މަސްވެރިންގެ ސަބްސިޑީ ހޯދައިދިނުމަށް އަމަލީ ގޮތުން މަސައްކަތް ކުރާނެ ކަމަށް ޑީއާރުޕީން ބުނެފި

މަސްވެރިންނަށް ސަބްސިޑީ ދިނުމާ މެދު މާދަމާ އިން ފެށިގެން ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށާއި އަދި އެކަމުން އަލިމަގެއް ނުފެނިއްޖެ ނަމަ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގުތިސާތީ ކޮމެޓީއަށް ހުށަހަޅުއްވާނެ ކަމަށް ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީޕް) ވިދާޅުވެއްޖެ އެވެ.

"މިއަދު ޑީއާރުޕީ އަދި ގައުމީ ޕާޓީން މަސްވެރިންނާ ބައްދަލުކުރެއްވުމަށް ފަހު މި ނިންމީ މާދަމާ ސަރުކާރާ އެކު މަޝްވަރާކުރަން. އެ މަޝްވަރާތަކުން އަލިމަގެއް ނުފެނިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގުތިސާދީ ކޮމެޓީއަށް އަޅުގަނޑުމެން މި މައްސަލަ ހުށަހަޅާނަން،" ޝަރީފް ވިދާޅުވި އެވެ.

ޑީއާރުޕީ އާއި ގައުމީ ޕާޓީގެ ފަރާތުން ހުޅުމާލޭގެ މަސްވެރިންނާ މިއަދު ހަވީރު ބައްދަލު ކުރުމަށް ފަހު، ހުޅުމާލޭގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަސްވެރިންނަށް ސަބްސިޑީ ނުލިބިވުމުން މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ވަރަށް ރަނގަޅަށް އިހުސާސް ކުރެވިފައިވާ ކަމަށެވެ.

އަދި ދުވަހުން ދުވަހަށް ތެލުގެ އަގުބޮޑުވަމުންދާ އިރު، ސަބްސިޑީ ނުލިބުމުގެ އިހުސާސް ކުރެވޭ ވަރުބޮޑުވެ، މަސްބޭނުމުގައި އަމަލީ ގޮތުން އުޅުމަށް މަސްވެރިންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

"މަސްވެރިން އަޅުގަނޑުމެންނާ ހިއްސާކުރި ކަންތައްތަކުގައި މަހަށް އެކަށީގެންވާ އަގެއް ނުލިބުމާއި މަސްވިއްކުމާއި މަސް ގަތުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައި ހުރީ އެންމެ އެދޭވޭ ގޮތަކަށް ނޫން ކަމަށް މަސްވެރިން ފާހަގަކުރަނީ. ކުރީއްސުރެ ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓްތައް މިހާރު މަސައްކަތް ނުކުރުމުގެ ސަބަބުން ވެސް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް މަސްވެރިން ބުނަނީ." ޝަރީފް ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމެޓީތަކަށް އެ މައްސަލަ ހުށަހަޅައިގެން ވެސް ހައްލެއް ނުލިބިއްޖެ ނަމަ ޝަރުއީ މަރުހާލާ މެދުވެރިކޮށް އެކަމަށް ހައްލެއް ގެނެވޭތޯ މަސައްކަތް ކުރައްވާނެ ވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު