ދުނިޔޭގެ ކެހިވެރިކަމުގައި ޖެހި، އުޚުރަވީ ހަޔާތް ބަރުބާދުކޮށްނުލާ: ހުކުރު ހުތުބާ

ދުނިޔޭގެ ވަގުތީ އުފަލާއި ކެހިވެެރިކަމުގައި، ޖެހި އުހުރަވީ ހަޔާތް ނެތިކޮށް ނުލުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވާފައިވާ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ ވަގުތީ ދުނިޔެއާއި އުޙުރަވީ ހަޔާތުގެ މައްޗަށެވެ.

މިހާރު އަޅުގަނޑުމެން ދިރިއުޅެމުން އަންނަ ދުނިޔެއަކީ ވަގުތީ ތަނެއް ކަމަށާއި އަބަދަށް ދެމިގެންވާ، ހަގީގީ ހަޔާތަކީ އުޙުރަވީ ހަޔާތްކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ.

"ހަގީގީ ދުނިޔެއަކީ ކޮބާތޯއެވެ؟ އެއީ މިދުނިޔޭގެ ޖައްވުގައި ހިމެނޭ އެންމެހާ ތަކެއްޗާއި ތަން. ދުނިޔޭގެ ހަގީގަތަކީ ވަރަށް ރީތި އެހެންނަމަވެސް އެހާ އަވަހަށް ހަލާކުވެ ފަނާވެ ދަނިވި ވަގުތީ އުފަލެއްދޭ އެއްޗެއް،"

"ދުނިޔެ އަކީ ހަލާކުވެ ނެތިވެ ފަނާވެދަނިވި ގޯޗެއް. ދެމިއޮންނާނީ އާހިރަތުގެ ގޯޗެވެ. އެހެންވީމާ އިލްމުވެރިން ވިދާޅުވަނީ މި ދުނިޔޭގެ ހަޔާތަކީ ވަގުތީ ތަނެއް ކަމުގައި. އަބަދަށް ދެމިގެންވާ އަދި ހަގީގީ ހަޔާތަކީ އުހުރަވީ ހަޔާތް،" ހުތުބާގައި ބުނެފައި ވެެއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ މާތްﷲ އަޅުގަނޑުމެން އިންސާނުން ދުނިޔެއަށް ފޮނުއްވީ، ދުނިޔެ އިމާރާތްކޮށް އާރާސްތުކޮށް، ފުރިހަމަ ގޮތުގައި މާތްﷲ އަށް އިމާންވެ، އުޙްރަވީ ހަޔާތަށް ތައްޔާރުވެ އެހަޔާތް ކާމިޔާބު ކުރާނެ ހެޔޮއަމަލުތައްކޮށް އުޅުމަށެވެ. އަދި މިއީ އަޅުގަނޑު މެން އިމްތިހާން ކުރުމަށް ފޮނުވާފައިވާ ތަނެއް ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އިންސާނާ ކިތަންމެ މުދަލެއް ދުނިޔެއިން ހޯދިޔަސް އެ މުދަލަކީ ވަގުތީ އެއްޗެއް ކަމަށާއި މާތް ﷲ ހަޟްރަތުގައި ޖަވާބުދާރީ ވާން ޖެހޭ ދުވަހެއް އަންނަ ކަމަށާއި އެދުވަހަކުން އެ މުދާ ހޭދަ ކުރެއްވި ގޮތާއި މެދު ސުވާލު ކުރެވޭނޭ ކަމަށެވެ.

"އެއް ގޮތަކީ ތިމާ އަކީ މާތްﷲ އެންގެވި ގޮތައް އެ މުދާ ހޯދައި، އެކަލާންގެ މަގުގައި އެ މުދާ ހޭދަ ކޮށްފައިވާ މީހެއް ކަމުގައި ވުން. އެފަދަ މީހަކަށް ތިބާ ވެއްޖެ ނަމަ، އުފަލުގެ ކޮޅެއް ނެތް. އެނެއް ގޮތަކީ އެ މުދާ ހޯދުމުގައްޔާއި، ހަރަދު ކުރުމުގައި، މާތްﷲގެ އަމުރުފުޅާ ހިލާފުވެ، އެ މުދަލުގެ ސަބަބުން މާތްﷲ ހަނދުމަކުރުން ތިބާ އެއްކިބާ ވެފައި ވުން. އެފަދަ މީހަކަށް ތިބާ ވެއްޖެނަމަ، ހިތާމައިގެ ކޮޅެއް ނެތް،" ދުނިޔޭގައި އުޅޭ އިރު މުދާ ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ނަސޭހަތްތެރިވެ ހުތުބާ ގައި ބުނެފައި ވެއެވެ.

ދުނިޔޭގެ އެދުންތަކަށް އިންސާނުން ހެއްލިގެން ދަނީ ހިތްފަސޭހަކަމާއި ތަނަވަސްކަމުގައި ދުނިޔޭގައި އުޅެން ކަމަށާއި ނަމަވެސް އަޅުގަނޑުމެން އިންސާނުންގެ ދިރިއުޅުން ބާޖަވެރި ދިރިއުޅުމަކަށް ވަނީ މާތްﷲ ތަގުވާވެރިވެ ހުރިހާ ކަމެއްގައި މާތްﷲ އަށް ކިޔަމަތްތެރި ވެގެން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"ދުނިޔޭގެ ދިރިއުޅުން ތަނަވަސް ވަނީވެސް މާތްﷲ އަށް ތަގުވާވެރިވެގެން. އެކަލާނގެއަށް އަދާކުރަންޖެހޭ އަޅުކަންތަކަށް ފަރުވާތެރިވެ، ސަމާލުވެގެން. އަދި ކިއެއްތަ އެކަލާނގެ މަގުން މޫނު އަނބުރާލައިފި މީހަކުގެ ދިރިއުޅުން މާތް ﷲ ދަތި ކުރައްވާނެ،"

"ކަން މިހެން ހުރި އިރު ދުނިޔެވީ އެދުންތަކުގައި މަޝްއޫލުވެ، އުޚްރަވީ ހަޔާތް ހަނދާން ނައްތާއި ނުލަމާ ހެއްޔެވެ! ތިމާއަށް ލިބިފައިވާ މުދަލާއި ދަރިންނަކީ މާތްﷲގެ މަގުން ތިބާ އެއްކިބާކުރާ އެއްޗެއްކަމުގައި ނުހަދަމާ ހެއްޔެވެ! އެއިރުން މާތްﷲ އަޅަމެންގެ މައްޗަށް އެކަލާންގެ ބަރަކާތުގެ ދޮރުތައް ހުޅުވައި ދެއްވާނެ،" ކަމުގެ އުފާވެރި ހަބަރު ހުތުބާގައި ދެއްވިއެވެ.

comment ކޮމެންޓް