެނބުރެމުންދާކަމީ ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ދަންނަ ހަގީގަތެއްކަމަށްވެސް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި މާދަމާވެސް ކޯޓުތަކުގެ ބޭނުންހިފުމަކީ ކުރަން އެންމެ ރަނގަޅުކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ބޭނުމަކަށްޓަކައި އަދަބު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"އެެހެންވީމާ އަޅުގަނޑު އެމްޑީއޭގެ ފަރާތުން ގޮވާލަން ނުހައްގުން އަދަބު ލިބިފައިތިބި ހުރިހާ އެންމެނަށްވެސް އިންސާފު ލިބިގެންދިއުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމެއް. އަދުލު އިންސާފުގެ ދާއިރާ ރަނގަޅުކުރުމަށްޓަކައި މަޖިލީހުން ތެދުވަންޖެހޭ،" އާމިރު ވިދާޅުވިއެވެ.

comment ކޮމެންޓް