ލިވަޕޫލްއަށް ބޮޑު މޮޅެއް ލިބުނު އިރު ޕީއެސްޖީ ސަލާމަތްވީ ކިރިޔާ

ރޭ ޕީއެސްޖީއާ ނަޕޯލީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ: ގެޓީ އިމޭޖަސް

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސީގައި ރޭ ލިވަޕޫލްއިން ރެޑް ސްޓާ ބެލްގްރޭޑުގެ މައްޗަށް ބޮޑު މޮޅެއް ހޯދި އިރު ފަހު ވަގުތު ޖެހި ގޯލުން ޕީއެސްޖީ، ނަޕޯލީ އަތުން ސަލާމަތް ވެއްޖެ އެވެ.

ރޭ ލިވަޕޫލްއާ ރެޑް ސްޓާ ބެލްގްރޭޑާއި ލިވަޕޫލް ބައްދަލު ކުރި މެޗު ލިވަޕޫލް ކާމިޔާބު ކުރީ 4-0ގެ ތަފާތު ބޮޑު ނަތީޖާއިންވެ. ޕީއެސްޖީއާ ނަޕޯލީ ބައްދަލު ކުރި މެޗު ނިމިގެން ދިޔައީ 2-2ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

ރޭ ލިވަޕޫލްގެ ފުރަތަމަ ގޯލު މެޗުގެ 20 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ބްރެޒިލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯ އެވެ. އެ ޓީމުގެ ދެވަނަ ގޯލު މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް 45 ވަނަ މިނެޓުގައި ކާމިޔާބު ކުރީ މުހައްމަދު ސަލާހު އެވެ. ލިވަޕޫލްގެ ތިންވަނަ ގޯލު ވެސް ކާމިޔާބު ކުރީ ސަލާހު އެވެ. އެ ގޯލަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބު ކުރި ގޯލެކެވެ. ލިވަޕޫލްގެ ފަހު ގޯލު ކާމިޔާބު ކުރީ 80 ވަނަ މިނެޓުގައި ސަޑިއޯ މާނޭ އެވެ.

ރޭ ނަޕޯލީއާ ޕީއެސްޖީ ބައްދަލު ކުރި މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ ނަޕޯލީ އެވެ. އެ ގޯލު ނަޕޯލީއަށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ އިންސިންޔޭ އެވެ. ނަމަވެސް، ޕީއެސްޖީ އިން ވަނީ އެ ގޯލަށް ފަހު ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަތީޖާއެއްގެ ގޮތުން ނަޕޯލީގެ މާރިއޯ ރުއީ އަތުން ބައިކޮޅަށް ގޯލެއް ވަދެ މެޗުގެ ނަތީޖާއެއްވަރުވި އެވެ.

ނާޕޯލީއަށް ދެވަނަ ފަހަރަށް ލީޑު ނަގައިިދިނީ ބެލްޖިއަމްގެ ފޯވަޑް ޑްރީސް މާޓެންސް އެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމެން ދަނިކޮށް ޕީއެސްޖީ ސަލާމަތްކޮށްދިނީ އެންހެލް ޑިމާރިއާ އެވެ. އޭނާ އެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 90 މިނެޓު ކުޅެ ނިމި އިތުރު ވަގުތުގެ ހަތަރު މިނެޓުގެ ތެރޭގަ އެވެ.

ރޭގެ ނަތީޖާތަކާ އެކު ގްރޫޕް ސީގެ އެއްވަނާގައި ހަ ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ދެވަނާގައި ފަސް ޕޮއިންޓާ އެކު ނަޕޯލީ އޮތް އިރު ޕީއެސްޖީ ތިންވަނާގައި އޮތީ ޕީއެސްޖީ އެވެ. ތިން މެޗުން ޕޮއިންޓަކާ އެކު ރެޑް ސްޓާ ބެލްގްރޭޑް އޮތީ ގްރޫޕުގެ ފުލުގަ އެވެ.

comment ކޮމެންޓް