އިޒުރޭލްގެ ގައުމީ އެއާލައިން ރާއްޖެ އުދުހުމުގެ ހުއްދަ ދޭން ނިންމައިފި

ރާއްޖެ އަށް އުދުހުމުގެ ހުއްދައަށް އެދިފައިވާ އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް"އަށް ރާއްޖެ އަށް އުދުހުމުގެ ހުއްދަ ދިނުމަށް ސިވިލޭ ވިއޭޝަން ޑިޕާޓްމަންޓުން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާދިލް ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ސަން އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން އާދިލް މިއަދު ވިދާޅުވީ އެލްއަލްގެ ފުލައިޓްތައް ރާއްޖެ އަށް އުދުހުމަށް "ސިވިލޭވިއޭޝަންގެ އެއްވެސް މައްސަލައެއް" ނެތް ކަމަށެވެ. ސިވިލް ލޭވިއޭޝަން އިން އެ ނިންމުން ނިންމި ނަމަވެސް ސަރުކާރުގެ އެހެން މުއައްސަސާތަކުން ފުރިހަމަކުރަން ޖެހޭ ކަންތައްތައް އަދި ނުނިމޭތީ އެއާލައިން އަށް އުދުހުމުގެ ހުއްދަ ދީފައި ނުވާކަމަށް އާދިލް ވިދާޅުވި އެވެ.

"ސިވިލޭވިއޭޝަނުން ހުއްދަ ނުދޭނަމޭ ބުނާނެ އެއްވެސް ކަމެއްނެތޭ. ދެން ރާއްޖެއަށް ބޯޓެއް އަންނައިރު އެހެން ދިމަދިމާލުން އެ އެއްޗެއް ]ފުލައިޓެއް[ އަންނަނީ. އެހެންވީމާ ދެން ހުރި އެހެން މުއައްސަސާތަކުގެ އެހެން ދިމަދިމާލުން ހަމަޖައްސަން ޖެހޭ ކަންތައްތައް ހަމަޖެއްސީމާ އޯކޭ ދޭނަމޭ،" އާދިލް ވިދާޅުވި އެވެ.

އެލްއަލްއަށް ހުއްދަދޭން ނިންމެވީތޯއޭ ތަކުރާރުކޮށް ދެންނެވުމުން އާދިލް ވިދާޅުވީ "އާދޭހޭ" ކަމަށެވެ.
އެ އެއާލައިން އަށް ހުއްދަ ދިނުމަށް އެހެން މުއައްސަސާތަކުން ކުރަން ޖެހޭ ކަންތައްތައް ނިންމޭ ވަރުވާނީ ސާކް ސަމިޓްގެ ފަހުން ކަމައް އާދިލް ވިދާޅުވި އެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ ސާކްސަމިޓްގެ ފަހުން ކަމަށް އެކަންތައްތައް ނިންމާލެވޭ ވަރުވާނީ. މިހާރު އެންމެންވެސް ވަރަށް ބިޒީކޮށްދެއްތޯ މި އުޅުއްވަނީ އެކަންތަކާ (ސާކްސަމިޓް)،" އާދިލް ވިދާޅުވި އެވެ.

އަންނަ ޑިސެމްބަރު މަހު ރާއްޖެ އުދުހުމުގެ ހުއްދައަށް އެލްއަލް އިން ހުށަހެޅީ މިދިޔަ މޭ މަހުގެ ތެރޭގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު